އަންހެންކުއްޖެއްގެ އިހްސާސް: އަހަރެންގެ އަތުގައި އެއްވެސް އެއްޗެއް ނެތެވެ.

މިއީ އަހަރެންގެ އަލަތު ކައިވެނީގެ ރެއެވެ. ހުދު ކުލައިގެ ކައިވެނި ހެދުމުގައި ހުރި އިރު އަހަންނަށް އިސް އުފުލާލަން ނުކެރެއެވެ .އާކައިވެނި ރޭ ކަމަށް ވީތީވެ ލަދު ގަންނަނީއެއް ނޫނެވެ. ލަދުގަންނަނީ ހެދުން ކ...

22 Dec 2017 | 06:02

މިއީ އަހަރެންގެ އަލަތު ކައިވެނީގެ ރެއެވެ. ހުދު ކުލައިގެ ކައިވެނި ހެދުމުގައި ހުރި އިރު އަހަންނަށް އިސް އުފުލާލަން ނުކެރެއެވެ .އާކައިވެނި ރޭ ކަމަށް ވީތީވެ ލަދު ގަންނަނީއެއް ނޫނެވެ. ލަދުގަންނަނީ ހެދުން ކިތަންމެ ސާފުވެފައި ހުދު ނަމަވެސް އަހަރެންގެ ހަޔާތަކީ ބޮޑެތި ކަޅު ލައްތަކުން ފުރިފައިވާ ހަޔާތަކަށް ވާތީއެވެ. އަދި އެއީ އަހަރެންގެ ސަބަބުން ޖެހިފައިވާ ލައްތަކަކަށް ވާތިއެވެ.

އަހަރެންގެ ބައްޕަ މަރުވި އިރު އަހަރެންގެ އުމުރުން އެންމެ 10 އަހަރެވެ. މަންމައާއި ބައްޕަގެ ހުރީ އަހަންނާއި އަހަރެންގެ ކުޑައަށް ފިރިހެން ކުއްޖެކެވެ. ނޫކަށިފުރައިގެ އުމުރުކަމުން ކަމަށް ވެދާނެއެވެ. މަންމަގެ ބަސް އެހުމަކީ އަހަންނަށް ކުރަން އުނދަގޫވި ކަމެކެވެ. ބައްޕައެއް ނެތި އެކަނި މާއެކަނި އަހަރުމެންނަށް އެއްވެސް ކަމެއް އުނިވިޔަނުދީ މަންމަ ކޮށްދެމުންދާ މަސައްކަތުގެ އަގުވަޒަން ކުރާކަށް އަހަންނަކަށް ނޭންގެއެވެ. އަހަރެން ގާތު ކަމެއް ނުކުރުމަށް މަންމަ އަންގާ ކޮންމެ ފަހަރަކު އަހަރެންގެ އުފާތަކަށް ހުރަސް އަޅަނީ ކަމަށް އަހަންނަށް ވިސްނެމުން ދިޔައެވެ.

އަހަންނަށް ތޭރަ އަހަރު ފުރުނު ދުވަހު ކުއްޖަކާއި ރައްޓެހިވީމެވެ. ނޫނެކެވެ. އަހަރެން ލޯބީގެ ގޮތުން ގުޅުނީ 18 އަހަރުގެ ފިރިހެނަކާއެވެ. އޭނާ ވަރަށް ރަނގަޅެވެ. އަގު ބޮޑެތި ހަދިޔާ ހޯދައިދެއެވެ. މީރު އެއްޗެހި ކާން ކެފޭތަކާއި ހޮޓާތަކަށް ގެންދެއެވެ. ސައިކަލު ބުރުޖަހަން ކޮންމެ ރެއަކު ގެންދެއެވެ. އަހަރެން ހުންނަނީ އުފަލުން ފޮޅިފައެވެ. ރޭގަ ނޑު ގެއިން ބޭރަށް ނުދިޔުމަށް މަންމަ ނަސޭހަތް ދިނެވެ. ކިޔެވުމަށް ސަމާލުކަން ދިނުމަށް މަންމަ އާދޭސް ކުރިއެވެ. ނަމަވެސް މަންމަގެ އާދޭހަށް އަހަރެން ދިނީ ބީރު ކަންފަތެކެވެ.

ފަހުން ފަހުން އައިސް ސްކޫލު އިންޓަވަލް ގަޑީގައި އޭނާގެ ގެއަށް ދާން ފެށީމެވެ. އެއީ އޭނާ މާލޭގައި ކުއްޔަށް ހުންނަ ކޮޓަރިއަކަށެވެ. އެތަނަށް ގޮސް ފިލްމު ބަލައި ޕިއްޒާކައި ހަދަމެވެ. މަންމަ ބުނި ގޮތަކަށް އަހަރެންގެ ގަޔަށް އަތްލައި ގާތްވެ އުޅޭކަށް އޭނާއެއް ނޫޅެއެވެ. ވީމާ މަންމަގެ ބަސް އަނެއްކާވެސް އަހަރެންގެ ކުރިމަތީ ދަށްވިއެވެ. އޭނާގެ ގައިގައި ފުރަތަމަ އަތްލީ އަހަންނެވެ. ރައްޓެހިންގެ ހިތްވަރާއެކު އަހަރެން އެމީހުންގެ ބަހަށް ހެއްލި ދުނިޔޭގެ ގިރިޓީ ފެންގަނޑަށް އެރުނީމެވެ.

ކަންތައްތައް ދިޔައީ އަހަރެން ހީކުރިހާ "ސަޅި" ކޮށެއް ނޫނެވެ. ލޯބިވެރިޔާ އަހަރެންގެ ވީޑިޔޯ ނަގައި ލީކު ކުރާނަމޭ ބުނެ ބިރުދައްކައި އަހަރެން ލައްވައި ހަށި ވިއްކުވީއެވެ. އަހަރެން ދެކޮޅެއް ނުހަދަމެވެ. އެއީ އަހަންނަށްވެސް ފައިސާ ލިބޭނެ ފަސޭހަ މަގަކަށް ވުމުންނެވެ. އަހަރެން ސްކޫލުން ކެނޑުނު ދުވަހު މަންމަ އަހަރެން ގައިގައި ތަޅައި ހެދިއެވެ. ނަމަވެސް އަހަރެން ގެއަށް ފައިސާ ގެންނަން ފެށުމުން ހަމަޖެހުނެވެ. ދޭތެރެއަކުން އަހަރެން އަދާކުރަނީ ކޮން ވަޒީފާއެއްތޯ އަހައެވެ. އަހަރެން ހުންނަނީ މާ ކުރިން އެސުވާލަށް ތައްޔާރުވެއެވެ.

އުމުރުން 13 އަހަރުން ފެށިގެން ކުރެވެމުން ދިޔައީ ކިހާ ބޮޑު ފާފައެއްކަން އަހަންނަށް ވިސްނުނީ އޭގެ 10 އަހަރު ފަހުންނެވެ. އޭރު މުޅި ސޯޝިއަލް މިޑިއާގައި އަހަރެން "ބޮޑު ގުޅަ" ވެއްޖެއެވެ. އަހަންނަކީ އެންމެން ދަންނަ ހަވަރު ތުންފުއްސަކަށް ވެއްޖެއެވެ. އަހަންނަށް ވިސްނުނީ އެއްދުވަހަކު އަހަރެން ގާތަށް ޚިދުމަތް ހޯދަން އައި މީހެއްގެ ސަބަބުންނެވެ.  އޭނާ އައީ އަހަރެންގެ ބޭނުން ކުރާކަށް ނޫނެވެ. އޭނާ އައީ އަހަރެން ވެއްޓިފައި އިން އަނދަވަޅުން ސަލާމަތް ކޮށްދޭން ކަމަށް އޭނާ ބުންޏެވެ. އޭނާ އަހަންނަށް ދެއްކީ އެކިތަންތަނުގައި މީހުން އަހަންނާ މެދު ދައްކާފައިވާ ވާހަކަތަކެވެ. ސޯޝިއަލް މީޑިއާގައި ހުރި އަހަރެންގެ ފޮޓޯތަކާއި ވީޑިޔޯތަކާ މެދު ނަފްރަތު ފާޅުކުރުމާއި އިންޒާރުތައް ދީފައިވާ ތަނެވެ. އަހަންނަށް ވިސްނެން ފެށިއެވެ. އަހަންނަށް ހީވީ ހުވަފެނަކުން ހޭލެވުނު ހެންނެވެ. ކުއްލިޔަކަށް ހަފަރާތް އަނދިރިވެފައި ވާތަން އަހަންނަށް ފެންނަހެން ހީވިއެވެ.

އޭނާއާއި ދިމާވުމަށްފަހު އަހަރެންގެ މަސައްކަތާއި އަހަރެން ދުރުވީމެވެ. ތައުބާ ވީމެވެ. އަލުން އާ މީހެއްގެ ގޮތުގައި ދުނިޔެއަށް ނިކުންނަން ބޭނުންވިއެވެ. ނަމަވެސް ދުނިޔެ އަލުން އަހަރެން ބަލައި ގަންނާނެ ހެއްޔެވެ؟ ގެއްލުނު އަބުރު އަނބުރާ ލިބޭނެ ހެއްޔެވެ؟ އަހަރެން އުޅުގޮތް ހަނދާންވާ ކޮންމެ ފަހަރަކު އަހަންނަށް ރޮވެއެވެ. އަހަރެންގެ ސޫރައަށް ބަލަންވެސް އަހަންނަށް ނުކެރެއެވެ. ގެއިން ނިކުންނަންވެސް ނުކެރެއެވެ. ވަޒީފާއަކަށް ތަނަކަށް ދާކަށްވެސް ނުކެރުނެވެ.

ކައިވެނި ކުރުމަކީ އަހަންނަށް ދުވަހަކުވެސް ނުކުރެވޭނޭ ކަމެއް ކަމަށް ޤަބޫލު ކުރެވުނެވެ. އަހަރެން ފަދަ މުޑުދާރު މީހަކާއި އެއްވެސް މީހަކު ނީންނާނެކަން އަހަންނަށް އެނގެއެވެ. ނަމަވެސް މިއަދު އަހަރެން މިހުރީ ކައިވެނީގެ ހެދުމުގައެވެ. އަހަރެން ކައިރީގައި ހުރީ އަހަންނަށް އަލިމަގު ދައްކައިދިން ޒުވާނާއެވެ. އޭނާ އަހަންނަށް އާ ހަޔާތެއް ހޯދައިދީފިއެވެ. އަހަރެން ދުނިޔޭގައި ހިނގާނެ ސާފު މަގެއް ދައްކައިދީފިއެވެ. އޭނާގެ ހިމާޔަތުގެ ދަށަށް ގެނެސްދީފިއެވެ. ނަމަވެސް... އަހަރެންގެ އަތުގައި އޭނާއަށް ދޭނެ އެއްވެސް އެއްޗެއް މިހާރު ނެތެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް