ކަސްޓަމްސްއޮމް ސާވައިލަންސް ޑްރޯން ބޭނުން ކުރަން ޓްރެއިން ވަނީ -- ފޮޓޯ: ކަސްޓަމްސް
މޯލްޑިވްސް ކަސްޓަމްސްގެ ޚިދުމަތަށް 136 އަހަރު ފުރުމާ ދިމާކޮށް ރޭ ބޭއްވި ރަސްމިއްޔާތުގައި، ސަވައިލަންސް ޑްރޯނާއި ބޮޑީވޯން ކެމެރާ ރަސްމީކޮށް ބޭނުންކުރަން ފަށައިފިއެވެ.
ކަސްޓަމްސްއިން ބުނީ މި ޑްރޯނަކީ އޮސްޓްރޭލިއާ ސަރުކާރުން ކަސްޓަމްސްއަށް ހަދިޔާކޮށްފައިވާ ވަސީލަތެކެވެ. ބޮޑީވޯން ކެމެރާ ފޯރުކޮށްދީފައި ވަނީ އެމެރިކާ ސަރުކާރުންނެވެ.
ރޭގެ ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު ޢަލީ އިޙުސާން ވިދާޅުވީ ޑްރޯނު މެދުވެރިކޮށް ކަސްޓަމްސް ކޮންޓްރޯލް ސަރަޙައްދުތައް ފާރަވެރިކަމާ އެކު ބެލެހެއްޓޭނެ ކަމަށާއި، ބޮޑީވޯން ކެމެރާގެ ސަބަބުން ތަޙުޤީޤުތަކާއި ޢާންމު މަސައްކަތްތައް އިތުރަށް ހަރުދަނާ ވެގެންދާނެ ކަމަށެވެ.
"ޑްރޯންގެ ޒަރީއާއިން، އާންމުކޮށް ނުދެވޭ ހިސާބުތަކަށް އަވަސްކަމާއެކު ގޮސް، އެ ހިސާބުން ފެށިގެން އޮޕަރޭޝަންތަކަށް ބޭނުންވާ ގައިޑެންސް އޭގެ ޒަރީއާއިން ހޯދައި، އަދި އިންޓެލިޖެންސް މައުލޫމާތު އެއްކޮށް، ހަމައެއާ އެކު ސަރަހައްދަށް ވަދެ ނުކުމެ ހަދާ ބޯޓުފަހަރުތަކާއި އުޅަނދުފަހަރުތައް ބެލެހެއްޓުމާއި އަދި ކަސްޓަމްސް އިން ކަނޑުމަތީގައި ހިންގަމުންދާ ނުރައްކާތެރި އުނދަގޫ އޮޕަރޭޝަންތައް މޮނިޓާ ކުރުން ކަހަލަ މި ހުރިހާ ކަމަކީ މިފަދަ ވަސީލަތްތަކެއްގެ ބޭނުންކޮށްގެން ކުރާނެ ކަންކަން،" މިނިސްޓަރު ވިދާޅުވިއެވެ.
ބޮޑީވޯން ކެމެރާއާ ގުޅޭ ގޮތުން މިނިސްޓަރު ފާހަގަކުރެއްވީ، އެ ވަސީލަތަކީ ހަމައެކަނި އޮޕަރޭޝަންތަކުގެ ސައްޙަކަން ކަށަވަރުކުރުމަށް ބޭނުންވާ އެއްޗެއް ނޫން ކަމަށާއި، މުވައްޒަފުންނާ ދިމާއަށް ތުހުމަތެއް އަމާޒުކުރެވޭ ޙާލަތުގައި އެ މުވައްޒަފުންގެ ރައްކާތެރިކަމަށް ވެސް ކޮންމެހެން ބޭނުންތެރި އާލާތެއް ކަމަށެވެ.
"ފުލުހުންގެ ހިދުމަތުގައި ބޮޑީ ވޯން ކެމެރާ ބޭނުންކުރުމުން އައި ނަތީޖާތަކުން އެބަ ދައްކުވައިދޭ. ލޯ އެންފޯސްމަންޓް އޭޖެންސީތަކުގެ ހުރިހާ ދިމާލެއްގައި ވެސް އާންމު ރައްޔިތުންނަށް ހިދުމަތްދޭން އެންގޭޖްވާ ހިސާބުންނާއި އަދި ތަހުގީގުތަކުގައި ކޮންމެހެން ބޭނުން ކުރަންޖެހޭ ޒަމާނީ ވަސީލަތެއްކަން މި ވަސީލަތަކީ،" މިނިސްޓަރު ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް