ފޮޓޯ: އެމްއެންޔޫ
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ އެމްއެންޔޫ މެރެތަންގައި ބައިވެރިވުމުގެ ފުރުޞަތު މިއަދު ހުޅުވާލައިފިއެވެ.
މި މެރަތަން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ އެޕްރީލު 23 ވަނަ ދުވަހު ހުޅުމާލޭ ސެންޓްރަލް ޕާކް ސަރަހައްދުގައި އެވެ.
މި މެރެތަންގައި 42 ކިލޯމީޓަރުގެ ފުލް މެރެތަނާއި، 21 ކިލޯމީޓަރުގެ ހާފް މެރެތަނާއި، 10 ކިލޯމީޓަރާއި ފަސް ކިލޯމީޓަރުގެ ރޭސް ހިމެނެއެވެ. މީގެ އިތުރުން ހަތަރު އަހަރާއި 12 އަހަރާ ދެމެދުގެ ކުދިންނަށް ޚާއްޞަ ދެ ކިލޯމީޓަރުގެ ކިޑްސް ޑޭޝް ވެސް ބާއްވާނެއެވެ. ކިޑްސް ޑޭޝްގައި ބެލެނިވެރިންނަށް ވެސް ކުދިންނާ އެކު ދުވުމުގައި ބައިވެރިވެވޭނެއެވެ.
ފުލް މެރެތަން ފެށުމަށް ހަމަޖެހިފައިވަނީ އެ ދުވަހުގެ ފަތިހު 2:00 ގައެވެ. ހާފް މެރެތަން ފަތިހު 4:00 ގައި ފެށޭ އިރު، 10 ކިލޯމީޓަރުގެ ރޭސް ފެށޭނީ 5:30 ގައެވެ. ފަސް ކިލޯމީޓަރުގެ ރޭސް ހެނދުނު 6:00 ގައި އަދި ކިޑްސް ޑޭޝް ހެނދުނު 7:00 ގައި ބޭއްވުމަށް ވަނީ ރާވައިފައެވެ. ހުރިހާ ރޭހެއް ވެސް ފެށޭނީ އަދި ނިމޭނީ ސެންޓްރަލް ޕާކް ސަރަހައްދުންނެވެ. ދުވާނީ ކަމާ ބެހޭ މުއައްސަސާގެ ހުއްދައާ އެކު ކަނޑައެޅޭ ފަސް ކިލޯމީޓަރުގެ ލޫޕެއްގައެވެ.
ކޮންމެ ރޭސް ގިންތިއެއްގެ އެންމެ މޮޅު ތިން ފިރިހެން އަދި ތިން އަންހެން ދުވުންތެރިންނަށް ފައިސާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ. މިދިޔަ އަހަރެކޭ އެއްގޮތަށް 65 އަހަރުން މަތީގެ ދުވުންތެރިންނަށް ޚާއްޞަ ގިންތިތައް ހިމެނޭ އިރު، އެ ގިންތިން ވާދަކުރާ އެންމެ މޮޅު އަންހެން އަދި ފިރިހެން ދުވުންތެރިޔަކަށް ކޮންމެ ގިންތިއެއްގައި ވެސް އެންމެ މަތީ އިނާމު ލިބޭނެއެވެ. ރޭސް ނިންމާ ހުރިހާ ދުވުންތެރިންނަށް މެޑެލް ލިބޭނެއެވެ.
ބައިވެރިވާ ކޮންމެ ދުވުންތެރިއަކަށް ޓީޝާޓަކާއި ރޭސް ބިބް ހިމެނޭ ރޭސް ކިޓެއް ދޫކުރާނެއެވެ. ރޭސް ކިޓް ދޫކުރުމުގެ އެކްސްޕޯ 2027 ވަނަ އަހަރުގެ އެޕްރީލު 13 އަދި 15 ވަނަ ދުވަހު މެންދުރު 14:00 އިން ރޭގަނޑު 20:00 އަށް ޤައުމީ ޔުނިވަރސިޓީގެ އޭ ބުލޮކް އޮޑިޓޯރިއަމްގައި ބާއްވާނެއެވެ.
ރޭސް ކުރިއަށްދާ ވަގުތު ދިމާވެދާނެ ޞިއްޙީ ހާލަތަކަށް ތައްޔާރުވެ، އެމްއެންޔޫގެ މެޑިކަލް ޓީމަކާއި އެމްބިއުލެންސް ތައްޔާރީ ހާލަތުގައި އޮންނާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް