މައްސަރު ކަންތަކާއި ގުޅިގެން އަންހެނުންގެ ހަޖަމުގެ ނިޒާމަށް ކޮންމެ ހަފްތާއަކު އަންނަ ބަދަލުތައް!

22 Nov 2026 | 15:02
މައްސަރު ކަންތަކާއި ގުޅިގެން އަންހެނުންގެ ހަޖަމުގެ ނިޒާމަށް ކޮންމެ ހަފްތާއަކު ބަދަލުތަކެއް އާދޭ --

މައްސަރު ކަންތަކާއި ގުޅިގެން އަންހެނުންގެ ހަޖަމުގެ ނިޒާމަށް ކޮންމެ ހަފްތާއަކު ބަދަލުތަކެއް އާދޭ --

މައްސަރު ކަންތަކުގެ ހޯމޯންސްއަށް އަންނަ ބަދަލުތަކާ ގުޅިގެން އަންހެނުންގެ ހަޖަމުކުރުމުގެ ނިޒާމަށް ކޮންމެ ހަފުތާއެއްގައި ވެސް ތަފާތު އަސަރުތަކެއް ކުރާ ގޮތް އިންޑިއާގެ މަޝްހޫރު ނިއުޓްރިޝަނިސްޓެއް ކަމަށްވާ ދީޕްސިކާ ޖައިން ބުނެފި އެވެ.

ގިނަ އަންހެނުންނަށް ހަފުތާއިން ހަފުތާއަށް ކާހިތްވުމާއި ބަނޑު ފުއްޕުމާއި ބޮޑުކަމުދިޔުމުގެ އާދަ ބަދަލުވާ ސަބަބު ގުޅިފައި އޮންނަނީ މައްސަރުގެ ހަތަރު މަރުހަލާގައި ހޯމޯންތައް ބަދަލުވާ ގޮތާ ކަމަށް ސޯޝަލް މީޑިއާގައި އޭނާ ހިއްސާ ކުރި މައުލޫމާތުތަކެއްގައި ބުނެފި އެވެ.

Advertisement

އޭނާ ބުނި ގޮތުގައި ފުރަތަމަ ހަފުތާ ކަމަށްވާ ލޭ އަންނަ ދުވަސްވަރު، ޕްރޮސްޓެގްލެންޑިންސް ގިނައިން ބޭރުވުމާ ގުޅިގެން ގޮހޮރު ހަރަކާތްތެރިވެ ބައެއް އަންހެނުންނަށް ބޭރަށް ހިންގުމުގެ އުނދަގޫ ކުރިމަތިވެއެވެ. މި ދުވަސްވަރު ބަނޑުގެ ތިރީ ބައިގައި ރިއްސުމަކީ ވެސް ޢާންމު ކަމެކެވެ.

ދެވަނަ ހަފުތާ ކަމަށްވާ އޯވަރީގައި ބިސް އުފެދި ފައްކާވުމާއި، ރަހިމުގެ އެތެރޭގެ ފަށަލަ ބޯވުމުގެ މަސައްކަތް ކުރިއަށްދާ މަރުހަލާގައި ޕްރޮޖެސްޓެރޯން ދަށްކޮށް ހުރެ އީސްޓްރޮޖެން މައްޗަށް ދާތީ، ހަޖަމުކުރުން އެންމެ ރަނގަޅަށް ހިނގާ ދުވަސްވަރަކީ މިއީ ކަމަށް ދީޕްސިކާ ފާހަގަކޮށްފައިވެއެވެ.

ތިންވަނަ ހަފުތާ ކަމަށްވާ ބިސް ދޫކުރާ މަރުހަލާގައި އީސްޓްރޮޖެން އެންމެ މައްޗަށް ގޮސް ދެން ތިރިވާ އިރު ޕްރޮޖެސްޓެރޯން މައްޗަށް ދާން ފަށައެވެ. މި ދުވަސްވަރު ކުޑަކޮށް ބަނޑު ފުއްޕުމާއި ހަޖަމުކުރުން ނާޒުކުވުން ފެނުނު ނަމަވެސް ގިނަ އަންހެނުންނަށް ބޮޑުކަމުދިޔުން ހުންނާނީ ހަމައަކަށް އެޅިފައި ކަމަށް ދީޕްސިކާ ބުނެފައިވެއެވެ.

ހަތަރު ވަނަ ހަފުތާ ކަމަށްވާ އަނެއްކާވެސް މައްސަރު ކަންތައް ވާން ކައިރިވުމުގެ މަރުހަލާގައި ޕްރޮޖެސްޓެރޯން އެންމެ މައްޗަށް ގޮސް، ގޮހޮރުގައި ކާތަކެތި ދަތުރުކުރާ ހަލުވިމިން ލަސްކޮށްލައެވެ.

މައްސަރު ދައުރުގެ ކޮންމެ މަރުހަލާއެއްގައި ވެސް ހަޖަމުކުރުމަށް އަންނަ ބަދަލު ގުޅިފައި އޮންނަނީ އީސްޓްރޮޖެން އާއި ޕްރޮޖެސްޓެރޯން ލެވެލް އުފުލި ތިރިވާ ގޮތާ ކަމަށް ވާތީ، މި ބަދަލުތައް ދެނެގެން ކެއުމުގެ ވައްޓަފާޅި ބައްޓަންކުރުމުން ފައިދާ ކުރާނެ ކަމަށް ބުނެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް