ޝާހިދު ހައްޔަރު ކުރީ ރަނގަޅަށް ކަމަށް ހައި ކޯޓުން ކަނޑައަޅައިފި

22 Nov 2026 | 14:31
އަބްދުﷲ ޝާހިދު -- ފޮޓޯ: އެމްޑީޕީ

އަބްދުﷲ ޝާހިދު -- ފޮޓޯ: އެމްޑީޕީ

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ހައްޔަރު ކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު ސައްހަ ކަމަށް ހައި ކޯޓުން ކަނޑައަޅައިފި އެވެ.

އެ މައްސަލައިގަ ޝާހިދު ހައްޔަރު ކުރީ މިމަހުގެ ދެ ވަނަ ދުވަހު އެވެ. ހައްޔަރު ކުރުމަށް ފަހު ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ކްރިމިނަލް ކޯޓުން ވަނީ އޭނާ 30 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައި އެވެ.

Advertisement

އެ މައްސަލައިގަ ޝާހިދުގެ ފަރާތްޕުޅުން ހައި ކޯޓުގައި އިސްތިއުނާފު ކުރީ މިމަހުގެ ފަސް ވަނަ ދުވަހު އެވެ.

އެ މައްސަލައިގަ އެއް އަޑުއެހުން ސިއްރުން ކުރިޔަށް ގެންދިއުމަށް ފަހު މިއަދު ބޭއްވި ގޮތެއް ކަނޑައެޅުމުގެ އަޑުއެހުމުގައި ހައި ކޯޓުން ނިންމީ ދަށު ކޯޓުގެ އެ ނިންމުމަށް ބަދަލު ގެންނަންޖެހޭ އެއްވެސް ޤާނޫނީ ސަބަބެއް ނެތް ކަމަށެވެ. އެހެންކަމުން ކްރިމިނަލް ކޯޓުން ނެރުނު 30 ދުވަހުގެ ބަންދު އަމުރު ދެމެހެއްޓުމަށް ހައިކޯޓުން ވަނީ ތާއީދު ކޮށްފައި އެވެ.

ފުލުހުންގެ ތަހުގީގަށް ހުށަހަޅާފައިވާ ހެކިތަކަށާއި، ތުހުމަތު ކުރެވޭ މައްސަލައިގެ ކުޑަބޮޑުމިނަށް ބަލާއިރު، މުޖުތަމައުގެ ރައްކާތެރިކަމަށްޓަކައި އަދި ތަހުގީގުގެ މަސްލަހަތަށްޓަކައި އޭނާ ބަންދުގައި ބަހައްޓަން ނިންމި ނިންމުމަކީ ޤާނޫނީ އިޖުރާއަތްތަކާ އެއްގޮތަށް ނިންމާފައިވާ ނިންމުމެއް ކަމަށް ކޯޓުގެ ހުކުމުގައި ފާހަގަކޮށްފައިވެއެވެ.

ޝާހިދުގެ މައްޗަށް ކުރެވޭ މި ތުހުމަތުތަކަށް އޭނާ ވަނީ ފުރިހަމައަށް އިންކާރު ކުރައްވައިފައެވެ. އަދި މިއީ ސިޔާސީ މަގުސަދެއްގައި، އަބުރު ކަތިލުމުގެ ނިޔަތުގައި ބަޔަކު ކުރަމުންދާ ކަމެއް ކަމަށް ޝާހިދު ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް