ސޯޝަލް މީޑީއާގައި ބިދޭސީން ހިންގާ ވިޔަފާރި ޕޭޖުތައް --
ރާއްޖޭގައި ދިރިއުޅޭ ބިދޭސީން ޓިކްޓޮކް ފަދަ ސޯޝަލް މީޑިއާ ޕްލެޓްފޯމުތައް މެދުވެރިކޮށް ހިންގާ ވިޔަފާރިތަކުގެ މައްސަލަ، ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ ކަންކަން ބެލުމަށް އެކުލަވައިލާފައިވާ ޓާސްކްފޯހުން ބަލަން ފަށައިފިއެވެ.
ބިދޭސީން އޮންލައިންކޮށް ހެދުން ވިއްކުމާއި، ދިރިއުޅޭ ތަންތަނުގައި ކޭކާއި ކާބޯތަކެތި ތައްޔާރުކޮށް ވިއްކުމާއި، ގިފްޓް ޕެކް ހެދުން ފަދަ ވިޔަފާރިތައް ފުޅާ ދާއިރާއެއްގައި ހިންގާކަން ފާހަގަކުރެވެއެވެ. އަދި ކާރާއި ސައިކަލު ޓެކްސީ ކުރާ ދެ ޖިންސުގެ ބިދޭސީންގެ މައްސަލަ މިފަހަކަށް އައިސް ވަނީ ބޮޑުވެފައި އެވެ.
މިފަދަ ވިޔަފާރިތަކުގެ ސަބަބުން ދިވެހީން ކުރާ ވިޔަފާރިތަކަށް ގެއްލުންވާ ކަމަށް ބުނެ ޢާންމުންގެ ކަންބޮޑުވުން ވެސް ބޮޑުވެފައިވެއެވެ.
ހޯމް މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރު އަދި އެ މިނިސްޓްރީގެ ތަރުޖަމާނު ފާތިމަތު ރިފާތު މީޑިއާގައި ވިދާޅުވީ މި މައްސަލަ މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. ބިދޭސީން މި ގޮތަށް ވިޔަފާރިކުރުމަކީ މަނާ ކަމެއް ކަމަށާއި، ޓާސްކްފޯހުން އެ މައްސަލަ ބަލަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީން ހިންގާ ވިޔަފާރިތައް ހުއްޓުވައި އެ ފަރާތްތައް އެ މީހުންގެ ޤައުމުތަކަށް ފޮނުވައިލުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ. އެ މަސައްކަތުގެ ތެރެއިން ހިންގާ އެންފޯސްމަންޓް އޮޕަރޭޝަންތަކުގައި ޢާންމުކޮށް ފާހަގަކުރެވެނީ، ބިދޭސީ މަސައްކަތްތެރީން އަތުގައި މުއްދަތު ހަމަނުވާ ވިސާއެއް އޮތް ނަމަވެސް، ދޫކޮށްފައިވާ ހުއްދައިގެ ބޭރުން ތަފާތު ތަންތަނުގައި ނުވަތަ ހުއްދަ ލިބިފައި ނުވާ އެހެން މަސައްކަތްތަކުގައި ހަރަކާތްތެރިވާ މައްސަލަ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.
މީގެ ކުރިން ވަނީ އިމިގްރޭޝަނާއި ޓާސްކްފޮސް ގުޅިގެން ހިންގި އޮޕަރޭޝަންތަކުގައި ގޭގޭގައި ކާބޯތަކެތި ހަދައިގެން ފިހާރަތަކަށް ވިއްކަންލާ ބިދޭސީން ހައްޔަރުކޮށްފައިވެ އެވެ. އޭގެ ތެރޭގައި ގިނައީ ގަވައިދާ ހިލާފަށް ރާއްޖޭގައި މަސައްކަތް ކުރަމުންދިޔަ މީހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް (1)
ސުނާޗާ ވެސް މިލިއަނަރަކަށް ވެއްޖެ