ދިޔަމިގިލީ ސްކޫލުގެ ތިން ބުރީގެ އިމާރާތުގެ މަސައްކަތް ސިފައިން ނިންމައިފި

22 Nov 2026 | 12:55
ސިފައިން އިމާރާތް ކުރި ދިޔަމިގިލީ ސްކޫލް -- ފޮޓޯ: އެމްއެންޑީއެފް

ސިފައިން އިމާރާތް ކުރި ދިޔަމިގިލީ ސްކޫލް -- ފޮޓޯ: އެމްއެންޑީއެފް

ތ. ދިޔަމިގިލީ ސްކޫލުގައި އެމްއެންޑީއެފް ސަރވިސް ކޯރގެ މިލިޓަރީ އިންޖިނިއަރސް (އެމްއީ) އިން ތަރައްޤީކުރި ތިން ބުރީގެ އިމާރާތުގެ ހުރިހާ މަސައްކަތެއް ނިންމައިފިއެވެ.

މިދިޔަ މާޗް މަހުގެ 31 ވަނަ ދުވަހު ފެށި އެ މަސައްކަތް އެއްކޮށް ނިންމާލީ އިއްޔެ އެވެ.

Advertisement

އެމްއެންޑީއެފުން ބުނީ 235 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށް ޓަކައި ސިފައިން ރެޔާއިދުވާލު މެދުނުކެނޑި މަސައްކަތްކޮށްފައިވާ ކަމަށެވެ. ކުރިން ހުރި އިމާރާތުގެ ސްޓްރަކްޗާ ވަރުގަދަކުރުމުގެ ގޮތުން ގެއްލުން ލިބިފައި ހުރި ތަންތަން މަރާމާތުކޮށް، އިތުރު ކޮލަމްތައް ޖެހުމާ އެކު ކޮންކްރީޓް މަސައްކަތާއި ރޭނުމާއި ސިމެންތި ޖެހުމާއި ފުރާޅުގެ މަސައްކަތްތައް ވެސް ހިމެނޭ ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.

އިމާރާތުގެ ކުލާސްރޫމްތަކާއި ފާޚާނާތަކާއި ސިޑިގޮޅީގައި ސީލިންގކޮށް ތަށިމުށި ޖެހުމާއި ކޯރިޑޯތަކާއި ސިޑިތަކުގައި ރެއިލިން ހަރުކުރުމުގެ އިތުރުން ފެން ވައިރުކުރުމާއި ކަރަންޓް ނެޓްވޯކް ޤާއިމުކުރުމާއި އައިސީޓީ ނަރުތައް އެޅުމާއި ސަރވަރ ރެކް އަދި ޕީއޭ ސިސްޓަމް ހަރުކުރުމާއި ފަޔަރ އެކްސްޓިންގުއިޝާ ބެހެއްޓުމާ ހަމައަށް ހުރިހާ ކަމެއް ސިފައިން ކޮށްފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.

މަޝްރޫޢުގެ މެނޭޖަރެއްގެ ގޮތުގައި ހަރަކާތްތެރިވެފައި ވަނީ އެމްއީގެ ވޮރަންޓް އޮފިސަރ 2 ޖަޢުފަރު މުޙައްމަދެވެ. އެސިސްޓެންޓް މެނޭޖަރަކީ އެމްއީގެ ފަސްޓް ސާޖަންޓް އަޙްމަދު ޚާލިދެވެ. ސަރވިސް ކޯރގެ ސިގްނަލްސްއާއި އިލެކްޓްރިކަލް އެންޑް މެކޭނިކަލް އިންޖިނިއަރސް (އީއެމްއީ) ގެ ޓެކްނިކަލް އެހީތެރިކަމާއި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑުގެ އެއްބާރުލުން ވެސް މި މަޝްރޫޢަށް ލިބިފައިވާ ކަމަށް އެމްއެންޑީއެފުން ފާހަގަކޮށްފައިވެއެވެ.

މަޝްރޫޢު ފެށީއްސުރެ ނިމެންދެން ދިޔަމިގިލީ ރައްޔިތުން ވެސް ބައެއް މަސައްކަތްތަކުގައި ޢަމަލީ ގޮތުން ބައިވެރިވެ، ސިފައިންނަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް