މީގެ ކުރިން ރާއްޖެއިން ފެނުނު ކަމުގެ ރެކޯޑެއް ނެތް "ރުފަސް-ޓެއިލްޑް ރޮކް ތުރަޝް" ބާވަތުގެ ދެ ދޫންޏެއް މ. މުލިން ފެނި، ފޮޓޯއާ އެކު ރަސްމީކޮށް ރެކޯޑް ކޮށްފި އެވެ.
އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރުއޭ) އިން މިދިޔަ ހަފުތާގައި ޢާންމުކުރި ރިޕޯޓުގައި ބުނެފައިވާ ގޮތުން، 2024 ވަނަ އަހަރުގެ އޮކްޓޫބަރު 26 އާއި 30 އާ ދެމެދު މ. އަތޮޅުގައި ހިންގި އިކޮލޮޖިކަލް ސާވޭއެއްގައި ހަރަކާތްތެރިވި ޓީމަށް މުލީގެ ދަނޑުވެރިކަމުގެ ސަރަޙައްދެއް ކައިރިން މި ބާވަތުގެ ދެ ދޫނި ފެނިފައިވެއެވެ. އެ ސާވޭ ކުރިއަށް ގެންދިޔައީ ތިމާވެށީގެ ގޮތުން ފާހަގަކޮށްލެވޭ އަދި ހިމާޔަތް ކުރެވިދާނެ ސަރަޙައްދުތައް ދެނެގަތުމުގެ ބޭނުމުގައެވެ.
ފެނުނު ދެ ދޫނީގެ ތެރެއިން އެކަތި ރުކެއްގެ ކުރީގައި ޖައްސައިގެން އިން އިރު، އަނެއް ދޫނި ގަސްބޯ ސަރަޙައްދެއްގެ ތެރެއަށް ވަދެގެން ގޮސްފައިވާ ކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ.
ރާއްޖެއިން ފެނުނު ފުރަތަމަ ފަހަރު ކަމަށް ވާތީ މި ދޫންޏަށް ދިވެހި ނަމެއް އަދި ކަނޑައެޅިފައެއް ނުވެއެވެ. މޫސުމީ ބަދަލުތަކާ ގުޅިގެން ހިޖުރަކުރާ މަގުތައް ބަދަލުވަމުން ދާތީ، ޚާއްޞަކޮށް ހިޖުރައިގެ ދުވަސްވަރު ރާއްޖޭގެ ރަށްރަށުގައި ދޫނި މޮނިޓަރކޮށް ދިރާސާކުރުން މެދުނުކެނޑި ކުރިއަށް ގެންދިއުމުގެ މުހިންމުކަން އީއާރުއޭއިން ފާހަގަކޮށްފައިވެއެވެ.
ޢާންމު ގޮތެއްގައި ޔޫރަޕާއި މެދުތެރޭ އޭޝިޔާ އާއި އެފްރިކާ އަދި ޗައިނާގެ ފަރުބަދަމަތީ އުސް ހިސާބުތަކުގައި އުޅޭ ދޫންޏެއް ރާއްޖެ ފަދަ ބިންތިރި ޖަޒީރާ ޤައުމަކުން ފެނުމަކީ ތިމާވެށީގެ ނަޒަރުން ބަލާއިރު ވަރަށް އާދަޔާޚިލާފު ކަމެއް ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
އީއާރުއޭއިން ބުނެފައިވާ ގޮތުގައި އެ ދޫންޏަކީ އުތުރު އިންޑިޔާއިން ޢާންމުކޮށް ފެންނަ ބާވަތެއް ނަމަވެސް، ދެކުނު އިންޑިޔާގެ ކަރްނާޓަކާއިން 2013 އާއި 2020 ގައި އަދި ކެރެލާއިން 2015 ގައި ވަރަށް މަދުން ފެނިފައިވެއެވެ.
ދިގު ދަތުރުތައް ކުރާ ހިޖުރަވެރި ދޫނިތައް ޢާންމު މަގުން ބޭރުވާ ސަބަބުތަކުގެ ތެރޭގައި މޫސުމީ ބަދަލުތަކާއި ދިރިއުޅޭ މާހައުލު ހަލާކުވުމާއި މިސްރާބު އޮޅުން ހިމެނޭ ކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ.
އެ އިދާރާއިން ވަނީ ރާއްޖޭގެ އައިންމަތީ ދޫންޏާއި ހިޖުރަވެރި ދޫނިތަކާއި އައްޑޫގެ ދޮންދީނީގެ މަޢުލޫމާތު ޢާންމުންނަށް ރިޕޯޓް ކުރެވޭ ސިޓިޒަން ސައިންސް ޓޫލެއް ވެސް މިދިޔަ ހަފުތާގައި ތަޢާރަފުކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް