ގޭގައި ހުންނަ ވައިފައި ރައުޓަރު ބައެއް ތަކެއްޗާ ކައިރީގައި ބެހެއްޓުމުން ސިގުނަލް ދަށްވޭ --
ގޭގައި ހުންނަ ވައިފައި ރައުޓަރު ބައެއް ތަކެއްޗާ ކައިރީގައި ބެހެއްޓުމުން ސިގުނަލް ދަށްވެ، އިންޓަނެޓުގެ ބާރުމިނަށް ބޮޑު އަސަރެއް ކުރާ ކަމަށް ޓެކް ތަޖުރިބާކާރުން ބުނެ އެވެ.
ގިނަ ބަޔަކު ރައުޓަރު ގޭގެ ކޮންމެވެސް ހަރުގަނޑެއްގައި ނުވަތަ ޓީވީ ފަހަތުގައި ބައިންދާފައި ދެން އެއާ މެދު ނުވިސްނައެވެ. ނަމަވެސް ރައުޓަރުގެ ވަށައިގެންވާ ތަކެއްޗަކީ ވައިފައި ސިގުނަލަށް ހުރަސް އެޅިދާނެ ބާވަތްތަކެއްކަން ގިނަ މީހުންނަށް ނޭނގެއެވެ.
އެގޮތުން ރައުޓަރާ ދުރުގައި ބައްވަންޖެހޭ ފުރަތަމަ އެއްޗަކީ މައިކްރޮވޭވް އަވަނެވެ. ގިނަ ވައިފައި ނެޓްވޯކުތައް ބޭނުންކުރާ 2.4 ގިގަހާޓްޒް ފްރީކުއެންސީގައި މައިކްރޮވޭވް ވެސް މަސައްކަތްކުރާތީ، ދެ ޑިވައިސް ކައިރީގައި ހުރެއްޖެ ނަމަ ސިގުނަލް މައްސަލަ ދިމާވެދާނެއެވެ.
ދެވަނައަށް ސަމާލުވާން ޖެހެނީ ބޮޑެތި ދަގަނޑު ތަކެއްޗާ މެދުގައެވެ. ދަގަނޑު ކަބަޑު ނުވަތަ ފައިލިން ކެބިނެޓް ފަދަ ތަކެތީގެ ބިއްލޫރިން ސިގުނަލް ރިފްލެކްޓް ކުރުވައި، ފެތުރޭ ގޮތަށް ހުރަސް އެޅެއެވެ. ދަގަނޑު ކަބަޑެއްގެ ތެރެއަށް ރައުޓަރު ލައިފި ނަމަ ސިގުނަލް ވަރަށް ބޮޑަށް ދަށްވެ އެވެ.
ތިންވަނައަށް ބަލާލަންވީ ކޯޑްލެސް ފޯނާއި އޭގެ ބޭސް ސްޓޭޝަނެވެ. ބައެއް ކޯޑްލެސް ފޯނުތައް ވެސް 2.4 ގިގަހާޓްޒް ބޭންޑުގައި ހިނގާތީ، ރައުޓަރު ގާތުގައި ބޭސް ސްޓޭޝަން ހުރެއްޖެ ނަމަ ދެ ޑިވައިސް އެއް ފްރީކުއެންސީ ޝެއާކުރާތީ ވައިފައި ސިގުނަލް ކެނޑި ކެނޑި ހިނގައިދާނެއެވެ.
ހަތަރު ވަނައަށް އެކުއޭރިއަމް ނުވަތަ ބޮޑެތި ފެން ކޮންޓެއިނަރު ރައުޓަރާ ޖެހިގެން ނުބެހެއްޓުމަށް ސަމާލުވާން ޖެހެއެވެ. ފެނަކީ ރޭޑިއޯ ފްރީކުއެންސީ ހަކަތަ ދަމައިގަންނަ މާއްދާއެއް ކަމުން، ބޮޑު ފެން ޓޭންކެއް ރައުޓަރާ ދެމެދު ހުރެއްޖެ ނަމަ އެ ފަރާތުގައި ހުންނަ ޑިވައިސްތަކަށް ސިގުނަލް ފޯރުމަށް ހުރަސް އެޅެއެވެ.
ފަސްވަނައަށް ސަމާލުވާން ޖެހެނީ ރައުޓަރު ބަންދު ތަނެއްގައި ނުވަތަ ބޯ ކޮންކްރީޓް ފާރެއްގެ ފަހަތުގައި ނުބެހެއްޓުމަށެވެ. ބޯ ފާރުތަކާއި ބަންދު ކަބަޑުތައް ސިގުނަލް ދެރަކުރާތީ، ރައުޓަރު ގޭގެ މެދެއްހާ ހިސާބުގައި ހުޅުވިފައިވާ ތަނެއްގައި ބެހެއްޓުމުން ސިގުނަލް މާ ރަނގަޅަށް ފެތުރޭނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް