ފާރުގައި ލާ ރެނދުތަކުން ވަދެ ގޭގައި ޖަމާވާ ރެޑޯން ގޭސް، ކެންސަރު ޖެހޭ، ފުއްޕާމެއަށް ބިރެއް!

22 Nov 2026 | 10:27
ފާރުގައި ލާ ރެނދުތަކުން ވަދެ ގޭގައި ޖަމާވާ ރެޑޯން ގޭސް، ކެންސަރު ޖެހޭ، ފުއްޕާމެއަށް ބިރެއް!

ދުނިޔޭގައި އެންމެ ގިނައިން ފެންނަ ކެންސަރުގެ ބާވަތް ކަމުގައިވާ ފުއްޕާމޭގެ ކެންސަރަށް މީހުން ހުށަހެޅޭ މައިގަނޑު ހަތް ސަބަބާއި އެ ނުރައްކާ ކުޑަކުރެވޭނެ ޢަމަލީ ގޮތްތައް، ތަޖުރިބާކާރުން ހިއްސާކޮށްފި އެވެ.

ކެންސަރާ ބެހޭ ދިރާސާތައް ހިންގާ ބައިނަލްއަޤުވާމީ އެޖެންސީ (އައިއޭއާރުސީ) ގެ ތަފާސްހިސާބުތައް ދައްކާ ގޮތުން 2024 ވަނަ އަހަރު ފުއްޕާމޭގެ ކެންސަރުގެ 2.6 މިލިއަން މީހުންނަށް އަލަށް ޖެހިފައިވެ އެވެ. ހުރިހާ ބާވަތެއްގެ ކެންސަރުގެ ގާތްގަނޑަކަށް 12.8 ޕަސެންޓު ހިއްސާކުރާ ފުއްޕާމެއަކީ ކެންސަރުގައި އެންމެ ގިނަ މީހުން މަރުވާ ބާވަތުގެ ކެންސަރެވެ.

Advertisement

ފުއްޕާމޭގައި އާދަޔާ ޚިލާފު ހަލުވިމިނެއްގައި ސެލްތައް އިތުރުވެގެން ޖެހޭ މި ބައްޔަށް ވާސިލުވާން އެތައް އަހަރެއް ނަގާ ކަމަށާއި، ކުރީކޮޅު ޢާންމުކޮށް އެއްވެސް ޢަލާމާތެއް ނުފެންނަ ކަމަށް މި ބަލީގެ ހާއްސަ ތަޖުރިބާކާރެއް ކަމަށްވާ އިންޑިއާގެ އެޕޮލޯ ހޮސްޕިޓަލްގެ މެޑިކަލް އޮންކޮލޮޖިސްޓް ޑރ. ކަލްޔާނީ ޕްރެމްޗަންދުރާ ވިދާޅުވެފައިވެއެވެ.

ޑރ. ކަލްޔާނީ ފާހަގަކުރެއްވި ހަތް ނުރައްކާ އަސްލުތަކުގެ ތެރޭގައި ހިމެނެނީ ދުންފަތުގެ އިސްތިއުމާލު ކުރުމާއި އެހެން މީހުން ދުމަށް ހުށަހެޅުމާއި، ޖައްވު ތަޣައްޔަރުވުމާއި، މަސައްކަތުގެ މާޙައުލުގައި އެސްބެސްޓޯސް، ސިލިކާ އަދި ޑީސަލް ދުން ފަދަ ނުރައްކާ މާއްދާތަކަށް ހުށަހެޅުމެވެ. އަދި ރެޑޯން ގޭހަކީ ފުއްޕާމޭގެ ކެންސަރު ޖެހުމަށް އެންމެ ބޮޑަށް މަގުފަހިވާ ސަބަބެވެ.

ރެޑޯން އަކީ ހިލައާއި ފެނާއި ބިމުން އުފެދޭ، ލޮލަށް ނުފެންނަ، ރަހަ ނުދެނެގަނެވޭ، ވަސް ނުދުވާ ރޭޑިއޯއެކްޓިވް ގޭހެކެވެ. ގެދޮރާއި ޢިމާރާތްތަކުގެ ރެނދުތަކުން ވަދެ ބެދިފައި ހުންނަ ޖާގަތަކުގައި މި ގޭސް ޖަމާވެ، ނޭވާލާ ވައިގައި އޭގެ މިންވަރު މައްޗަށް ދެއެވެ.

އެމެރިކާގެ ތިމާވެށި ހިމާޔަތް ކުރާ އެޖެންސީ (އީޕީއޭ) ބުނާ ގޮތުން ރެޑޯން އަކީ އެ ޤައުމުގައި ފުއްޕާމޭގެ ކެންސަރު ޖެހޭ ދެވަނައަށް އެންމެ ބޮޑު ސަބަބެވެ.

ދުންފަތުގެ އިސްތިއުމާލު ނުކުރާ މީހުންގެ ތެރޭގައި ވެސް ފުއްޕާމޭގެ ކެންސަރު ޖެހޭ ކަމަށާއި، ހުރިހާ ކޭސްތަކުގެ 15 ޕަސެންޓާއި 25 ޕަސެންޓާއި ދެމެދުގެ ނިސްބަތެއް ހިއްސާކުރާ ކަމަށް ޑރ. ކަލްޔާނީ ވިދާޅުވެފައިވެއެވެ. ޢުމުރާއި، ޖައްވު ތަޣައްޔަރުވުމާއި، ވާރުތަ ޖީންތަކުގެ ނުރައްކާ ވެސް މީގެ ތެރޭގައި ހިމެނެއެވެ.

ނުރައްކާ ކުޑަކުރުމަށް ކުރެވެން ހުރި ބައެއް ކަންކަމުގެ ތެރޭގައި ދުންފަތުގެ އިސްތިޢުމާލު ހުއްޓައިލުމަށް ޕްރޮގުރާމްތަކާއި ބޭހާއި ކައުންސެލިންގެ އެހީ ހޯދުން ހިމެނެ އެވެ. އަދި ގެއާއި އުޅަނދުގައި ދުންފަތުން ސާފު މާޙައުލެއް ޤާއިމުކުރުމާއި، ޖައްވު ތަޣައްޔަރުވެފައިވާ ދުވަސްތަކުގައި ބޭރުގައި ބުރަ ހަރަކާތްތައް މަދުކުރުން މުހިންމެވެ.

މަސައްކަތުގެ މާޙައުލުގައި އެކަށީގެންވާ ރައްކާތެރިކަމުގެ ވަސީލަތް ބޭނުންކުރުމާއި، ރެޑޯން ގޭހުގެ ފެންވަރު ބެލުން ހިމެނެއެވެ. މީގެ އިތުރުން ތަރުކާރީ، މޭވާ އަދި ހޯލް ގްރެއިން ގިނައިން ހިމެނޭ ކެއުމެއް ގެންގުޅެ، ހެލިފެލިވެ އުޅެ،

ހަށިގަނޑުގެ ބަރުދަން ރަނގަޅު ހިސާބެއްގައި ހިފަހައްޓައި، ގިނައިން ދުންފަތް ބޮއެފައިވާ މީހުން ޑޮކްޓަރުގެ ލަފާ ހޯދައި ލޯ ޑޯޒް ސީޓީ ސްކްރީނިން ހެދޭތޯ ބެލުމަށް ވެސް ޑރ. ކަލްޔާނީ އިރުޝާދު ދެއްވައެވެ.

ބަލީގެ ޢަލާމާތްތައް ފެންމަތިވާ ހިސާބަށް ދާއިރު، ރަނގަޅު ނުވެ ގިނަ ދުވަހު ކެއްސުމާއި، ކެއްސާއިރު ލޭއައުމާއި، މޭގައި ރިއްސުމާއި، ނޭވާ ކުރުވުމާއި، ކުއްލިއަކަށް ކުރު މުއްދަތެއްގެ ތެރޭގައި ބަރުދަން ލުއިވުމާއި، އަބަދު ވަރުބަލިވުމާއި، މޭގެ އިންފެކްޝަން ތަކުރާރުވުން ފާހަގަވެދާނެއެވެ.

ކެއްސާއިރު ލޭއަކުން ނުވަތަ ނޭވާލާން ބޮޑު ދަތިކަމެއް ކުރިމަތިވާ ނަމަ ވީ އެންމެ އަވަހަކަށް ޑޮކްޓަރެއްގެ ލަފާ ހޯދުން ވަރަށް މުހިންމެވެ. ދުންފަތާ ދުރުހެލިވެ، ތަޣައްޔަރު ވައިން ރައްކާތެރިވެ، ސިއްހީ ލަފައާ އެއްގޮތަށް ޢަމަލުކުރުމަކީ ފުއްޕާމޭ ދުޅަހެޔޮކޮށް ބެހެއްޓުމަށް ކޮންމެ މީހަކަށް ވެސް އެޅެން އޮތް ފިޔަވަޅުތަކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް