އަބްދުޝ ޝާހިދު -- ފޮޓޯ: އެމްޑީޕީ
ކުޑަކުއްޖަކަށް ޖިންސީގޯނާ ކުރި ކަމުގެ ތުހުމަތާ ގުޅިގެން ކުރީގެ ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު ހައްޔަރުކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު ކޯޓު އަމުރުގެ އިސްތިއުނާފު މައްސަލައިގެ ހުކުމް އިއްވުން މިއަދަށް ހައި ކޯޓުގައި ތާވަލުކޮށްފިއެވެ.
ހައި ކޯޓުގެ ޝެޑިއުލުގައިވާ ގޮތުން ހުކުމް އިއްވުމުގެ މަޖިލިސް ބާއްވަން ހަމަޖެހިފައި އޮތީ މިއަދު މެންދުރުފަހު 1:15 ގައެވެ. ޝާހިދުގެ ފުރިހަމަ ނަން އެ ޝެޑިއުލުގައި ހާމަކޮށްފައެއް ނުވެއެވެ.
މައްސަލައިގެ ބާވަތުން ހައި ކޯޓުގައި އަޑުއެހުންތައް ކުރިއަށް ގެންގޮސްފައިވަނީ ސިއްރުކޮށްގެން ކަމަށް ވާއިރު، އެ އަޑުއެހުންތައް މިއަދު ވަނީ ނިންމައިލައިފައެވެ.
އުމުރުން 64 އަހަރުގެ ޝާހިދު ހައްޔަރުކުރީ މި މަހު ފަހުކޮޅު، 18 އަހަރު ނުފުރޭ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ކަމަށް ފުލުހުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ. ކްރިމިނަލް ކޯޓުން 30 ދުވަހުގެ ބަންދު އަމުރެއް ނެރެފައިވާއިރު، ޝާހިދު މިހާރު ހުރީ ދޫނިދޫ ޖަލުގައި އެވެ.
ހައްޔަރުކުރުމުގެ ކުޑަ އިރުކޮޅެއް ކުރިން ޝާހިދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އޭނާގެ "ޝަހުސު ކަތިލުމަށް ސިޔާސީ ގޮތުން ފަތުރަމުންދާ ވާހަކަތަކަކީ" އެއްވެސް އަސްލެއް ނެތް ދޮގެއް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް