ރައްޔިތުންގެ އަޑު ޕްރޮގްރާމްގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ލޯނު އެޕްލިކޭޝަން ބަލައިގަންނަ އުމުރު 75 އަހަރަށް ނުވަތަ އެއަށްވުރެ މައްޗަށް ބަދަލުކޮށްދިނުމަށް އެދިވަޑައިގެންފައިވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ "ރައްޔިތުންގެ އަޑު" ޕްރޮގްރާމުގައި ދޮށީ އުމުރުގެ ރައްޔިތަކު ހުށަހެޅި ޝަކުވާއަކަށް ޖަވާބު ދެއްވަމުންނެވެ.
އެމީހާ ހުށަހެޅި ޝަކުވާގައި ބުނީ އަމިއްލަ ބިމެއްގައި ގެދޮރު ބިނާކުރުމަށް ލޯނު ހޯދަން މަސައްކަތްކުރި ނަމަވެސް 60 އަހަރަށްވުރެ ވުރެ ދޮށީ ވެފައިވާތީ އެ ފުރުޞަތު ނުލިބުނު ކަމަށެވެ. ދަރިންގެ ތަޢުލީމީ ބޭނުންތަކާއި އެ ނޫން ވެސް ކަންކަމަށް މިހާރު ވެސް ދަރިންގެ ނަމުގައި ލޯނު ނަގާފައި ހުރުމުން، އެ މަގު ވެސް ބަންދުވެފައިވާ ކަމަށް އޭނާ ބުންޏެވެ.
ލޯނު ނަގައިގެން 10 ބުރީގެ ޢިމާރާތެއް ކުރީމާ އެ ތަނުގެ އެސެޓް ވެލިއު ހުންނާނެ ކަމަށާއި، ލޯނު ނުދެއްކިއްޖެ ހާލަތެއްގައި އެ ޢިމާރާތް ބޭންކަށް ނެގޭ އުޞޫލެއް ހެދައިގެން ނަމަވެސް ދޮށީ ޢުމުރުގެ މީހުންނަށް ލޯނު ހަމަޖައްސައިދެއްވުމަށް އޭނާ ރައީސްގެ އަރިހުން އެދުނެވެ.
ރައީސް ވިދާޅުވީ، ދިވެހިންގެ އެވެރެޖު ޢުމުރު ގާތްގަނޑަކަށް 80 އަހަރަށް އަރާފައިވާއިރު ބީއެމްއެލްގެ 60 އަހަރުގެ މިންގަނޑަކީ އެންމެ އެކަށީގެންވާ ހަމައެއް ނޫން ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އަދި މި ލިމިޓު 75 އަހަރަށް ނުވަތަ އެއަށް ވުރެ މައްޗަށް ބަދަލުކޮށްދިނުމަށް ބީއެމްއެލް އާއި ފިނޭންސް މިނިސްޓްރީގައި ދަންނަވާފައިވާނެ ކަމަށެވެ.
"އަޅުގަނޑު ދެންނެވިން ބެންކުގައި އެ އަށް ބަދަލެއް ގެނެސްދޭށޭ. ކަމާބެހޭ ވުޒާރާގައި ފިނޭންސް މިނިސްޓްރީގައި ދަންނަވާފައިވާނެ. އަޅުގަނޑު އެދިފައި އޮންނާނީ 75 އަހަރާ ހަމައަށް ނޫނީ އެ އަށް ވުރެ ވެސް މައްޗަށް އޭޖް ލިމިޓް ބަދަލުކޮށްދެއްވަން،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި، މި މައްސަލައާ ގުޅިގެން މިހާރު ވެސް ބައެއް ހެޔޮ ބަދަލު އައިސްފައި ހުރުން އެކަށީގެންވެއެވެ. ކަމާ ގުޅުން ހުރި މުއައްސަސާތަކާ ގުޅިގެން ދާއިމީ ޙައްލެއް ހޯއްދަވައިދެއްވާނެ ކަމުގެ ޔަޤީންކަން ވެސް ރައީސް ރޭ ދެއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް