މާލޭ ތޮށިގަނޑު ހިމަުަތް ކުރުމަށް ޖަހާފައިވާ ބަޖިޔާ ގާތައް -- ފޮޓޯ: އެމްއެންޔޫ
ކަނޑުގެ ލޮނުގަނޑު އުފުލުމާ ދެކޮޅަށް ރާއްޖެ ރައްކާތެރިކުރުމަށް ބޭނުންވާ މާއްދީ ވަސީލަތްތަކުގެ ފުރަތަމަ ޤައުމީ ފެންވަރުގެ އަންދާޒާ ހިމެނޭ ބައިނަލްއަޤުވާމީ ދިރާސާއެއް ނޭޗާ ޕޯޓްފޯލިއޯގެ ސައިންޓިފިކް ރިޕޯޓްސް ޖާނަލްގައި ޝާއިޢުކޮށްފިއެވެ.
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމްއެންޔޫ) ބައިވެރިވެފައިވާ މި ދިރާސާގައި އިސް ދައުރެއް އަދާކޮށްފައިވަނީ ކެނެޑާގެ ޔުނިވާސިޓީ އޮފް ވޯޓާލޫގެ ޕްރޮފެސަރު ސިމްރޯން ސިންގެވެ. ޔުނިވާސިޓީ އޮފް އޯގްސްބާގް، ޔުނިވާސިޓީ އޮފް މެލްބާން، ބޯކޫ ޔުނިވާސިޓީ ވިއެނާ އަދި އެމްއެންޔޫގެ ސައިންސްވެރިންގެ ޓީމެއް ގުޅިގެން ކުރިއަށް ގެންދިޔަ މި މަސައްކަތް ހިންގާފައިވަނީ ރިކަވާ ޕްރޮޖެކްޓުގެ ދަށުންނެވެ. އެ ޕްރޮޖެކްޓަށް ފައިސާ ހަމަޖައްސައިދީފައިވަނީ އިނގިރޭސިވިލާތުގެ އެފްސީޑީއޯ އާއި ކެނެޑާގެ އައިޑީއާރުސީ އިން ހިންގާ ކްލެއާ ޕްރޮގްރާމުންނެވެ.
ޖީއައިއެސް ބޭސްޑް މެޓީރިއަލް ސްޓޮކް އެންޑް ފްލޯ އެނެލިސިސް އާއި ސީނާރިއޯ މޮޑެލިން ބޭނުންކޮށްގެން 2000 ވަނަ އަހަރުން 2100 ވަނަ އަހަރާ ދެމެދުގެ މުއްދަތަށް ކޮށްފައިވާ މި ދިރާސާއިން ދައްކާ ގޮތުގައި، ކަނޑުގެ ލޮނުގަނޑު ކޮންމެ އެއް ސެންޓިމީޓަރެއް އިތުރުވާ ވަރަކަށް ބިން ހިއްކުމަށް ގާތްގަނޑަކަށް 2.1 މިލިއަން ޓަނުގެ ވެއްޔާއި، އައްސޭރިފަށް ރައްކާތެރިކުރުމަށް 22,200 ޓަނުގެ ކޮންސްޓްރަކްޝަން ސާމާނު ބޭނުންވާނެއެވެ. ބްރޭކްވޯޓަރާއި ގްރޯއިންސް އާއި ރިވެޓްމެންޓު ފަދަ ސަރަހައްދު ދިފާޢުކުރާ ވައްތަރުތަކުގެ އުމްރާނީ މަސައްކަތްތައް މި ދިރާސާގައި ހިމެނެއެވެ.
އެމްއެންޔޫގެ ސީނިއާ ރިސާޗް ފެލޯ އަދި ދިރާސާގެ ހިއްސާދާރެއް ކަމުގައިވާ ޑރ. ޝާޒްލާ މުޙައްމަދު ވިދާޅުވީ "މި ދިރާސާ ގެނެސްދެނީ ރާއްޖޭގައި މޫސުމީ ބަދަލުތަކާ ކުރިމަތިލުމުގެ ގޮންޖެހުންތަކާ ބެހޭ މުޅިން އާ ނަޒަރިއްޔާއެއް. ބޭނުންވާ ވަސީލަތްތައް ޢަދަދުން ހާމަކުރުމުގެ ސަބަބުން، ރައްކާތެރިކުރުމުގެ ޚިޔާރުތަކާ ގުޅޭ ނަތީޖާތައް ރަނގަޅަށް ވަޒަންކޮށް، ތިމާވެށީގެ ދެމެހެއްޓެނިވިކަމާ އެއްބައިވާ ހައްލުތައް ހޯދުމުގެ މަގު ތަނަވަސްވޭ" ކަމަށެވެ.
މޫސުމީ ބަދަލުތަކާ އެންމެ ބޮޑަށް ކުރިމަތިލާ ކުދި ޖަޒީރާ ޤައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭއިރު، މި ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ދިއުމަށް ޤައުމީ ފެންވަރުގެ މަޝްވަރާތަކާއި، މޫސުމީ ފައިނޭންސް ވަރުގަދަކުރުމާއި، ބައިނަލްއަޤުވާމީ ފެންވަރުގެ ފަންނީ އެހީތެރިކަން ކޮންމެހެން ބޭނުންވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް