އުރީދޫ ކަލަރ ރަންގެ ތަފާތު ހަރަކާތްތަށް، މުޅި ހުކުރު ދުވަހު ސެންޓްރަލް ޕާކުގައި

މާދަމާ، 23 ނޮވެމްބަރ ކަމަށްވާ ހުކުރު ދުވަހު ސެންޓްރަލް ޕާކުގައި ކުރިއަށްދާ އުރީދޫ ކަލާ ރަންގެ ފޯރިގަދަ ހަރަކާތްތަކުގައި ބައިވެރިވުމަށް އުރީދޫއިން އެންމެހާ ބޭފުޅުންނަށް މަރުޚަބާ ކިޔައިފިއެވެ. އެކި ކުލަ...

22 Nov 2018 | 11:26

މާދަމާ، 23 ނޮވެމްބަރ ކަމަށްވާ ހުކުރު ދުވަހު ސެންޓްރަލް ޕާކުގައި ކުރިއަށްދާ އުރީދޫ ކަލާ ރަންގެ ފޯރިގަދަ ހަރަކާތްތަކުގައި ބައިވެރިވުމަށް އުރީދޫއިން އެންމެހާ ބޭފުޅުންނަށް މަރުޚަބާ ކިޔައިފިއެވެ.

އެކި ކުލަތަކާއި އެކު، އުފާވެރި މާޙައުލެއްގައި ބާއްވާ އުރީދޫގެ މަޤްބޫލު ދުވުން މި އަހަރު އިތުރަށް ތަފާތު ކުރުމަށްޓަކައި، ނޮވެމްބަރ 23 ވަނަ ދުވަހަށް ވަނީ ކައިޓް ފެސްޓިވަލް އަކާއި ފޯރިގަދަ މިއުޒިކް ޝޯ އެއްވެސް ބޭއްވުމަށް އިންތިޒާމް ކޮށްފައެވެ.

ގުޑި މަހާސަމާ

ކަލާ ރަން ދުވެހުގެ ހަރަކާތްތަކަށް އަލަށް އިތުރު ކުރެވިފައިވާ ގުޑި މަހާސަމާ ބޭއްވިގެންދަނީ އިހުޒަމާނުއްސުރެ ދިވެހި އާއިލާތަކުގެ މެދުގައި އޮންނަ ގުޑި އެރުވުމުގެ އާދަކާދަ އައުކޮށް، މި ސަގާފަތް ދިރުވާ އާލާކުރުމުގެ މަޤްސަދުގައެވެ. ހުކުރު ދުވަހު ހެންދުނު 8.00 ގައި ފެށިގެންދާ މި މަހާސަމާގައި ތަފާތު ގުޑިތަށް ދައްކާލުމުގެ އިތުރުން، ގުޑި ހެދުމަށް ދަސްކޮށްދިނުން، ގުޑި އެރުވުމުގެ މުބާރާތެއް، އަދި ބޮލްސް ރޭހެއްވެސް ހިމެނެއެވެ. މި ހަރަކާތުގައި ކުދިބޮޑު އެންމެހާ ބޭފުޅުންނަށްވެސް، ޕްރީ-ރެޖިސްޓްރޭޝަން އަކާއި ނުލާ ބައިވެރި ވެވޭނެއެވެ.

އުރީދޫ ކަލަރ ރަން

ސިއްޚަތަށް ފައިދާހުރި އަދި މަޖާ ހަރަކާތެއްގެ ގޮތުގައި ދުވުން ޕްރޮމޯޓުކޮށްދޭ، އުރީދޫ ކަލަރ ރަން 2018 ބޭއްވިގެންދާނީ ހުކުރު ދުވަހުގެ ހަވީރު 3.30 އިން ފެށިގެނެވެ. ތަފާތު ހަރަކާތްތަކެއް ހިމެނޭ 5 ކިލޯމީޓަރުގެ މި ކުރު ދުވުމަކީ އަލަށް ދުވާ ފަރާތްތަކާއި އާއްމުކޮށް ދުވާ ފަރާތްތަކަށްވެސް ބައިވެރިވުމަށް މަޖާވާނެ އިވެންޓެކެވެ. އުރީދޫ ކަލަރ ރަންގައި ކޮންމެ ކިލޯމީޓަރ އެއް ދުވެ ނިމުމުން، ބެހެއްޓިފައިވާ ކުލަ ސްޓޭޝަންތަކުން، ކުލަގަދަ ގޮތެއްގައި އެކަން ފާހަގަ ކުރާނެއެވެ. މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ، ހިނގާފަ، ޖޮގްކޮށްފަ، ދުވެފަ ނޫނީ ނަށަމުންވެސް މި ދުވުން ނިންމިދާނެއެވެ. ކަލަރ ރަންގެ ފޯރި އިތުރު ކުރުމުގެ ގޮތުން ވަނީ އެންމެ ފޯރިގަދަ ދުވުންތެރިންނާއި އަދި އެންމެ ސަޅި ކޮސްޓިއުމްތަށް ފާހަގަކޮށް، ވަރަށް ތަފާތު ހަދިޔާ ތަކެއް ދޭން ހަމަޖައްސާފައެވެ. މީގެ ތެރޭގައި ސްމާޓް ފޯން، ހިލޭ ޖިމަށް ދިއުމުގެ ފުރުސަތުތަށް، އަދި ކަލަރ ރަން ޕާޓްނަރުންގެ ފަރާތުން ވަރަށް ހިތްގައިމު ވައުޗަރސް ހިމެނެއެވެ.

މިއުޒިކް ޝޯ

ކަލަރ ރަން ނިމުމަށްފަހު، ރޭގަނޑު 8.30 އިން ފެށިގެން ހުނަރުވެރި ދިވެހި މިއުޒިކީ ފަންނާނުންނާއި އެކު މިއުޒިކް ޝޯ އެއްވެސް ބޭއްވިގެން ދާނެއެވެ. މި ޝޯގައި ބައިވެރިވާ މިއުޒީޝަނުންގެ ތެރޭގައި ޓްރެފިކް ޖޭމް، ލެވިޓޭޝަން ބައި ހެބޭސް، ސަމާ، ޒިޕޯ އާއި ސޮއްޕެ، އަދި ހަބޭސް ބޮޑުބެރު ހިމެނެއެވެ.

އުރީދޫ ކަލަރ ރަންގެ ކުލަގަދަ ހަރަކާތްތަކާއި ބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް، ފޭސްބުކް، ޓްވިޓާ އަދި އިންސްޓަގްރާމް ގައިވާ އުރީދޫގެ ސޯޝަލް މީޑިއާ ޗެނަލްތަކަށް ޒިޔާރަތް ކުރައްވާށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް