މިދިޔަ ސެޕްޓެމްބަރު މަހުގެ ފަހު ކޮޅު ބޭއްވި ޕީޕީއެމްގެ ހާއްސަ ކޮންގްރެސް ސައްހަ ކަމަށާއި ކޮންގްރެސް ބާތިލް ކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ޕީޕީއެމްގެ ކޮންގްރެސްގެ ނިންމުންތައް ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމުމާ ގުޅިގެން ޕީޕީއެމުން ހައި ކޯޓަށް ހުށަހެޅި މައްސަލަ އެ ޕާޓީއާ އެއްކޮޅަށް ނިންމުމާ ގުޅިގެން، އަސާސީ ގަވައިދަށް ގެނައި ބަދަލާއި ކޮންގްރެސްގައި އިންތިހާބު ކުރި މަގާމުތަކުގައި ދެމިތިބެވޭނެ އެވެ.
އެގޮތުން ޕާޓީގެ ރައީސްއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކަމަށް ކޮންގްރެސްގައި އިންތިހާބު ކުރިއިރު، ޕާޓީގެ ނައިބު ރައީސުންގެ ގޮތުގައި ކަނޑައަޅާފައި ވަނީ މިހާރު ވެސް އެ ޕާޓީގެ ނައިބު ރައީސުން ކަމަށްވާ އަބްދުއްރަހީމް އަބްދުﷲ އާއި ކުރީގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރާއި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރެވެ.
ޕީޕީއެމްގެ މަގާމުތަކަށް އިންތިހާބު ކުރި ބޭފުޅުން، ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގައި ޖެއްސުމަށް ހައި ކޯޓުން ވަނީ އެ ކޮމިޝަނަށް އަމުރުކޮށްފަ އެވެ.
ހައި ކޯޓުން ފާހަގަ ކުރި ކަންކަމުގެ ތެރޭގައި ޕީޕީއެމަށް ހަތަރު ނައިބު ލީޑަރުން އައްޔަން ކުރީ ޕާޓީގެ އަސާސީ ގަވައިދާ ހިލާފަށް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނި ނަމަވެސް، ޕާޓީގެ ނައިބު ލީޑަރުންނަށް ހަތަރު ބޭފުޅުން އައްޔަން ކުރީ އަސާސީ ގަވައިދަށް ބަދަލު ގެނައުމަށް ފަހު ކަމަށެވެ.
ޕީޕީއެމްގެ އަސާސީ ގަވައިދުގައި ތިން ނައިބު ލީޑަރުން އިންތިހާބު ކުރަން އޮތަސް، ހަތަރު ނައިބު ލީޑަރުން އިންތިހާބު ކުރަން ޖެހޭ ގޮތަށް ކޮންގްރެސްގެ ތެރެއިން އަސާސީ ގަވައިދަށް ބަދަލު ގެނައިކަން ކޮންގްރެސްގެ ޔައުމިއްޔާ އިން އެނގެން އޮތް ކަމަށް ހައި ކޯޓުގެ ހުކުމްގައިވެ އެވެ. އެހެންވެ، ޕާޓީއަށް ނައިބު ރައީސުން އައްޔަން ކުރީ އަސާސީ ގަވައިދާ ހިލާފަށް ކަމަށް ބަލާނެ ހަމައެއް ނެތް ކަމަށް ހުކުމްގައިވެ އެވެ.
މީގެއިތުރުން، ޕީޕީއެމްގެ ކޮންގްރެސްގައި މަގާމުތަކަށް ބޭފުޅުން އިންތިހާބު ކުރުމުގައި ހިލާފުވީ ކޮން ގޮތަކަށް ކަން އިލެކްޝަންސް ކޮމިޝަނަށް ބުނެދެވިފައި ނުވާ ކަމަށް ވެސް ހުކުމްގައިވެ އެވެ.
ކޮންގްރެސްގައި ވޯޓު ނެގިއިރު، މީހުން ކައިރިއަށް ވޯޓު ފޮށި ގެންގޮސްގެން ވޯޓުލުމަކީ އިންތިޚާބާ ބެހޭ ގަވާއިދާ ޚިލާފް ކަމެއް ކަމަށް އިލެކްޝަންސް ކޮމިޝަނުން ފާހަގަކޮށްފައިވާތީ، ހައި ކޯޓުގެ ހުކުމްގައި ވަނީ އަސާސީ ގަވައިދުގައި ވޯޓިން ބޫތު ބަހައްޓަން ވަކި ތަނެއް ލާޒިމް ނުކުރާ ކަމަށެވެ.
އެހެން ޕާޓީތަކުގެ މެމްބަރުންތަކެއް ކޮންގްރެސްގައި ވޯޓުލި ކަމަށް ކޮމިޝަނުން ބުނެފައިވާތީ އެކަމާ ގުޅިގެން ހައި ކޯޓުގެ ހުކުމްގައި ވަނީ އެކަމުގެ މައުލޫމާތު ހޯދުމަށް އިލެކްޝަންސް ކޮމިޝަނުން ޕީޕީއެމްގައި އެދިފައި ނުވާ ކަމަށެވެ. ޕީޕީއެމުން ދަފްތަރު ބެލެހެއްޓިޔަސް، ޕީޕީއެމްގެ ރަޖިސްޓްރީގެ އެންމެ ފަހުގެ މައުލޫމާތު އޮންނާނީ އެ ޕާޓީގައިކަން ފާހަގަ ކުރެވިފައިވާ ކަމަށް ހައި ކޯޓުގެ ހުކުމްގައިވެ އެވެ.
އެހެންވެ، ޕީޕީއެމްގެ ކޮންގްރެސްއަކީ ޕާޓީގެ އަސާސީ ގަވައިދާ އިންތިހާބުތަކާ ބެހޭ ގަވައިދުތަކާ އެއްގޮތަށް ފުރިހަމަ ކުރަން ޖެހޭ ހުރިހާ އިޖުރާއުތަކެއް ފުރިހަމަކޮށްފައި ބޭއްވި ކޮންގްރެސްއެއް ކަމަށް ހުކުމްގައިވެ އެވެ.
ޕީޕީއެމްގެ ކޮންގްރެސްގެ ހައި ކޯޓުން ބަލައިގަތުމަށް ނިންމިއިރު، އެ ޕާޓީގެ ހިންގުން އެ ޕާޓީގެ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ހަވާލުކުރަން އެ ޕާޓީގެ އާންމު ދެ މެމްބަރަކު ސިވިލް ކޯޓަށް ދާދި ފަހުން މައްސަލައެއް ވެސް ހުށަހެޅި އެވެ. އެކަމަކު ސުޕްރީމް ކޯޓަށް ހުށަހެޅި ޝަކުވާއަކާ ގުޅިގެން އެ ކޯޓުން ވަނީ އެ މައްސަލައިގެ ފައިލް ސުޕްރީމް ކޯޓަށް ގެންގޮސްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް