ޓެކްސީ ބޯޑުގެ ފީ އުވާލުމާ ގުޅޭ ގޮތުންނާއި، މާލޭގެ މަގުތަކުގައި ޕާކުކޮށް ގިނަ ދުވަސްވެފައިވާ އުޅަނދުތައް ނެގުމާއި ގުޅޭ ގޮތުން ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ފުލުހުންނާ އެކު މަޝްވަރާ ކުރައްވައިފި އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީގެ އޮފިޝަލަކު ހާމަކުރި ގޮތުގައި ރައީސް އިބްރާހިމް މުޙައްމަދު ސާލިހުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ޓެކްސީ ބޯޑުގެ ފީ އުވާލުމާއި، މާލޭގެ މަގުތަކުގައި ޕާކުކޮށް ގިނަ ދުވަސްވެފައިވާ އުޅަނދުތައް ނެގުމަށް ވަނީ ނިންމަވާފައެވެ.
"ފުރަތަމަ ހަތް ދުވަހުގެ ތެރޭގައި އެ ދެ ކަންތައް ކުރަން ނިންމާފައި އޮތީ. އެހެންވެ އެކަން ކުރުމާ ގުޅޭ ގޮތުން ފުލުހުންނާ މިއަދު މަޝްވަރާ ކުރީ،" އޭނާ ވިދާޅުވި އެވެ.
ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ޓްރާންސްޕޯޓާ ގުޅޭ ގިނަ ކަންތައްތަކެއް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން މުޅި މާލޭގެ ޓްރެފިކް އެނަލައިޒްކޮށް ލުއި ފަސޭހަ ގޮތްތަކެއް ހަމަޖައްސާނެ ކަމަށް ބުނެފައިވެ އެވެ. އަދި އެކި ބާވަތްތަކުގެ ވެހިކަލް ޕާކު ކުރުމަށް ވަކި ހާއްސަ ޒޯނުތަކެއް ކަނޑައެޅުމާއި، މުދާ ބަރުކޮށް އަދި މުދާ ހުސްކުރުމަށް ހާއްސަ ހިސާބުތަކެއް ކަނޑައަޅާނެ ކަމަށް ވެސް ސަރުކާރުން ބުނެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް