ޔަމަނުގައި ޙާލުގައި ޖެހެމުންދާ އެތައް ހާސް ބަޔަކަށް އެހީވުމަށް، "ހެލްޕް ޔަމަން މޯލްޑިވްސް" ގެ ނަމުގައި އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އޭއައިސީ)ގެ ފަރާތުން އީހާހާ އާއި ގުޅިގެން ކެމްޕޭނެއް ފަށައިފިއެވެ.
އީހާހާ އަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ހިނގަމުންދާ ހަނގުރާމަ އާއި އެހެނިހެން ކަންތައް ތަކުގައި ހާލުގައި ޖެހޭ ފަރާތްތަކަށް އެހީވަމުން އަންނަ ފަރާތެކެވެ. އީހާހާއަކީ ދުނިޔޭގެ އެންމެ ބޮޑު ޖަމިއްޔާ ތަކުގެ ތެރެއިން އެއް ޖަމިއްޔާއެވެ. އަދި މި ޖަމިއްޔާ ހިންގަމުން އަންނަތާ މިހާރު 26 އަހަރު ވީއެވެ. އީހާހާ އަކީ ޔުނައިޓެޑް ނޭޝަންސްގެ ކޮންސަލްޓޭޓިން، އިކޮނޮމިކް އެންޑް ސޯޝަލް ކޮންސަލްޓޭޓިންގެ ބައެކެވެ.
އީހާހާގެ ރީޖަނަލް އެކްސްޕާޓް މުރާކް ޖުމައިރް ވިދާޅުވީ ދިވެހިންނަކީ ހިތްހެޔޮ އެއްބައިވަންތަ ބައެއެްކަމުގައެވެ.މީގެ ކުރިން ސީރިޔާގެ ރައްޔިތުންނަށް އެބޭފުޅުން އެހީ ފޯރު ކޮށްދިނުމަށް ޒިޔާރަތް ކުރާއިރު އަބަދުވެސް ކުރާ ސުވާލަކީ އެއީ ކޮންތާކުން ފޮނުވި އެހީ އެއްތޯއެވެ. ޖަވާބުގައި އެއީ ދިވެހި ރާއްޖެއިން ލިބުނު އެއްޗިއްސޭ ބުނުމުން އެމީހުން ވަރަށް އުފާވާަކަމަށާއި އެވާ އުފާ ބަޔާންކޮށްދޭންވެސް ދަތި ކަމުގައި އޭނާ ވިދާޅުވިއެވެ.
މުރާކް އިތުރަށް ވިދާޅުވި ގޮތުގައި ދިވެހިންނަކީ ހަގީގަތުގައިވެސް ނަމޫނާ ބައެކެވެ. މިއުއްމަތުގެ މީހުން ހާލުގައި ޖެހޭ ދަނޑިވަޅުތަކުގައި އެހީތެރިކަން ފޯރު ކޮށްދޭ ބައެއް ކަމުގައި މުރާކް ސިފަކުރެއްވިއެވެ. 'ޔޫ އާ ރިއަލް' އެބޭފުޅާވިދާޅުވިއެވެ. ދުނިޔޭގެ ބޮޑެތި ގައުމު ތަކުން ނުލިބޭ އެއްބާރުލުން އެބޭފުޅުންނަށް ރާއްޖެއިން ލިބޭކަމަށް ހާމަކުރެއްވިއެވެ.
"އަޅުގަނޑުމެން ހަދިޔާ ކުރާ އެންމެ ޑޮލަރަކީވެސް އޭގެ ބޭނުން ޖެހިފައިވާ ބަޔަކަށް ވަރަށް އަގުހުރި އެއްޗެއް" މުރާކް ވިދާޅުވިއެވެ.
އަންނަ މަހުގެ 25 ވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ކެމްފޭނުގައި ރާއްޖޭގެ ގިނަ ޖަމިއްޔާ ޖަމާއަތްތަކާއި ކައުންސިލްތަކުން ބައިވެރި ވެއެވެ. މި ކެމްޕޭނުގައި އިތުރު ޖަމިއްޔާތަކުން ބައިވެރިވުމަށް އަދި އިތުރު މައުލޫމާތު ސާފުކުރުމަށްބޭނުންވާ ފަރާތްތަކުން އޭއައިސީ ގެ ހޮޓްލައިން 9122121 އަށް ގުޅުމަށް އެފަރާތުން އިލްތިމާސް ކުރެއެެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް