ކައިވެނި ޕާޓިއަކަށް ދާން ދަޢުވަތެއް ލިބިއްޖެނަމަ އެޕާޓީއަށް ގެންދާނެ ހަދިޔާއަކާއި މެދު ވިސްނާ ވިސްނާ ބޯގޮވާވަރު ވޭހެއްޔެވެ؟ ރަނގަޅު، އަގުހުރި ނަމަވެސް އަގު ހެޔޮ އަދި ބޭނުންތެރި އެއްޗެއް ދޭން ވިސްނާ ވިސްނާ ސިކުނޑު ސުމަކަށް ދާވަރު ވޭހެއްޔެވެ؟ މިއޮތީ ތިކަން ފަސޭހަ ކޮށްދޭން ދެތިން ޚިޔާލެކެވެ. މިއީ ގޭތެރޭގައި ރީއްޗަކަށް ބަހައްޓާނެ އެއްޗެހީގެ އިތުރަށް ދެވިދާނެ ބައެއް އެއްޗެއްސެވެ.
1.ތެލި،ތަށި ފަދަ ތަކެތި
ކައިވެނި ކޮށްގެން ދިރިއުޅުމެއް ފަށާ ބަޔަކު ދިރިއުޅޭގޭގައި ކައްކައި ކެވޭގޮތް ބޭނުންވާނެއެވެ. އެމީހުންނަށް ތެލި، ތަށި އަދި މިނޫނަސްވެސް ބަދިގޭ ސާމާނު ހަދިޔާއަށް ލިބުމަކީ ވަރަށް އުފާވާނޭ ކަމެކެވެ. ތަރުމޯޒު، ފެންކައްކާ ކުރާ، ތެލި ސެޓެއް، ތަށި ސެޓެއް ނުވަތަ ސަމްސަ ސެޓެއްވެސް އެއީ މާ އަގުބޮޑު އެއްޗެއްސެއް ނޫނެވެ. ނަމަވެސް އެއީ ވަރަށް ބޭނުންތެރި ވަރަށް އަގުހުރި ހަދިޔާއެކެވެ. ނަމަވެސް މިފަދަ އެއްޗެހި ބޮޑަށް ބޭނުންވާނީ ކައިވެންޏަށްފަހު އާއިލާއާއި ވަކިން ދިރިއުޅެން ވިސްނާ ދެމަފިރިއަކަށެވެ.
- ގަޑި
ތެދެކެވެ. ގަޑީގެ ކޮން ބޭނުމެއްހެއްޔެވެ؟ ފޯނުން ގަޑި ބެލޭނެއެވެ. އަތުކުރި ގަޑިވެސް ގެންގުޅޭ މީހުން މަދެއް ނުވާނެއެވެ. ނަމަވެސް ފާރުގައި ހަރުކުރާ ގަޑި އަދިވެސް އެންމެންވެސް ބޭނުން ކުރެއެވެ. އެއީ ގޭތެރޭގެ މަސައްކަތުގައި އުޅޭއިރު ގަޑި ބަލާލަން ފަސޭހަވީމައެވެ. މިވެސް ނުލާހިކު އަގުހެޔޮކޮށް ލިބޭނެ ބޭނުންތެރި ހަދިޔާއެކެވެ.
- ބެޑްޝީޓް
ކައިވެނި ކުރާ ދެމަފިރިންނަށް ރީތި ބެޑްޝީޓެއް ތިމާއަށް ނޭންގިދާނެއެވެ. ނަމަވެސް މިއީވެސް ނުލާހިކު އުފަލުން އެމީހުން ބަލައިގަންނާނެ ހަދިޔާއަކަށް ވާނެއެވެ. ފަސޭހަ ގޮތަކީ ގޮދަޑީގެ މިނާއި ރަޙުމަތްތެރިޔާއަށް ރީތިވާނޭ ފަދަ އެއްޗެއް ހޯދުމަށް އޭނާގެ އެންމެ ގާތް މީހެއްގެ އެހީއަށް އެދުމެވެ. ނުވަތަ ތިމާގެ އަމިއްލަ ވިސްނުމަށް ރަނގަޅު އެއްޗެއް ގަތުމެވެ.
- އުނދުން
މިއީ އަނެއްކާވެސް އާއިލާއާއި ވަކިން އުޅެން ވިސްނާ ދެމަފިރިއަކަށް ދެވޭނެ ހަދިޔާއެކެވެ.
- އޮޓޮމެޓިކް އެއަރ ފްރެޝްނަރ ސްޕްރޭ
މިއީ ގޭގައި ނުވަތަ ކޮޓަރީގައި ހަރުކޮށްފައި ބެހެއްޓެނެ އެއްޗެކެވެ. ގަޑި ޖައްސާފައި ބެހެއްޓުމުން އޮޓޯއިން ކޮޓަރިއަށް އެއަރ ފްރެޝްނަރ ސްޕްރޭކޮށްލައި މީރުވަސް ދުއްވާލައެވެ. މިއީ 200 ރުފިޔާއަށް ވުރެވެސް އަގުހެޔޮކޮށް ލިބޭނެ ހަދިޔާއެކެވެ.
- ކޮނޑު ސެޓް
ކައިވެންޏެއްކޮށްފިނަމަ ކޮންމެވެސް އެއްގެޔަކަށް މީހަކު އިތުރުވާނެއެވެ. ވީމާ އަންނައުނުވެސް އިތުރުވާނެއެވެ. ދެމަފިރިން ޢާއިލާއާއި ވަކިން އުޅޭނަމަ ދެމަފިރިންގެ އަންނައުނު ހުންނާނެއެވެ. މި އެއްޗެހި އަލަމާރީގައި އަޅުވަން ކޮނޑު ބޭނުންވާނެއެވެ. ވީމާ ކައިވެނީގެ ހަދިޔާއަކަށް ރީތި ކޮނޑު ސެޓެއް ދިނުން ކީއްހެއްޔެވެ؟ މިވެސް ނުލާހިކު ބޭނުންތެރި އަދި އަގުޔެހޮ، ހޯދަން ފަސޭހަވާނެ ހަދިޔާއެކެވެ.
މީގެ އިތުރުންވެސް ތަފާތު، ހޯދަން ފަސޭހަ، އަގުހެޔޮ ނަމަވެސް އަގުހުރި ހަދިޔާ ދެވޭނެއެވެ. މިއީ މާބޮޑު މަސައްކަތަކާއި ނުލާ ހޯދޭނެ އެއްޗެއްސެވެ. ބޭނުންތެރި އަދި ގިނަ ދުވަހަށް ބޭނުން ކުރާނެ އެއްޗެއްސެވެ. ގޭތެރޭގައި ރީއްޗަކަށް ބަހައްޓާނެ އެއްޗަކަށް ވުރެ މިތަކެތީގެ ބޭނުން ކައިވެނި ކުރާ ދެމީހުންނަށް މާބޮޑުވާނެއެވެ. އަދި މިފަދަ ތަކެތި ލިބުމުން މާ އުފާވެސް ވާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް