ޗެމްޕިއަންސް ލީގުގައި ރޭ ފަހަތުން އަރާ ޖަރުމަނުގެ ބްރޫޝިއާ ޑޯޓްމަންޑް ބަލިކޮށް، އިންގްލެންޑްގެ ޓޮޓެންހަމް ގްރޫޕް "އެޗް" ގެ އެއް ވަނަ މަގާމް ކަށަވަރު ކޮށްފިއެވެ. ޓޮޓެންހަމް އިން 2-1 އިން ޑޯޓްމަންޑް އަތުން މޮޅުވެ 13 ޕޮއިންޓް ހަމަކުރިއިރު، މި ގްރޫޕްގައި ރޭ ކުޅުނު އަނެއް މެޗުން 6-0 ގެ ނަތީޖާއިން އަޕޮއެލް އަތުން މޮޅު ރެއަލް މެޑްރިޑަށް ލިބިފައިވަނީ 10 ޕޮއިންޓެވެ.
އެހެންކަމުން ގްރޫޕްގެ ފަހު މެޗުތަކުގައި ޓޮޓެންހަމް އަޕޮއެލް އަތުން ބަލިވެ، ރެއަލް މެޑްރިޑް ޑޯޓްމަންޑް އަތުން މޮޅުވެ ޕޮއިންޓްގެ ގޮތުން ހަމަހަމަ ކުރިއަސް، "ހެޑް-ޓު-ހެޑް" އުސޫލުން ބަލާއިރު ކުރި ލިބޭނީ ޓޮޓެންހަމް އަށެވެ. އެއީ އެ ޓީމު ރެއަލް އާ ދެކޮޅަށް ކުޅުނު އެއް މެޗު އެއްވަރުކޮށް އަނެއް މެޗުން މޮޅުވެފައި ވާތީއެވެ.
މި މެޗުން ޓޮޓެންހަމް އަތުން ބަލިވުމާއެކު ޑޯޓްމަންޑް ވަނީ ގްރޫޕް ސްޓޭޖުން މުބާރާތާ ވަކިވާން ޖެހިފައެވެ. އެ ޓީމަށް ކުޅުނު 5 މެޗުން އެންމެ 2 ޕޮއިންޓް ލިބިފައިވާއިރު އަޕޮއެލް އަށްވެސް 2 ޕޮއިންޓް ލިބިފައިވުމާއެކު، ޔުރޮޕާ ލީގުގެ ޖާގައެއްވެސް ކަށަވަރުވާނީ ފަހު މެޗުތަކުގެ ނަތީޖާތަކުންނެވެ.
ޑޯޓްމަންޑްއަށް ރޭގެ މެޗުގައި ލީޑު ނަގައިދިނީ އަހުލާގީ މައްސަލައެއްގައި ކްލަބުން ދިން އެއް މެޗުގެ ސަސްޕެންޝަނަށް ފަހު އެނބުރި އައި ޕިއެރޭ އެމްރިކް އައުބަމަޔަން އެވެ. އޭނާ މި ލަނޑު ޖެހީ 31 ވަނަ މިނިޓުގައި ޔާމޮލެންކޯ ދިން ހިތްގައިމު ބޯޅައަކުންނެވެ.
ޑޯޓްމަންޓް އިން ރަނގަޅު ކުޅުމަކާއެކު ފުރަތަމަ ހާފު ނިންމާލި ނަމަވެސް ދެވަނަ ހާފު ފެށިގެން މެޗުގެ 49 ވަނަ މިނިޓުގައި ޑެލޭ އަލީ ދިން ބޯޅައަކުން ހެރީ ކޭން ކާމިޔާބު ކޮށްދިން ލަނޑާއެކު ޓޮޓެންހަމް އިން ނަތީޖާ ހަމަހަމަ ކުރިއެވެ.
ދެވަނަ ހާފުގައި ޑޯޓްމަންޓްއަށް މާކައެދެވޭ ހަމަލާތަކެއް ނުއުފެއްދުނުއިރު، ޑެލޭ އަލީގެ މޮޅު ކުޅުމާއެކު ދިން ބޯޅައަކުން ސޮން ހުއެންގް މިން ކާމިޔާބު ކުރި ލަނޑާއެކު ޓޮޓެންހަމް އިން ނަތީޖާ އަނބުރާލިއެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ސޮން މި ލަނޑު ޖެހީ 76 ވަނަ މިނިޓުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް