ތަފާތު ބޮޑު ނަތީޖާއަކާއެކު ރެއަލް މެޑްރިޑް ދެ ވަނަ ބުރަށް. ރޮނާލްޑޯއަށް ރެކޯޑެއް!

ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުން 6-0 ގެ ތަފާތު ބޮޑު ނަތީޖާ އަކުން އަޕޮއެލް އަތުން މޮޅުވެ ރެއަލް މެޑްރިޑް ދެ ވަނަ ބުރުގެ ޖާގަ ކަށަވަރު ކުރިއިރު، ކަލަންޑަރު އަހަރެއްގެ ތެރޭގައި ޗެމްޕިއަންސް ލީގުގަ...

22 Nov 2017 | 07:44

ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުން 6-0 ގެ ތަފާތު ބޮޑު ނަތީޖާ އަކުން އަޕޮއެލް އަތުން މޮޅުވެ ރެއަލް މެޑްރިޑް ދެ ވަނަ ބުރުގެ ޖާގަ ކަށަވަރު ކުރިއިރު، ކަލަންޑަރު އަހަރެއްގެ ތެރޭގައި ޗެމްޕިއަންސް ލީގުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑް ކްރިސްޓިއާނޯ ރޮނާލްޑޯ ހަދައިފިއެވެ. ރޭގެ މެޗުގައި ޖެހި ދެ ލަނޑާއެކު، އުމުރުން 32 އަހަރުގެ ރޮނާލްޑޯ ވަނީ މި ހިނގާ 2017 ވަނަ އަހަރު ޗެމްޕިއަންސް ލީގުގެ މެޗުތަކުގައި ޖުމްލަ 18 ލަނޑު ހަމަކޮށްފައެވެ.

ރޭގެ މެޗު ފެށިގެން ދެ ވަނަ މިނިޓުގައި ރޮނާލްޑޯ އޭރިޔާގެ ބޭރުން ނުރައްކާތެރި ހަމަލާއެއް ފޮނުވާލި ނަމަވެސް، މެޗު ފަށައިގެން ފެނުނީ ރެއަލްއަށް އެންމެ ރަނގަޅަށް މެޗް ކޮންޓްރޯލްކޮށް އެޓޭކް އުފައްދަން އުނދަގޫވެގެން ދިޔަތަނެވެ.

ނަމަވެސް ފުރަތަމަ ހާފުގެ ވަކި ހިސާބަކުން ފެށިގެން މެޗް ވަރަށް ބޮޑަށް ކޮންޓްރޯލް ކޮށް އަޕޮއެލްއަށް ރެއަލް އިން ޕްރެޝަރ ކުރަމުން ދިޔައިރު އެޓީމަށް 23 ވަނަ މިނިޓްގައި ލީޑު ނަގައިދިނީ ލޫކާ މޮޑްރިޗެވެ. މިއީ އަޕޮއެލްގެ ވިނިޝިއަސް ޑިފެންސް ކުރަން ވެގެން ގޯލާ ކުރިމަތިލައިގެން ހުރެ ނުބަލާ ފުންނާބުން ބޭރަށް ޖައްސާލި ބޯޅައެއް ހޯދާ އެއްފަހަރުން ގޯލަށް ފޮނުވާލައިގެން މޮޑްރިޗް ކާމިޔާބު ކުރި ލަނޑެކެވެ.

ފުރަތަމަ ލަނޑަށް ފަހު ރެއަލް އިން ފުލުފުލުގައި ކަހަލަ ގޮތަކަށް ހަމަލާ އުފެއްދިއިރު، އެޓީމުގެ ކައުންޓަރ އެޓޭކްތައް ފެނުނީ ވަރަށް ނުރައްކާތެރިކޮށެވެ. މިގޮތުން އުފެއްދި ކައުންޓަރ އެޓޭކެއްގައި ދެ ވަނަ ލަނޑު ޖަހައިދިނީ ބެންޒެމާއެވެ. މިއީ މި ސީޒަންގެ ޗެމްޕިއަންސް ލީގުގައި ބެންޒެމާއަށް ޖެހުނު ފުރަތަމަ ލަނޑެވެ.

ބެންޒެމާގެ ލަނޑުގެ މިނެޓެއް ހާއިރު ފަހުން މާކޯ އެސެންސިއޯ ނަގައިދިން ކޯނަރެއް ވެރޭން ބޮލުން ޖައްސާލުމުން ކީޕަރާ ދިމާލަށް ދަނިކޮށް، ނަޗޯ ވަނީ ފައިން ޖައްސާ ގޯލަށް ފޮނުވާލާފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ބެންޒެމާ ވަނީ އިތުރު ލަނޑެއް ޖަހާ 4 ލަނޑުގެ ލީޑެއް ނަގައިދީފައެވެ. މިއީ ރޮނާލްޑޯގެ މޮޅު ކުޅުމާއެކު ދެ ޑިފެންޑަރުން ކައިރިން ނައްޓާލުމަށްފަހު ބެންޒެމާއަށް އޭނާ ދިން ޕާހަކުން ޖެހި ލަނޑެކެވެ.

ރެއަލް އިން ފަހު ހާފު ފަށައިގެން 49 ވަނަ މިނިޓުގައި މާސެލޯ ނަގައިދިން ބޯޅައަކުން އަދި 54 ވަނަ މިނިޓުގައި ބެންޒެމާގެ އެސިސްޓަކުން ރޮނާލްޑޯ ވަނީ ލަނޑު ޖަހައިފައެވެ. މިއާއެކު ލީގުގައި ލަނޑު ނުޖެހުމުގެ މައްސަލަ ދިމާވެފައިވާ ރޮނާލްޑޯ ވަނީ ޗެމްޕިއަންސް ލީގަކީ އަބަދުވެސް އޭނާއަށް ޚާއްސަ މުބާރާތެއްކަން އަނެއްކާވެސް ސާބިތުކޮށްދީފައެވެ.

މި މޮޅާއެކު ރެއަލް ގްރޫޕްގެ ދެ ވަނައިގައި އޮތްއިރު، ދެވަނަ ބުރުގެ ޖާގަ ކަށަވަރުވީ ތިން ވަނައިގައި އޮތް ޑޯޓްމަންޑަށް އެ ޓީމާ އަރާ ހަމަ ކުރުމުގެ ފުރުސަތު ނެތީމައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް