ވިލާ ކޮލެޖުން އައު ހަތަރު ކޯހެއް ތައާރަފްކޮށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ވިލާ ކޮލެޖުން އަންނަ ޖެނުއަރީ މަހު ފެށުމަށް ހަމަޖެހިފައުވާ އައު ހަތަރު ކޯހެއް ތައާރަފްކޮށް، ޕްރޮގްރާމްތަކަށް ކުރިމަތިލާން އިއްޔެ ހުޅުވާލައިފި އެވެ. އިއްޔެ އެކޮލެޖުގައި މިކަމަށްޓަކައި ބޭއްވުނު ނޫސްވެރި...

22 Nov 2017 | 01:15

ވިލާ ކޮލެޖުން އަންނަ ޖެނުއަރީ މަހު ފެށުމަށް ހަމަޖެހިފައުވާ އައު ހަތަރު ކޯހެއް ތައާރަފްކޮށް، ޕްރޮގްރާމްތަކަށް ކުރިމަތިލާން އިއްޔެ ހުޅުވާލައިފި އެވެ.

އިއްޔެ އެކޮލެޖުގައި މިކަމަށްޓަކައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޯސްތައް ތަޢާރަފްކޮށްދެއްވީ ވިލާ ކޮލެޖުގެ ރެކްޓަރ ޑރ.އަހުމަދު އަންވަރު އެވެ.

އަލަށް ތަޢާރަފް ކުރެވުނު މި ކޯސްތަކުގެ ތެރޭގައި ހިމެނެނީ އިނގިރޭސިވިލާތުގެ ޔުނިވާސިޓީއެއް ކަމަށްވާ ޔުނިވާސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލޭންޑު (ޔޫޑަބްލިއުއީ)ގެ ބެޗްލަރ އޮފް ނަރސިން (އޮނަސް) އިންޓަރ ނޭޝަނަލް (ޓޮޕް އަޕް)، އަދި ވިލާ ކޮލެޖުގެ އަމިއްލަ ޕްރޮގްރާމްތައް ކަމަށްވާ ބެޗްލަރ އޮފް ޓީޗިން ދިވެހި ލެންގުއޭޖް، މާސްޓަރ އޮފް އެޑިއުކޭޝަން އިން ޓީޗިންގ، މާސްޓަރސް އޮފް އެޑިއުކޭޝަން އިން ލީޑަރޝިޕް އެންޑް މެނޭޖްމަންޓް ޕްރޮގްރާމެވެ.

ވިލާ ކޮލެޖުން ހާމަކުރާގޮތުގައި ބެޗްލަރ އޮފް ނަރސިން (އޮނަސް) އިންޓަރ ނޭޝަނަލް (ޓޮޕް އަޕް)  ޕްރޮގްރާމަކީ  ނާރސިންގެ ދާއިރާއިން ޑިޕްލޮމާ ފުރިހަމަކޮށް، މިހާރު ޚިދުމަތުގައި ތިއްބެވި ނަރުހުންގެ ޢިލްމީ ޤާބިލްކަން އިތުރުކޮށް މަސައްކަތުގެ ހުނަރު ތަރައްޤީ ކުރުމަށް އަމާޒުކޮށްގެން ހިންގޭ ޕްރޮގްރާމެކެވެ. 2 އަހަރު ދުވަހުގެ މި ޕްރޮގްރާމްގައި ސިއްޙީ ޚިދުމަތްދިނުމުގައި ކްރިޓިކަލް ތިންކިންގ ބޭނުންކުރުމާއި ބިނާކުރަނިވި އާގޮތްތައް އިޖާދުކޮށްގެން ޚިދުމަތުގެ ފެންވަރު ރަގަޅުކުރާނެ ގޮތްކަށް ސަމާލުކަން ދެވިފައިވާނެއެވެ.

ބެޗްލަރ އޮފް ޓީޗިން ދިވެހި ލޭންގުއޭޖު ޕްރޮގްރާމަކީ ކިޔަވައިދިނުމުގެ ދާއިރާއަށް އަންނަމުންދާ ކުރިއެރުމާއި، ކަރިކިއުލަމާއި ޕެޑަގޮޖީއަށް އަންނަ ބަދަލުތަކާ އެކު ބަދަލުވަމުންދާ ދުނިޔެއެއްގައި ދަރިވަރުންނަށް ބޭނުންވާ ތަޢުލީމާއި ތަރުބިއްޔަތު ފުރިހަމަކޮށްދިނުމަށް ދިވެހި މުދައްރިސުން ތައްޔާރު ކުރުމުގެ ބޭނުމުގައި ފަރުމާ ކުރެވިފައިވާ ޕްރޮގްރާމެކެވެ. މިގޮތުން، ޤައުމީ މަންހަޖުގައި ފާހަގަކުރައްވާފައިވާ ލަނޑު ދަނޑިތައް ޙާޞިލު ކުރުމަށްޓަކައި ދިވެހި ކިޔަވައިދެއްވާ މުދައްރިސެއްގެ ހައިސިއްޔަތުން އަދާކުރައްވަން ޖެހިވަޑައިގަންނަވާ ދައުރާއި އެކަމަށް ބޭނުންވާ ހުނަރާއި ޤާބިލިއްޔަތު ލިބިދިނުން އެއީ މި ޕްރޮގްރާމުގެ މައިގަނޑު އަމާޒުކަމުގައި އެ ކޮލެޖުން ހާމަކުރެ އެވެ.

މި ޕްރޮގްރާމުގައި ދިވެހިބަހާއި ލިންގުއިސްޓިކްގެ ބައިތަކާއި ތާރީޚުގެ ތަފާތު ބައިތައް ވަރަށް ފުންކޮށް ހިމެނިފައި ވާނެ ކަމަށާއި އަދި ކިޔަވައިދިނުމުގެ ވައްޓަފާޅިއާއި، ހުނަރުތަކާއި، ކަރިކިއުލަމާއި އެސެސްމަންޓު ގެންދާނޭގޮތް ހިމެނިފައިވާނެކަމުގައި ވިލާ ކޮލެޖުން ހާމަކުރެ އެވެ.

އެ ކޮލެޖުން ވިދާޅުވެފައިވަނީ މާސްޓަރ އޮފް އެޑިއުކޭޝަން އިން ޓީޗިންގ ޕްރޮގްރާމް އަކީ ކިޔަވައި ދެއްވުމުގައި އުޅުއްވާ ޓިޗަރުންނަން ކިޔަވައި ދިނުމުގެ ދާއިރާއިން  އިތުރަށް ކުރިއަށް ދެވޭނެ ގޮތްތަކަށް ސަމާލުކަން ދީގެން ތައްޔާރުކުރެވިފައިވާ ޕްރޮގްރާމެއް ކަމަށާއި މާސްޓަރސް އޮފް އެޑިއުކޭޝަން އިން ލީޑަރޝިޕް އެންޑް މެނޭޖްމަންޓް އަކީ ސްކޫލްތަކުގެ ހިންގުމުގެ ދާއިރާގައި އުޅުއްވާ ބޭފުޅުންގެ ޤާބިލްކަން އިތުރުކޮށް ވަޒީފާގައި އިތުރަށް ކުރިއަށް ދިއުމުގެ މަގު ތަނަވަސް ކުރުމަށް އަމާޒު ކުރެވިގެން ހިންގާ ޕްރޮގްރާމެއް ކަމަށެވެ. މި ދެ ޕްރޮގްރާމްވެސް ކިޔަވައި ދިނުމަށް ހަމަޖެހިފައި ވަނީ ބްލޮކްމޯޑް އަށް ކަމަށެވެ.

އެ ކޮލެޖުން އިތުރަށް ވިދާޅުވީ ވިލާ ކޮލެޖުގެ ޖެނުއަރީ އިންޓޭކް 2018 ގައި ފެށުމަށް ހަމަޖެހިފައިވާ އެހެނިހެން ކޯސްތަކާއި އަދި މިއަދު އަލަށް ތަޢާރްފް ކުރެވުނު ކޯސްތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ކޯހުގައި ބައިވެރިވުމަށް ފޯމް ހުށަހަޅަން ޖެހޭ ތާރީޚަކީ 17 ޑިސެމްބަރ 2017 ކަމަށާއި ކޯސްތަކުގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ މަހުގެ ތެރޭގައި ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް