މޯލްޑިވްސް ޕޮލިސް ސާވިސް (ދިވެހި ފުލުހުން) ގެ ދެ ޑިޕާޓްމެންޓަކަށް ޑައިރެކްޓަރު ޖެނެރަލުން ހޯދަން އިއުލާނު ކޮށްފި އެވެ.
ވަކި ވަކިން އިއުލާނު ކޮށްފައިވަނީ ފައިނޭންސް ޑައިރެކްޓަރ ޖެނެރަލަކާއި ހިއުމަން ރިސޯސަސް ޑައިރެކްޓަރ ޖެނެރަލަކު ހޯދުމަށެވެ. މިއީ ފުލުހުންގެ މިފަދަ މަގާމުތަކަކަށް މިފަދަ ގޮތަކަށް މީހުން ހޯދަން އިއުލާނުކުރާ ފުރަތަމަ ފަހަރުކަން ފާހަގަ ކޮށްލެވެ އެވެ. މީގެ ކުރިން މިފަދަ މަގާމުތައް އަދާކުރަމުންދަނީ ފުލުހުންގެ ތެރެއިންނެވެ.
މި އިއުލާނުތަކާބެހޭގޮތުން މީޑިއާތަކަށް މައުލޫމާތު ހިއްސާ ކުރައްވަމުން ސްޕްރިޑެންޓެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ މި މުވައްޒަފުން ރެކްރޫޓް ކުރެވެނީ ފުލުހުންގެ ހިއުމަން ރިސޯސަސް މެނޭޖް ކުރުމަށާއި ފައިނޭންސް އަދި އެސެޓް މެނޭޖް ކުރުމުގެ ވަޒީފާތަކަށް ކަމަށެވެ.
"ޕޮލިސް ވަޒީފާތައް ނުވަތަ ނޮން ޕޮލިސް ރޯލްތަކަށް ފުލުހުން ނޫން ނުވަތަ ސްވޯން އިން އޮފިސަރސް ނޫން ކޮލިފައިޑް އާންމު މުވައްޒަފުން ރެކްރޫޓް ކުރުމަށް ނިންމާފައިވަނީ ފުލުހުންގެ ކޯރ ރެސްޕޮންސިބިލިޓީ ނުވަތަ ފުލުހުންނަށް މަތިކޮށްފައިވާ ގާނޫނީ ޒިންމާ އަދާކުރުމަށް ފުލުހުންގެ ދައުރު މިހާރަށްވުރެ އިސް ކުރުމަށާއި ސަޕޯޓް ރޯލްތަކުގަ މިހާރު މަސައްކަތް ކުރަމުންދާ ފުލުހުން އޮޕަރޭޝަނަލް ވަޒީފާތަކަށް ނެރުމަށް ތަންފީޒު ކުރަމުންދާ ޕްލޭނެއްގެ ދަށުން، އަދި ޓްރާންސްޕޭރެންޓް އެންޑް އެފެކްޓިވް ނިޒާމެއް ފައިނޭންސް މެނޭޖް ކުރުމުގަ އާއި އިންސާނީ ވަސީލަތްތައް ބެލެހެއްޓުމުގައި ފުލުހުންގެ މުއައްސަސާގައި ގާއިމް ކުރުމުގެ ބޭނުމުގައި" ޝިފާން ވިދާޅުވި އެވެ.
ޝިފާން އިތުރަށް ވިދާޅުވީ މީގެ އިތުރުންވެސް ފުލުހުންގެ މުއައްސަސާގެ އިންޓާނަލް ގަވަރނޭންސް ހަރުދަނާ ކުރުމަށް ގިނަ މަސައްކަތްތަކެއް މިހާރުވެސް ދަނީ ކުރަމުން ކަމަށެވެ.
މި ދެ މަގާމަށް މުސާރައިގެ ގޮތުގައި ގާތްގަނޑަކަށް 15 ހާސް ރުފިޔާ ލިބޭއިރު ނޮން ޕްރެކްޓިސް އެލަވަންސްގެ ގޮތުގައި މުސާރައިގެ 35 އިންސައްތަ ލިބޭނެ ކަމަށާއި އިތުރު ގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެ ކަމަށް އިއުލާނުގައި ބުނެފައި ވެ އެވެ.
މި ދެ މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުން މޯލްޑިވްސް ޕޮލިސް ސަރވިސްއިން ދޫކުރާ ވަޒީފާއަށް އެދި ހުށަހަޅާ ފޯމު ފުރިހަމަކުރުމަށްފަހު ހުށަހަޅަންޖެހޭ ލިޔުންތަކާއެކު 2017 ޑިސެމްބަރ 17 ވަނަ ދުވަހުގެ 16:00 ގެ ކުރިން ޝަހީދު ޙުސައިން އާދަމް ބިލްޑިންގގެ ރިސެޕްޝަނަށް ހުށަހެޅުން ފުލުހުން އެދެ އެވެ. މި މަޤާމަށް އެދި ހުށަހަޅާ ފޯމުތައް ބަލައިގަންނާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 14:00 އިން 16:00 އަށް ކަމުގައި ފުލުހުންގެ އިއުލާނުގައި ބުނެފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް