ޒިމްބާބްވޭގެ ރައީސް ކަމުން ރޮބަޓް މުގާބޭ އިސްތިއުފާ ދެއްވައިފި އެވެ.
އިސްތިއުފާ ދެއްވަން ނިންމަވައި މުގާބޭ އެގައުމުގެ މަޖިލީހަށް ފޮނުވި ސިޓީގައި ބުނެފައިވަނީ އިސްތިއުފާ ދެއްވަން ނިންމެވީ ގައުމުގެ ރައްޔިތުންގެ ލާބައާއިމެދު ވިސްނަވާ ވަޑައިގެން އެއްވެސް ހަމަނުޖެހުމެއް ނުހިނގައި ސުލްހަވެރިކަމާއެކު ބާރުތައް ދޫކޮށްލެވުމުގެ ބޭނުމުގައި އަމިއްލަ އިސްނެގުމުގެ މަތިންކަމުގައެވެ.
މުގާބޭ އިސްތިއުފާދެއްވުމާއި ގުޅިގެން އެގައުމުގައި ދަނީ ގިނައަދަދެއްގެ ބަޔަކު އުފާ ފާޅުކުރަމުންނެވެ. މުގާބޭގެ އިސްތިއުފާގެ ސިޓީ މަޖިލީހުގައި އިއްވިއިރު މަޖިލީހުގެ މެންބަރުންވެސް ވަނީ ނަށައި އުފާ ފާޅުކޮށްފައެވެ. މުގާބޭ އިސްތިއުފާދެއްވައިފައި މިވަނީ މަޖިލިސް މެދުވެރިކޮށް މުގާބޭ މަގާމުން ދުރުކުރުމުގެ މަސައްކަތް ފަށައިފައިވަނިކޮށެވެ.
ޒިމްބާބްވޭގެ ސިޔާސީ މަޝްރަހު ހޫނުވެ މުގާބޭ އިސްތިއުފާދޭން ޖެހިވަޑައިގަތީ ނައިބް ރައީސްއަކަށް ހުންނެވި އެމާރސަން ޑަންބުޑްޒޯ މަނަގްވާ މަގާމުން ދުރުކޮށް މުގާބޭގެ އަނބިކަނބަލުން ވެރިކަމަށް ގެންނަން އުޅޭ ހަބަރުތަކެއް ފެތުރި އެގައުމުގެ އަޝްކަރިއްޔާއިން މުގާބޭއާއި ދެކޮޅަށް ބަގާވާތެއް ކުރުމާއި ގުޅިގެންނެވެ. ބަގާވާތް ކުރުމާއިއެކު މުގާބޭގެ އަނބިކަނބަލުން ވަނީ ގައުމު ދޫކުރައްވައި ފިލާވަޑައިގެންފަ އެވެ.
އުމުރުން 93 އަހަރުގެ މުގާބޭ ވަނީ 37 އަހަރުވަންދެން ޒިންބާބްވޭގެ ރައީސްކަން ކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް