ކުޑަކުދިންގެ ހިޔާގެ ކުދިންނަށް މި ސެޕްޓެމްބަރ މަހު ތަޢާރަފްކޯށްގެން ކުރިޔަށް ގެންދަން ފަށާފައިވާ ލައިފް ސްކިލް ޕްރޮގްރާމް (ސޯލްޓް)އަށް ރައްޔިތުން މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު ފައިސަލް ނަސީމްގެ "ފައިސަލް ފައުންޑޭޝަނުން" އަދި އެފް.އެޗް ފައުންޑޭޝަނުން ކުދިން ސްޕޮންސަރކޮށްދެއްވުމުގެ ގޮތުން ފައިސާގެ އެހީ ވެދީފިއެވެ.
ޖެންޑާ މިނިސްޓްރީން ހާމަކުރާ ގޮތުގައި ފައިސަލް ފައުންޑޭޝަނުން ޕްރޮގްރާމްގައި ބައިވެރިވާ ހުރިހާ ކުދިންގެ އެއް މަހު ފީ ސްޕޮންސަރ ކޮށްދެއްވާ، އެކަމުގެ ލިޔުން ކުޑަކުދިންގެ ހިޔާއާއި ޙަވާޅުކޮށްދެއްވީ ފައިސަލް ނަސީމް އެވެ. އަދި މީގެ އިތުރުން އެފް.އެޗް ފައުންޑޭޝަންގެ ފަރާތުން ސްޕޮންސަރ ޙަވާލުކޮށްދެއްވާފައިވަނީ ރައްޔިތުން މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމްއެވެ. މި އެހީއާއި ކުޑަކުދިންގެ ހިޔާގެ ފަރާތުން ޙަވާލުވީ ކުޑަކުދިންގެ ހިޔާގެ ސީ.އީ.އޯ ޒީނާޒު ޢަދުނާނެވެ. ހިޔާގައި ބޭއްވުނު ރަސްމިއްޔާތުގައި ހިޔާގެ މެނޭޖްމަންޓާއި ލީޑަރޝިފް އެކަރޑަމީގެ ފަރާތުން ބައިވެރިވެފައިވެއެވެ. މިރަސްމިއްޔާތު ގައި ކުދިންގެ ފަރާތުން މަރުހަބާ ލަވައެއް ހުށަހަޅައިދީ ސޯލްޓް ޕްރޮގްރާމް އާއި ބެހޭ ޕްރެޒެންޓޭޝަނެއް ދިނުންވެސް އޮތެވެ.
"ސޯލްޓް ޕްރޮގްރާމްއަކީ ކުޑަކުދިންގެ ހިޔާއާއި ލީޑަޝިޕް އެކަޑަމީއާ އެކު 31 އޮކްޓޯބަރ 2015ގައި ސޮއިކުރި އެއްބަސްވުމުގެ ދަށުން ކުރިއަށް ގެންދަމުންދާ ލައިފް ސްކިލް ޕްރޮގްރާމްއް، އެގޮތުން މި ޕްރޮގްރާމް އަމާޒުކޮށްގެން ހިންގަނީ ކުޑަކުދިންގެ ހިޔާގައި ތިބި ހަ އަހަރާ 18 އަހަރާ ދެމެދުގެ 71 ކުއްޖަކަށް ކޮންމެ ހަފްތާއަކު އަށް ސެޝަން ކުރިޔަށްގެންދާ ގޮތަށް، މިފަދަ ޕްރޮގްރާމްއެއް ކުރިޔަށް ގެންދިއުމުގެ މަޤްޞަދަކީ ކުދިން ދިރިއުޅުމަށް ތައްޔާރުކުރުމުގެ ގޮތުން ބޭނުންވާ ތަފާތު ހުނަރުތަށް ދަސްކޮށްދިނުން" ސީ.އީ.އޯ ޒީނާޒު ވިދާޅުވިއެވެ.
މީގެ އިތުރުން ޚާއްޞަގޮތެއްގައި ކުދިންގެ އަމިއްލަ ނަފްސަށް އިތުބާރުކޮށް އަމިއްލަ ނަފްސާމެދު އެނގެންޖެހޭ ކަންތައްތައް އަންގައިދީ، އެހެންކުދިންނާއި އެކުގައި އުޅޭއިރު އުޅެންޖެހޭ ގޮތްތައް ދަސްކޮށްދިނުން ހިމެނޭ ކަން ފާހަގަކުރެއްވިއެވެ. އަދި މި ޕްރޮގްރާމްގައި ކުރިޔަށްގެންދާ ޙަރަކާތްތަކުގެ ތެރެއިން، ކުދިންނަށް ކިޔެވުމުގެ ޤާބިލުކަން، ޝަހުޝިއްޔަތު، މަސައްކަތްތެރިކަން، މީހުނާއިގުޅުމުގެ ހުނަރު، އަމިއްލަ ކުޅަދާނަކަން ދަސްކޮށްދޭނެ ޙަރަކާތްތައް ކުރިޔަށް ގެންދެވޭނެކަން ފާޙަގަކުރިއެވެ.
ކުޑަކުދިންގެ ހިޔާގެ ފަރާތުން ސީ.އީ.އޯ ޒީނާޒް ޢަދުނާން ވަނީ މިބޭފުޅުންގެ އިސްނެންގެވުމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ކުދިންގެ ހުނަރުތައް ތަރައްގީ ކުރުމަށް މިފަދަ ޕްރޮގްރާމްތައް ހިންގުމުގެ މުހިންމުކަމަށްވެސް އަލިއަޅުވާލެއްވިއެވެ. މީގެއިތުރުން ހިޔާގައި ބަލަހައްޓަމުންގެންދާ ކުދިންނަކީ ހުރިހާ އެންމެންގެ އެހީތެރިކަމާއި ލޯބި ބޭނުންވާ ކުދިންތަކެއްކަމަށް ވިދާޅުވެފައިވެއެވެ. އެހެންކަމުން އަޅުގަނޑުމެންގެ މުޖުތަމައުގައި އުޅުއްވާ އެންމެހައި ބޭފުޅުންވެސް އޯގާތެރި ނަޒަރަކުން މިކުދިންނާއިދޭތެރޭ ދެކެ އެހީތެރިކަން ފޯރުކޮށްދެއްވެން އޮންނަ މިންވަރަކުން އެހީތެރިކަން ފޯރުކޮށްދެއްވުމަށްވެސް އެދިވަޑައިގެންނެވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް