ތާލިބާނުންނަށް ކުންދޫޒް ހިފުނީ ލީޑަޝިޕް ފެއިލް ވުމުން

މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި އަފްގާނިސްތާނުގެ ރަށެއް ކަމަށްވާ ކުންދޫޒް ތާލިބާނުންގެ ބާރުގެ ދަށަށް ގެންގޮސްފައި ވާއިރު އެ ރަށް ތާލިބާނުންނަށް ހިފުނީ އަފްގާން ލީޑާޝިޕް ފެއިލް ވުމުން ކަމަށް އެކަން...

22 Nov 2015 | 03:32

މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި އަފްގާނިސްތާނުގެ ރަށެއް ކަމަށްވާ ކުންދޫޒް ތާލިބާނުންގެ ބާރުގެ ދަށަށް ގެންގޮސްފައި ވާއިރު އެ ރަށް ތާލިބާނުންނަށް ހިފުނީ އަފްގާން ލީޑާޝިޕް ފެއިލް ވުމުން ކަމަށް އެކަން ތަހުގީގުކުރާ ޓީމުން ބުނެފި އެވެ.

ތާލިބާނުން ކުންދޫޒް ހިފި މައްސަލަ ތަހުގީގު ކުރަން އެކުލަވާލާފައިވާ ޓީމުގެ އިސް ވެރިޔާ އަމްރުﷲ ސާލިހް ބުނެފައިވަނީ ތާލިބާނުން ކުންދޫޒް ހިފި ދުވަހު އަފްގާނިސްތާނުގެ މިލިޓަރީ ވެރިއަކީ ކާކުކަންވެސް އޮތީ އޮޅިފައި ކަމަށެވެ. އަދި އެ ދުވަހު އެކަންވީ ލީޑަޝިޕް ފެއިލްވެ އެއްވެސް ހަރުދަނާ އުސޫލެއް ގާއިމްވެފައި ނެތުމުން ކަމަށް އަމްރުﷲ ސާލިހް ބުނެ އެވެ.

މި މައްސަލަ ތަހުގީގު ކުރަން ވަކި ކޮމިޓީއެއް އެކުލަވާލައި އެ ކޮމިޓީގެ އިސް ވެރިއަކަށް އަމްރުﷲ ސާލިހް އައްޔަން ކުރީ އަފްގާނިސްތާނުގެ ރައީސް މުހައްމަދު އަޝްރަފް ގަނީ އެވެ. އަމްރުﷲ ސާލިހް އަކީ އެގައުމުގެ ކުރީގެ އިންޓެލިޖެންސް ވެރިޔާ އެވެ.

މި މައްސަލައިގެ ތަހުގީގު ނިމުމަކާ ގާތްވެފައި ވާއިރު އަމްރުﷲ ސާލިހު ބުނެފައިވަނީ މި ފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށްޓަކއި އެގައުމުގެ ނޭޝަނަލް ސެކިއުރިޓީ ކައުންސިލް ރީފޯމްކޮށް ގައުމުގެ ސަލާމަތީ ކަންކަން އިތުރަށް ވަރުގަދަ ކުރަން ޖެހޭ ކަމަށެވެ.

ތާލިބާނުން ކުންދޫޒް ހިފާފައިވަނި ސެޕްޓެމްބަރު މަހުގެ ފަހުކޮޅުގައެވެ. ކުންދޫޒް އަކީ ތިން ލައްކައަށްވުރެ ބޮޑު އާބާދީއެއް އޮންނަ ރަށެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް