އެއްވެސް މެޗަކުން ބަލިނުވެ، މުބާރާތުގެ ޗެމްޕިއަންކަން ޝަރީފް ހޯދައިފި

މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދިޔަ ގައުމީ 10 ބޯލް ބިލިއާޑް މުބާރާތުގެ ޗެމްޕިއަންކަން މެޗަކުން ބަލިނުވެ، ރާއްޖޭގެ އެއްވަނަ ބިލިއާޑް ކުޅުންތެރިޔާ...

21 Nov 2015 | 21:23

މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދިޔަ ގައުމީ 10 ބޯލް ބިލިއާޑް މުބާރާތުގެ ޗެމްޕިއަންކަން މެޗަކުން ބަލިނުވެ، ރާއްޖޭގެ އެއްވަނަ ބިލިއާޑް ކުޅުންތެރިޔާ މުހައްމަދު ޝަރީފް ހޯދައިފި އެވެ.

އެމްޕީބީއޭ ކްލަބު ހައުސްގައި މިރޭ ކުޅުނު މިމުބާރާތުގެ ފައިނަލްގައި  ދުންޔާޒް މުހައްމަދުއާ ވާދަކޮށް، މުހައްމަދު ޝަރީފް މޮޅުވެފައިވަނީ 7-3 ފްރޭމްއިންނެވެ.

މިމެޗުގެ ފުރަތަމަ ދެ ފްރޭމް ގެންގޮސްފައިވަނީ ދުންޔާޒް އެވެ. ޖެހިގެން އައި ތިން ސެޓް ޝަރީފް ކާމިޔާބުކުރިއިރު، އިތުރު ފްރޭމްއެއް ކާމިޔާބުކޮށް ދުންޔާޒް ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. ނަމަވެސް ޖެހިގެން އައި ސެޓްތައް ގެންގޮސް ޝަރީފް ވަނީ ޗެމްޕިއަންކަން ހޯދައިފަ އެވެ.

މިމުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މިނިސްޓްރީ އޮފް ޔޫރު އެންޑް ސްޕޯޓްސްގެ ޑެޕިއުޓީ މިނިސްޓަރު އަބްދުލް މުހުސިން ހަމީދު (ޖޭފޯ) އެވެ. އޭގެ އިތުރުން ތިލަފުށީ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު އަހްމަދު ނާސިފްއާއި ނޭޝަނަލް ސެންޓާ ފޯ ދި އާޓްސްގެ ޑިރެކްޓަރ ޖެނެރަލް އިބްރާހިމް ޝިޔާމް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

މިމުބާރާތުގެ ޗެމްޕިއަންކަން ހޯދި މުހައްމަދު ޝަރީފްއަށް 7000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބުނުއިރު، މުބާރާތުގެ ރަނަރަޕް ދުންޔާޒް މުހައްމަދުއަށް ލިބިފައިވަނީ 3000 ރުފިޔާގެ ފައިސާގެ އިނާމެކެވެ. އަދި މުބާރާތުގެ ތިންވަނައަށް ހޮވުނު ކުޅުންތެރިޔާ ހުސައިން ފަޔާޒްއަށް ލިބިފައިވަނީ 2000 ރުފިޔާގެ ފައިސާގެ އިނާމެކެވެ.

މި މުބާރާތުގެ 9 އިން 16 ވަނަ އަށް ހޮވުނު ކުޅުންތެރިންނަކީ އަލީ ފަޔާޒް، އަހްމަދު ރަމްޒީ، މޫސާ ސާމިއު، އަސްލަމް އަބްދުﷲ، އަހްމަދު ޝަރީފް ހުސައިން، ހަސަން ރާޖޭޝް މޫސާ، ހުސައިން ސަނީފް އަދި އަލީ ޝާވިން އެވެ. އިނާމެއްގެ ގޮތުގައި މިއިން ކޮންމެ ކުޅުންތެރިންނަށް ލިބިފައިވަނީ 500 ރުފިޔާ އެވެ.

މިމުބާރާތުގެ 4 އިން 8 ވަނައަށް ހޮވުނު ކުޅުންތެރިންނަކީ އިބްރާހިމް ހަނީފް، ޔޫސުފް ޒުބައިރު، އަހްމަދު ޒިޔާން، ހަސަން ޝަފްރާޒް އަދި އަހުސަން ހާޝިމް އެވެ. އިނާމެއްގެ ގޮތުގައި މިއިން ކޮންމެ ކުޅުންތެރިޔަކަށް ލިބުނީ 1000 ރުފިޔާ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް