ހއ. ހޯރަފުށްޓަށް ރޭ ކުރި ވިއްސާރައިގައި ބައެއް ގެތަކަށް ފެން ވަދެ ގެއްލުންތަކެއް ލިބުމާއި ގުޅިގެން ލިބުނު ގެއްލުންތައް ބަލަން ފަށައިފި އެވެ.
ދުވަހަށް މައުލޫމާތުދެއްވަމުން ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރު ޕްރޮޖެކްޓް ޑައިރެކްޓާ ހިސާން ހަސަން ވިދާޅުވީ ވިއްސާރައިގެ ސަބަބުން ހޯރަފުށްޓަށް ލިބުނު ގެއްލުންތައް ބަލައި އެ މައުލޫމާތުތައް ފޯރުކޮށްދިނުމަށް އެ ރަށު ކައުންސިލަށް އަންގާފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ އެ އެންޓަރުން ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދޭން ފެށޭނީ އެ މައުލޫމާތުތައް ސެންޓަރަށް ލިބުމުން ކަމަށެވެ.
އޭނާ ވިދާޅުވީ ވިއްސާރައިގެ ސަބަބުން ގެއްލުން ލިބުނު ގެތަކަށް އެހީވުމަށާއި ފެން ހިންދުމުގެ މަސައްކަތް ކޮށްދިނުމަށް އެމްއެންޑީއެފް ނޮދާން އޭރިއާގެ އހީތެރިކަމަށް މިހާރު އެދިފައިވާނެކަމަށެވެ.
ހޯރަފުށީ ކައުންސިލުން ބުނީ ރޭ 11:30 އިން ފެށިގެން އެރަށަށް ކުރި ވިއްސާރައިގައި ކުރިންވެސް އެރަށުގައި ފެންބޮޑުވާ ދެ މަގުކަމަށްވާ ނޫވިލް މަގާއި ބަގީޗާ މަގާއި ދެމެދު ސަރަހައްދުގައި ހުރި ހަ ގެއަކަށް ފެންވަދެ ބޮޑެތި ގެއްލުންވެފައިވާ ކަމަށެވެ. މިގެތަކަށް ފެން ވަނުމުގެ ސަބަބުން ހިފާ ގެންގުޅޭ ތަކެއްޗަށާއި އެނދު، އަލަމާރި ފަދަ ތަކެތި ބޭނުންނުކުރެވޭ ވަރަށްވަނީ ހަލާކުވެފައި އެވެ.
ހޯރަފުއްޓަށް ކުރި ވިއްސާރައިގައި ބައެއް ގެތަކުގައި ފެން ބޮޑުވިއިރު 2012 ވަނަ އަހަރު ނޮވެމްބަރު ރާއްޖެއަށް ކުރި ވިއްސާރާގައި ހޯރަފުއްޓަށް ވަނީ ބޮޑެތި ގެއްލުންތަކެއްވެފައެވެ. އެގޮތުން އެރަށުގެ ހުރިހާ ގެތަކެއްގައި ހެން ފެން ބޮޑުވެފައިވެއެވެ. އެފަހަރު އެރަށް ވއްސާރައިގެ ސަބަބުން 3.5 މިލިއަން ރުފިޔާގެ ގެއްލުން ވެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް