ބޯހިމެނުމުގައި ލިބުނު ބިދޭސީންގެ މައުލޫމާތު ދެން ބަދަލެއް ނުވާނެ: ޒުބައިރު

ބޯހިމެނުމުގެ ވަގުތީ ރިޕޯޓުގައި ރާއްޖޭގައި އުޅޭ ބިދޭސީންގެ އަދަދު ސައްހަ ނުވިވިޔަސް ދާއިމީ ރިޕޯޓުގައި ބިދޭސީންގެ އަދަދަށް ބަދަލެއް ނާންނާނެކަމަށް ޑިޕާޓްމަންޓް އޮފް ސްޓެޓިސްޓިކްސް އިން ބުނެފި އެވެ. ދުވަ...

22 Nov 2014 | 07:37

ބޯހިމެނުމުގެ ވަގުތީ ރިޕޯޓުގައި ރާއްޖޭގައި އުޅޭ ބިދޭސީންގެ އަދަދު ސައްހަ ނުވިވިޔަސް ދާއިމީ ރިޕޯޓުގައި ބިދޭސީންގެ އަދަދަށް ބަދަލެއް ނާންނާނެކަމަށް ޑިޕާޓްމަންޓް އޮފް ސްޓެޓިސްޓިކްސް އިން ބުނެފި އެވެ.

ދުވަހަށް މައުލޫމާތުދެއްވުން ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓާ މުހްއަމަދު ޒުބައިރު ވިދާޅުވީ އިމިގްރޭޝަން ޑިޕާޓްމަންޓުން ބުނިފަދައިން ބޯހިމެނުމުގެ ވަގުތީ ރިޕޯޓުގައި ބިދޭސީންގެ އަދަދުކަމަށް ބުނެފައިވަނީ ސައްހަ އަދަދެއް ނޫންކަމަށެވެ. ޒުބައިރު ވިދާޅުވީ އެކަން ހައްލު ކުރެވޭނެ ގޮތް ނެތް ކަމަށާއި، މައުލޫމާތުތައް ސައްހަ ކުރުމަށް އެއްބާރުލުން ލިބިފައި ނުވާކަމަށެވެ.

ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައުލޫމާތުތައް ދައުލަތުގެ އެއްވެސް މުއައްސަސާއަކާއި ހިއްސާ ނުކުރާނެ ކަމަށްތަކުރާރުކޮށް އިއުލާން ކުރެވުނު ނަމަވެސް ބިދޭސީންގެ ފަރާތުން އެއްބާރުލުން ލިބިފައިނުވާކަމަށެވެ. އަދި ރަސްމީކޮށް ނޭންގި ނަމަވެސް ބޯހިމެނުމުގެ ވަގުތީ ރިޕޯޓުގައި ބިދޭސީންގެ މައުލޫމާތު ސައްހަ ނޫން ސަބަބު ކަމާ ބެހޭ ފަރާތްތަކަށް އެނގެން ވާނެކަމަށް ޒުބައިރު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ނުޖެހޭނެ އިމިގްރޭޝަނަށް އަންގާކަށް މައުލޫމާތު ހަމައަށް ނުލިބުނޭ. އެ ބޭފުޅުންނަށްވެސް އިނގޭނެ ބިދޭސީންގެ މައުލޫމާތު ސައްހަ ނޫންކަމަށާއި ނުވި ސަބަބު. މިހާރު އަންމު ކޮށްފައި އިން އަދަދަކަށް ބަދަލެއް ނާންނާެ. ރަސްމީ ރިޕޯޓުގައިވެސް އިންނާނީ މިހާރު އާންމު ކޮށްފައިވާ ބިދޭސީންގެ މައުލޫމާތު،" ޒުބައިރު ވިދާޅުވި އެވެ.

ބޯހިމެނުމުގެ ވަގުތީ ރޮޕޯޓުގައި ވާގޮތުން ރާޢްޖޭގައި އުޅެނީ 36 ހާހެއްހާ ބިދޭސީންނެވެ.

ނަމަވެސް އިމިގްރޭޝަންގެ ތަފާސް ހިސާބު ދައްކާގޮތުން ރާއްޖޭގައި އެއް ލައްކައަށް ވުރެ ގިނަ ބިދޭސީން އުޅެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް