އެފްރިކާގެ ގައުމެއް ކަމަށްވާ ގިނީގެ ވެރިރަށް ބިއްސާއުގައި އަންހެން ކުދިން ހިތާނުކުރި 6 މީހަކާ ދެކޮޅަށް ދައުވާ ކުރުމަށް އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ބުނެފި އެވެ. މީ އެފްރިކާގެ ގައުމެއްގައި މިކަމަށް ދައުވާ އުފުލާ ފުރަތަމަ ފަހަރު ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
ހުޅަނގު އެފްރިކާގެ ގައުމުތަކުގައި އަންހެން ކުދިން ހިތާނު ކުރުމަކީ ގާނޫނީގޮތުން ކުށެއް ކަމަށް ކަނޑައެޅީ މީގެ ތިން އަހަރު ކުރިންނެވެ.
އަންހެންކުދިން ހިތާނު ކުރާ މައްސަލައިގާ ދައުވާ އުފުލާ 6 މީހުން އެމީހުންގެ ފުރަތަމަ އަޑުއެހުމަށް ހާޒިރުކޮށްފައިވާއިރު އެމީހުން ބުނަނީ އަންހެން ކުދިން ހިތާނު ކުރުމަކީ ދީނީގޮތުން ކުރަން ޖެހޭ ކަމެއް ކަމަށާއި އިސްލާމީ ގާނޫނަށްވުރެ މަތީ ގާނޫނެއް ނޯންނާނެ ކަމަށެވެ.
އެމީހުންނާ ދެކޮޅަށް ދައުވާ އުފުލާ ކޮމިޓީގެ ތަރުޖަމާނު ފާތިމާ ޖާއު ބާލްދޭ ބުނެފައިވަނީ އަންހެން ކުދިން ހިތާނު ކުރާ މީހުންނާ ދެކޮޅަށް ފިޔަވަޅު އެޅުމުން އެކަން ކުރާ މީހުންނަށް އިބުރަތެއް ހާސިލްވާނެ ކަމަށާއި އެކަން ކުރާ މީހުންނަށް ހަރުކަށި އަދަބެއް ދޭން ފެންނަ ކަމަށެވެ.
އެފްރިކާ ބައެއް ހިސާބުތަކުގައި މުސްލިމް އަންހެންކުދިން ހިތާނު ކުރުމަކީ އަދިވެސް އާންމު ކަމެކެވެ. ހުޅަނގު އެފްރިކާގެ ކަމާ ބެހޭ ފަރާތްތަކުން ބުނާ ގޮތުން 2012 އިން ފެށިގެން މިހާތަނަށް 320000 އަށްވުރެ ގިނަ އަންހެންކުދިން ހިތާނުކޮށްފައިވެއެވެ.
އަންހެންކުދިން ހިތާނު ކުރުމަކީ ގާނޫނީ ގޮތުން ކުށެއް ކަމަށް ހުޅަނގު އެފްރިކާގެ ގައުމުތަކުން ކަނޑައެޅީ 2012 ވަނަ އަހަރުއެވެ. ގާނޫނުގައި ބުނާގޮތުން އަންހެން ކުދިން ހިތާނު ކުރިކަން މީހެއްގެ މައްޗަށް ސާބިތުވެއްޖެ ނަމަ އެމީހަކަށް 5 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް