މޯލްޑިވްސް ބިޒްނަސް ފޯރަމްގައި ރައީސް ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް
ގައުމީ އެއާލައިން މޯލްޑިވިއަންގެ ދަތުރުތައް ވަރަށް އަވަހަށް ރާއްޖެއިން ޕާކިސްތާނުގެ ކަރާޗީއަށް ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އިއުލާނު ކުރައްވައިފި އެވެ.
އެމަނިކުފާނު މިކަން އިއުލާނު ކުރެއްވީ ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ބޭއްވި ޕާކިސްތާން-މޯލްޑިވްސް ބިޒްނަސް ފޯރަމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޕާކިސްތާނުގެ ވިޔަފާރިވެރިންނަށް ޚާއްޞަކޮށް ބޭއްވި މި ފޯރަމްގައި ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ބައިވެރިވިއެވެ. ރައީސް މުއިއްޒު ވިދާޅުވީ، ކަރާޗީއަށް މޯލްޑިވިއަންގެ ދަތުރުތައް ފެށުމުން ދެ ޤައުމުގެ ދެމެދުގައި ދަތުރުކުރުން ފަސޭހަވެ، ވިޔަފާރިއާއި ފަތުރުވެރިކަމުގެ ދާއިރާތަކުން އާ ފުރުސަތުތައް ހުޅުވިގެންދާނެ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ދެ ގައުމުގެ ދެމެދު ވައިގެ ދަތުރު ކުރުމުގެ ފުރުސަތު އެހެން އެއާލައިންތަކަށްވެސް އެބައޮތް ކަމަށެވެ. އަދި އެ ފުރުސަތުގެ ބޭނުން ހިއްޕެވުމަށް އެއާލައިންތަކުގެ ކިބައިން އެދިވަޑައިގެންފަ އެވެ.
އެ ދަތުރުފުޅުގައި އިއްޔެ ދެ ޤައުމުން 20 އެމްއޯޔޫއެއްގައި ސޮއިކޮށްފައިވާއިރު، އޭގެ ތެރެއިން އެންމެ މުހިންމު އެއް އެމްއޯޔޫއަކީ ދެ ޤައުމާ ދެމެދު ވައިގެ ދަތުރުތައް އަލުން ފެށުމާ ބެހޭ އެމްއޯޔޫއެވެ. ރައީސް ފާހަގަކުރެއްވި ގޮތުގައި ދެ ޤައުމާ ދެމެދު ކުރެވޭ ވިޔަފާރީގެ މުޢާމަލާތްތައް 13 މިލިއަން ޑޮލަރުން 200 މިލިއަން ޑޮލަރަށް މައްޗަށް އިތުރު ކުރުމަށް ދެ ލީޑަރުން އެއްބަސްވެވަޑައިގެންފައިވެއެވެ. އެއީ ހަމައެކަނި ޢަދަދުތަކެއް ނޫން ކަމަށާއި، މަޤްޞަދަކީ ދެ ޤައުމުގެ ރައްޔިތުންނަށް ފައިދާވާނެ އިންވެސްޓްމަންޓު ގެނައުން ކަމަށް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑުމެން މި ހޯދައިދެނީ ދެ ގައުމުގެ ވިޔަފާރިވެރިންނަށް ހަމައެކަނި އާ ފުރުސަތުތަކެއް ނޫން. މިކަމުގެ ސަބަބުން މި ސަރަހައްދުގައި ތަނަވަސްކަން އިތުރުވެ، ހަމަޖެހުން ވެސް އިތުރުވާނެ،" ރައީސް މުއިއްޒު ވިދާޅުވިއެވެ.
ކާބޯތަކެތީގެ ރައްކާތެރިކަމަކީ ރާއްޖެއަށް ވިޔަފާރީގެ ނަޒަރަކުން އެކަނި ބަލާ ކަމެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ. ރާއްޖެއަކީ ފަސްލައްކަ ރައްޔިތުންގެ ބާޒާރެއް އެކަނި ނޫން ކަމަށާއި، ކޮންމެ އަހަރަކު ދެ މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާ ކަމަށް ވެސް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
ފިނިކޮށް ތަކެތި އުފުލުމާއި، ފިނިހޫނުމިން ކޮންޓްރޯލްކުރެވޭ ގުދަންތަކާއި، ކާބޯތަކެތި ރައްކާތެރިކޮށް ތައްޔާރުކުރުމާއި، މޫސުމީ ބަދަލުތަކަށް ހޭނިފައިވާ ދަނޑުވެރިކަމުގެ ޓެކްނޮލޮޖީގެ ދާއިރާތަކުގައި ޕާކިސްތާނާ ގުޅިގެން މަސައްކަތްކުރަން މަރުޙަބާ ވިދާޅުވާ ކަމަށް ރައީސް ވިދާޅުވިއެވެ. ސީދާ ވައިގެ ދަތުރުތައް ފެށުމަށާއި ދަތުރުތަކުގެ ޢަދަދު އިތުރުކުރުމަށް އެއާލައިންތަކާއި އޭވިއޭޝަން އިދާރާތަކަށާއި، ދެ ޤައުމާ ދެމެދު ދަތުރުފަތުރުގެ ގުޅުންތައް ޤާއިމުކުރުމަށް ޝިޕިން، ބަނދަރާއި ލޮޖިސްޓިކްސް ކުންފުނިތަކަށް ހިތްވަރުދެއްވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
މިއީ މިދިޔަ 10 އަހަރުގެ ތެރޭގައި ރާއްޖޭގެ ރައީސަކު ޕާކިސްތާނަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް