އަލީ ހުސައިން -- ފޮޓޯ: މަޖިލީސް
ރަސްމާލޭގައި އީގަލް ހިލްސްއިން ހިންގާ ބިޔަ މަޝްރޫޢު ހުއްޓުވުމަށް ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ ބަލައިނުގަތުމުން، އެ ނިންމުން އަލުން ބަލައިދިނުމަށް އެދި އަލީ ހުސައިން އިއްޔެ ހުށަހަޅައިފިއެވެ.
މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅަނީ ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސައިން އެވެ.
މައްސަލަ ބަލައިނުގަތުމަށް ރަޖިސްޓްރާ ނިންމީ މިދިޔަ ހަފުތާގެ އަންގާރަ ދުވަހުއެވެ. އެ ނިންމުމުގައި ބުނެފައިވަނީ، މިއީ ފުރަތަމަ މަރުޙަލާގައި ސީދާ ސުޕްރީމް ކޯޓަށް ހުށަހެޅޭނެ ބާވަތުގެ މައްސަލައެއް ނޫން ކަމަށެވެ.
ކޯޓުތަކުގެ ޤާނޫނުގެ 11 ވަނަ މާއްދާއަށް ބަލާއިރު، ފުރަތަމަ މަރުޙަލާގައި ސީދާ ސުޕްރީމް ކޯޓަށް ހުށަހެޅޭނީ ވަކި ބާވަތްތަކެއްގެ މައްސަލަތަކެވެ. އޭގެ ތެރޭގައި ޤައުމު ދުސްތޫރީ ހުސްކަމަކަށް ދާނެ ނުވަތަ ނިޒާމުން ބޭރުވާނެ ފަދަ މައްސަލަތަކާއި، ޤާނޫނުއަސާސީ މާނަކުރުމާ ގުޅިގެން ދައުލަތުގެ ދެ މުއައްސަސާއެއް ނުވަތަ ދެ ބާރެއްގެ ދެމެދުގައި ޖެހޭ ޚިލާފުތައް ހިމެނެއެވެ. އަދި ޤައުމުގެ ޢާންމު މަޞްލަޙަތާ ގުޅުންހުރި ދުސްތޫރީ މައްސަލަތަކަށް ވެސް ސީދާ ހުށަހެޅޭނެއެވެ.
ރަޖިސްޓްރާގެ ނިންމުމަކާ ދެކޮޅަށް 14 ދުވަހުގެ ތެރޭގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ހުށަހެޅުމުގެ ފުރުޞަތު އޮންނާނެއެވެ. އަލީ މުރާޖާއަށް ހުށަހަޅާފައިވަނީ އެ މުއްދަތު ހަމަވުމުގެ ކުރިންނެވެ.
މައްސަލަ ބަލައިނުގަތުމަށް ނިންމުމަށްފަހު، މިދިޔަ ހަފުތާގައި ސަން އަށް ވާހަކަދައްކަމުން އަލީ ބުނީ، ސުޕްރީމް ކޯޓަށް ސަރުކާރުން ނުފޫޒު ފޯރުވުމުން އެ ނިންމުން ނިންމީ ކަމަށެވެ. ރަޖިސްޓްރާގެ ނިންމުމަކީ ގޯސް ނިންމުމެއް ކަމަށާއި، މައްސަލައިގައި ގޮތެއް ނިންމަން ޖެހޭނީ ކޯޓުގެ ބެންޗުން ކަމަށް ވެސް އަލީ ބުނެފައިވެއެވެ.
"މޯލްޑިވްސް ވޯޓަރފްރަންޓް އެންޑް މަރީނާ" ނަމުގައި ރަސްމާލޭގައި ކުރިއަށް ގެންދާ މަޝްރޫޢަށް ދިވެހި ސަރުކާރާއި އެމިރޭޓްސްގެ އީގަލް ހިލްސްއާ ދެމެދު ކޮމާޝަލް ޓާމްސް އެއްބަސްވުމެއްގައި ސޮއިކުރީ މިދިޔަ މަހުއެވެ. 20 ބިލިއަން ޑޮލަރުގެ އެ އިންވެސްޓްމަންޓުގެ ދަށުން ހޮޓާތަކާއި މަރީނާއެއް އަދި ވިޔަފާރިކުރާނެ ތަންތަން ހިމެނެއެވެ.
ނަމަވެސް، އެ މަޝްރޫޢުގެ ތެރެއިން އިސްތިޢުމާރީ އިޒްރޭލުގެ މީހުންނަށް އެ ސަރަޙައްދުން ޕްރޮޕަޓީ ގަނެވިދާނެ ކަމުގެ ކަންބޮޑުވުން ބައެއް ސިޔާސީ ފަރާތްތަކާއި އެކްޓިވިސްޓުން ފާޅުކޮށްފައިވެއެވެ. މަޝްރޫޢު ހުއްޓުވުމަށް "ދިވެހީންގެ ބިން ދިވެހީންނަށް" ނަމުގައި ހިމޭން އިޙްތިޖާޖެއް ވެސް މިހާރު ފަށާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް