ޑްރަގާއެކު ހައްޔަރު ކުރި މަޝްހޫރު ފިލްމީ ތަރިންގެ މައްސަލަ ޕީޖީއަށް، ތިން މީހުން ދޫކޮށްލައިފި

22 Oct 2026 | 10:32
ޑްރަގް ވިޔަފާރި ކުރާ ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ތަރިން -- ފޮޓޯ: ޕޮލިސް

ޑްރަގް ވިޔަފާރި ކުރާ ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ތަރިން -- ފޮޓޯ: ޕޮލިސް

ވިލިމާލޭގައި ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކުރި ތިން ފިލްމީ ތަރިއަކު ހިމެނޭ ހަތަރު މީހެއްގެ މައްސަލަ، ތަޙުޤީޤު ނިންމައި ދައުވާކުރުމަށް ފުލުހުން މިއަދު ޕީޖީ އޮފީހަށް ފޮނުވައިފިއެވެ.

މި މައްސަލައިގައި ހިމެނެނީ ފިލްމީ ތަރިން ކަމަށްވާ އަހުމަދު އަޒްމީލް (އަޒޭ)، އިސްމާއިލް ޖުމައިހު (ޖުމާ) އަދި މުހައްމަދު ވިޝާލް (ރޯމަން) އެވެ. އަޒްމީލުގެ ކޮއްކޮ ޝާހިލު މުހައްމަދު ވެސް މި މައްސަލައިގައި ހައްޔަރު ކުރި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ބުނެފައިވާ ގޮތުގައި، ތަޙުޤީޤު މަރުޙަލާ ނިމުމާއެކު ހަތަރު މީހުންގެ ތެރެއިން ތިން މީހަކު ވަނީ ދޫކޮށްލާފައެވެ. ބާކީ ހުރި މީހާ ދޫކޮށްލުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް އޭގެ ތެރެއިން ދޫކުއްލި މީހުންގެ ނަންތައް ހާމައެއް ނުކުރެ އެވެ.

އެ ހަތަރު މީހުން ހައްޔަރުކުރީ މި މަހުގެ 8 ވަނަ ދުވަހު ވިލިމާލޭގައި ހިންގި މަސްތުވާތަކެތި ހުއްޓުވުމުގެ އޮޕަރޭޝަނެއްގައެވެ. އެމީހުންގެ މައްޗަށް ފުލުހުން ކޮށްފައިވަނީ މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަމުގެ ތުހުމަތެވެ. އެމީހުންގެ ބަންދަށް 15 ދުވަސް ޖެހި އެވެ.

ބަންދު އަމުރުން އެނގިފައިވާ ގޮތުގައި، އެ މީހުން ތިބި ކޮޓަރިއަށް ފުލުހުން ވަދެފައިވަނީ ބާރުގެ ބޭނުންކޮށް ދޮރު ހުޅުވައިގެންނެވެ. ސީނަށް ދިޔަ ފުލުހުން ބުނެފައިވާ ގޮތުގައި، އެ ކޮޓަރީގައި އޮތް މޭޒެއްގެ މަތީގައި މަސްތުވާތަކެތި ފެންނަން ހުއްޓެވެ. އެ ކޮޓަރިން ހޯދި ތަކެތީގެ ބަރުދަނުގައި ޓްރެފިކިންގެ މިންގަނޑު ހަމަވާ މިންވަރަށް މަސްތުވާތަކެތި ހުރި ކަމަށް ފުލުހުން ބަންދު މަޖިލީހުގައި ބުނެފައިވެއެވެ.

މިހާރު އަމަލުކުރެވޭ ޤާނޫނުގެ ދަށުން މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށަށް ކަނޑައަޅާފައިވަނީ މަރުވަންދެން ޖަލުގައި ހުންނަން ޖެހޭ އުމުރު ދުވަހުގެ ޖަލު ޙުކުމެވެ. ކުރިން އުމުރު ދުވަހުގެ ޖަލު ޙުކުމުގެ މުއްދަތަކީ 25 އަހަރު ކަމަށް ކަނޑައަޅާފައި އޮތް ނަމަވެސް، އެ ގޮތް ވަނީ އުވާލާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް