ވަކިކުރަން ހުށަހަޅަން ނިންމުމުން އިހުސާން ފަނޑިޔާރު ކަމުން އިސްތިއުފާ ދެއްވައިފި

22 Oct 2026 | 07:59
ޢިހުސާން -

ޢިހުސާން -

ޖިންސީ ފުރައްސާރައިގެ ތުހުމަތުގައި ސަސްޕެންޑްކޮށްފައިވާ ސިވިލް ކޯޓުގެ ގާޒީ އަބްދުﷲ އިހުސާން އޭނާ މަގާމުން ވަކިކުރުމަށް މަޖިލީހަށް ފޮނުވަން ޖޭއެސްސީން ނިންމުމާއެކު ފަނޑިޔާރުކަމުން އިސްތިއުފާ ދީފިއެވެ.

އޭނާ ގާޒީކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމީ މިދިޔަ ހަފްތާގައި އެވެ..

އިހުސާން ޖޭއެސްސީން ސަސްޕެންޑްކޮށްފައި ވަނީ މިދިޔަ އޮގަސްޓް މަހުގެ 19 ވަނަ ދުވަހުން ފެށިގެން 60 ދުވަހަށެވެ. އޭނާއާއި ދެކޮޅަށް ޖިންސީ ފުރައްސާރައިގެ ތުހުމަތު ހިމެނޭ މައްސަލައެއް އެ ކޮމިޝަނަށް ހުށަހެޅުމުން ސަސްޕެންޑްކުރީ ކަމަށް ޖޭއެސްސީން އޭރު ބުނެފައިވެއެވެ.

ސަސްޕެންޑްކުރުމާ ގުޅިގެން ޖޭއެސްސީން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުން، މައްސަލައިގެ ބާވަތާއި ލިބިފައިވާ މަޢުލޫމާތަށް ބަލައި ޝަރުޢީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް، ކޮމިޝަނުން ވަކި ގޮތެއް ނިންމަންދެން އޭނާ މަސައްކަތުން ދުރުކުރީއެވެ. އިހުސާން މަސައްކަތުގައި ދެމިހުރެއްޖެނަމަ ތަޙުޤީޤަށް ހުރަސް އެޅިދާނެ ކަމަށް ފެނުނު ކަމަށް ވެސް އެ ކޮމިޝަނުން ބުނެފައިވެއެވެ.

ޖޭއެސްސީން އޭރު ބުނެފައިވާ ގޮތުގައި، ތަޙުޤީޤީ އިޖުރާއަތުގެ ތެރެއިން ކަށަވަރުކުރަންޖެހޭ ހުރިހާ ކަމެއް ކަށަވަރުކޮށް، އިހުސާންގެ ބަޔާނާއި ތަޙުޤީޤަށް ބޭނުންވާ އިތުރު ފަރާތްތަކެއްގެ ބަޔާން ވެސް ނަގާފައިވެއެވެ. އޭނާ އިސްތިއުފާ ދީފައި ވަނީ އެ ތަޙުޤީޤުގެ ނަތީޖާގެ ގޮތުން މަގާމުން ވަކިކުރުމަށް މަޖިލީހަށް ފޮނުވަން ނިންމާފައި ވަނިކޮށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް