ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑޮމެސްޓިކް ޓާމިނަލް -- ފޮޓޯ: ރައީސް އޮފީސް
ފިނި މޫސުމުގައި ރާއްޖެ އަންނަ ޓޫރިސްޓުން ގިނަވާނެތީ، ބައިނަލްއަޤުވާމީ 10 އެއާލައިނެއްގެ ފަސިންޖަރުން ޗެކްއިންކުރުވުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލް ދޭކަން ނުވަތަ ޑޮމެސްޓިކް ޓާމިނަލަށް ބަދަލު ކުރަން ނިންމައިފި އެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފައިވާ ގޮތުގައި، މި އާ އިންތިޒާމު ތަންފީޒުކުރަން ފަށާނީ އަންނަ އާދިއްތަ ދުވަހުން ފެށިގެންނެވެ.
މި ބަދަލާއި އެކު އިޓަލީގެ ނިއޯސް، އޭރޯފްލޮޓް، ޔޫއެސް-ބަންގަލާ އެއާލައިންސް، އުޒްބެކިސްޓާނުގެ ސެންޓްރަމް އެއާ، ރަޝިޔާގެ އަޒުރް އެއާ، ސައިބީރިއާގެ އެސް ސެވަން އެއާލައިންސް، އަރުމީނިއާގެ ޝިރަކް އަވިއާ، ކުވެއިތު އެއާވޭސް، ބަލްގޭރިއާގެ ގުލިވް އެއާ އަދި ފްރެންޗް ބީގެ ފުލައިޓުތަކުން ދަތުރުކުރާ ފަރާތްތަކުން ޗެކިންވާން ދާން ޖެހޭނީ ޑޮމެސްޓިކް ޓާމިނަލަށެވެ.
އެމްއޭސީއެލްއިން ވަނީ ބާރު ބޮޑު ދުވަސް ވަރަށް ވާތީ ފުރުމުގެ ހުރިހާ ކަމެއް ނިންމުމަށް ވަގުތު އޮއްވަ އެއާޕޯޓަށް ދިއުމަށް އިލްތިމާސްކޮށްފައިވެއެވެ.
އެމްއޭސީއެލްއިން ބުނީ، ފަތުރުވެރިން އެންމެ ގިނައިން އަންނަ ދުވަސްވަރު ވީއައިއޭގެ ދެ ޓާމިނަލް ވެސް ބައިނަލްއަޤުވާމީ ދަތުރުތަކަށް ބޭނުންކުރެވުމުން، އިތުރު ޗެކްއިން ކައުންޓަރުތަކާއި ގިނަ ޖާގައާއެކު ފަސޭހައިން ޚިދުމަތް ހޯދޭނެ ކަމަށެވެ.
ފުރަތަމަ ބައިނަލްއަޤުވާމީ ފުލައިޓުތަކަށް ބޭނުންކުރި ޓާމިނަލް ދޭއް، ފެންވަރު މަތިކޮށް އަލުން ހުޅުވީ މި އަހަރުގެ ފެބްރުއަރީ މަހުއެވެ. މިހާރު އެ ޓާމިނަލުން ދެނީ އެތެރޭގެ ފުލައިޓުތަކުގެ ޚިދުމަތެވެ. 27 ޗެކްއިން ކައުންޓަރާއި އައު ލަގެޖް ބެލްޓްތައް ހުރި އެ ޓާމިނަލުގައި، ކެއިންބުއިމުގެ ތަންތަނާއި ނަމާދުކުރާ ކޮޓަރިތަކާއި ކުޑަކުދިން ކުޅޭނެ ސަރަހައްދެއް ވެސް ހިމެނެއެވެ.
ވީއައިއޭގެ އައު ބައިނަލްއަޤުވާމީ ޓާމިނަލް ހުޅުވީ މިދިޔަ އަހަރުގެ ޖުލައި 26 ގައި ކަމަށާއި، އެއީ އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭ ފެންވަރުގެ ޓާމިނަލެއް ކަމަށް އޭރު ސަރުކާރުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް