ރައީސްގެ ދަތުރުފުޅަކީ ދެ ގައުމުގެ ދުވަސްވީ ގުޅުން ވަރުގަދަ ކުރުމަށް މުހިންމު ދަތުރެއް: ޕާކިސްތާނުގެ ރައީސް

22 Oct 2026 | 05:35
ރައީސް މުއިއްޒު ޕާކިސްތާނުގެ ރައީސާއި ބައްދަލު ކުރައްވަނީ -- ފޮޓޯ: ރައީސް އޮފީސް

ރައީސް މުއިއްޒު ޕާކިސްތާނުގެ ރައީސާއި ބައްދަލު ކުރައްވަނީ -- ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުޙައްމަދު މުއިއްޒު ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އެ ޤައުމުގެ ރައީސް އާސިފް ޢަލީ ޒަރްދާރީއާ ރޭ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުން ބޭއްވުނީ ޕާކިސްތާނުގެ ރައީސްގެ ރަސްމީ ގެ، އައިވާން އޭ ޞަދުރުގައެވެ. އެތަނަށް ވަޑައިގަތުމުން ރައީސް މުއިއްޒާއި ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު މަރުޙަބާ ދެންނެވީ ޕާކިސްތާނުގެ ރައީސް ޒަރްދާރީއާއި، ފަސްޓް ލޭޑީ އަދި ނޭޝަނަލް އެސެމްބްލީގެ މެމްބަރު އާސިފާ ބުޓޯ ޒަރްދާރީއެވެ.

ބައްދަލުވުމުގައި ރައީސް ޒަރްދާރީ ވިދާޅުވީ ރައީސް މުއިއްޒުގެ ދަތުރުފުޅަކީ ދެ ޤައުމުގެ މެދުގައި ދުވަސްވީ ގުޅުން އިތުރަށް ވަރުގަދަކުރުމުގައި މުހިންމު ދަތުރެއް ކަމަށެވެ. އެމަނިކުފާނު ވަނީ މި ދަތުރަށް ޝުކުރު އަދާކުރައްވައި ދިގު މުއްދަތަކަށްފަހު ރާއްޖެއިން އެންމެ މަތީ ފެންވަރުގައި ކުރާ ދަތުރެއްގެ ޚަބަރު ލިބުމުން ޕާކިސްތާނުގެ ރައްޔިތުން ވަރަށް އުފާވެފައިވާ ކަމަށް ވިދާޅުވެފައި އެވެ.

ދިވެހި ވަފުދަށް ދެއްވި މެހްމާންދާރީއަށް ރައީސް މުއިއްޒު ވެސް ވަނީ ޝުކުރު ދަންނަވާފައެވެ.

މި ބައްދަލުވުމުގައި ރައީސް މުއިއްޒު ވިދާޅުވީ ރާއްޖެއާއި ޕާކިސްތާނާ ދެމެދު އޮތީ ތާރީޚީ، އަޚުވަތްތެރި ގުޅުމެއް ކަމަށެވެ. ވިޔަފާރި، ތަޢުލީމު، ޞިއްޙަތު އަދި ޤާބިލުކަން ބިނާކުރުމުގެ ދާއިރާތަކުގައި އެއްބާރުލުން އިތުރު ކުރުމަށް ވަރަށް ބޮޑު ފުރުޞަތު އޮތް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ދެ ފަރާތުން ވަނީ މިހާރު ކުރިއަށްދާ އެއްބާރުލުން ރިވިއުކޮށް، ދެ ޤައުމުގެ މެދުގައާއި ގިނަ ޤައުމުތަކެއް ބައިވެރިވާ ފެންވަރުގައި ގުޅުން އިތުރުކުރާނެ ގޮތްތަކާއި ބެހޭ ގޮތުން މަޝްވަރާ ކުރައްވާފައި އެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ބޮޑަށް ކުރިއަރާފައިވާކަން ފާހަގަ ކުރައްވާ ރައީސް ޒަރްދާރީ ތައުރީފުކުރިއެވެ.

ބައްދަލުވުން ނިމުނީ ދެ ޤައުމުގެ މެދުގައި އޮތް އެއްބާރުލުން ފުޅާކޮށް، ދެ ޤައުމުގެ މަޞްލަޙަތު ކުރިއަށް ގެންދިއުމުގެ ޢަޒުމް ދެ ރައީސުން އަލުން ތަކުރާރުކުރުމާއެކުއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް