ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު، ޕާކިސްތާނުގެ ފަސްޓް ލޭޑީ އާސިފާ ބުޓޯ ޒަރްދާރީ އާއި ބައްދަލުކުރައްވައިފި އެވެ.
މި ބައްދަލު ކުރެއްވުން އޮތީ ޕާކިސްތާނުގެ ރއީސްގެ ރަސްމީ ގެކޮޅުގައި އެވެ. މި ބައްދަލުވުމުގައި ދެ ކަނބަލުން އެންމެ ބޮޑަށް މަޝްވަރާ ކުރެއްވީ އަންހެނުންގެ ޞިއްޙަތާއި ތަޢުލީމު ފަދަ ދާއިރާތަކުގައި ގުޅިގެން މަސައްކަތްކުރުމާއި ގުޅޭގޮތުންނެވެ.
ޕާކިސްތާނުގެ ފަސްޓް ލޭޑީ އަކީ އެ ޤައުމުގެ ނޭޝަނަލް އެސެމްބްލީގެ މެމްބަރެއްވެސް މެ އެވެ. މި ބައްދަލުވުމުގައި ފަސްޓް ލޭޑީ ސާޖިދާއަށް މަރުހަބާ ވިދާޅުވެ، ފައިދާހުރި ވާހަކަތަކެއް ދެއްކުމުގެ ފުރުޞަތު ލިބުމުން އުފާވާ ކަމަށް އާސިފާ ވިދާޅުވި އެވެ.
ދިވެހި ވަފުދަށް ދެއްކި ހޫނު މެހުމާންދާރީއަށް ފަސްޓް ލޭޑީ ސާޖިދާ ޝުކުރު އަދާކުރެއްވިއެވެ. އަދި ޢާންމު ޞިއްޙަތުގެ ދާއިރާގައި، ޚާއްޞަކޮށް އަންހެނުންގެ ޞިއްޙަތާ ބެހޭ ހޭލުންތެރިކަން އިތުރުކުރުމަށް އާސިފާ ކުރަމުންދާ މަސައްކަތްތައް ފަސްޓް ލޭޑީ ތައުރީފުކުރެއްވިއެވެ.
ދެ ފަސްޓް ލޭޑީންގެ މަޝްވަރާތަކުގައި ތަޢުލީމު ކުރިއެރުވުމާއި، ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމާއި، މުޖުތަމަޢުގެ ދުޅަހެޔޮކަމުގެ ވާހަކަ ދެކެވުނެވެ. ބަލިތަކުން ރައްކާތެރިވުމުގެ ޕްރޮގްރާމްތަކުގައި، ޚާއްޞަކޮށް ގައިންގަޔަށް ނާރާ ބަލިތަކާއި ދުޅަހެޔޮ ދިރިއުޅުން ހިތްވަރުކޮށްދިނުމުގައި ގުޅިގެން މަސައްކަތްކުރެވޭނެ ގޮތްތަކާ މެދުވެސް ވިސްނާލެއްވިއެވެ.

އަންހެނުންނާއި އަންހެން ކުދިންގެ ޙައްޤުތަކާއި ބާރުވެރިކަމަށް ތާއީދުކުރުމުގައި ދެ ފަސްޓް ލޭޑީންގެ އަދާކުރެވޭ ދައުރު މުހިންމުކަން ބައްދަލުވުމުގައި ފާހަގަކުރެއްވިއެވެ. ތަޢުލީމާއި އިޤްތިޞާދީ ބައިވެރިވުމާއި އިޖްތިމާޢީ ރައްކާތެރިކަމުގެ ދާއިރާތަކުގައި ހުރި ހުރަސްތައް ނައްތާލުމާއި، އަންހެނުންނަށް ލީޑަރޝިޕްގެ މަޤާމުތަކަށް އަރައި އެ މަޤާމުތަކުގައި ދެމިހުރުމުގެ ފުރުޞަތު ފުޅާކުރުމަށް ދެ ފަރާތުން ބާރުއެޅުއްވިއެވެ.
ބައްދަލުވުން ނިންމާ ހިއްސާވާ ތަރުޖީޙުތަކުގައި ގާތުން ގުޅިގެން މަސައްކަތްކުރުމާއި ނާޒުކު ހާލަތުގައިވާ މުޖުތަމަޢުތައް ކުރިއެރުވުމުގެ ޢަހުދު ދެ ފަސްޓް ލޭޑީން އަލުން ތަކުރާރުކުރައްވައިގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް