ރޭ ކުރި ވިއްސާރައިގަ އައިޖީއެމްއެޗު ކައިރީގައި ފެންބޮޑުވެފައި -- ދުވަސް ފޮޓޯ: އަޒްމީ އަލީ
ރޭ މާލެއަށް ބޯކޮށް ވާރޭވެހި 80 އަށް ވުރެ ގިނަ ތަންތަނަށް ފެންވަދެގެން ރިޕޯޓު ކުރި ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީން ބުނެފި އެވެ.
އެންޑީއެމްއިން ބުނީ ބޯކޮށް ވާރޭވެހުނު ހުރިހާ ވަގުތެއްގައި އެ އިދާރާ އާއި ސަރުކާރުގެ އެހެން މުއަސްސަސާތަކާއި ސިޓީ ކައުންސިލް ގުޅީގެން ވީހާވެސް އަވަހަކަށް ރިޕޯޓު ކުރި މައްސަލަތަކަށް އެޓެންޑުވެފައިވާނެ ކަމަށެވެ. އެގޮތުން ފެން ނުވަންނާނެ ގޮތް ހެދުމަށް ވެލި ބަސްތާ ޖެހުމަށް ސިޓީ ކައުންސިލަށް 10،000 ގޯނި ރޭ ފޯރުކޮށްދެވުނު ކަމަށް ބުނެފައިވެ އެވެ.
އެ އިދާރާއަށް ރިޕޯޓު ކުރި މައްސަލަތަކުގެ މައުލޫމާތަށް ބަލާއިރު ރޭ ކުރި ވިއްސާރައިގަ ފެންބޮޑުވެގެން ނަޖިސް ލީކުވެފައިވަނީ އެއްގެއިންނެވެ. އެހެން ގެތަކުން ރިޕޯޓު ކުރީ ފެން ވަންނާތީ ވެލި ބަސްތާ ޖެހުމަށާއި ފެން ވަނުން ކޮންޓްރޯލް ކުރުމަށް ފިޔަވަޅުތަކެއް އަޅައި ދިނުމަށް އެދި އެވެ.
ރޭ ފެން ވަދެގެން 33 ގެއަކާއި 35 ފިހާރައަކުން ރިޕޯޓު ކުރި އެވެ. އަދި ހަ ކެފޭ / ރެސްޓޯރަންޓާއި ސަރުކާރާއި އަމިއްލަ ފަސް އޮފީހަކަށް ފެންވަދެގެން ރިޕޯޓު ކުރި އެވެ. ހަތަރު ސްކޫލާއި ދެ ކްލިނިކަކުންވެސް ރިޕޯޓުކޮށްފައިވާއިރު ދެ ގުދަން އޮފީސް އިމާރާތަކާއި ކޮންސްޓްރަކްޝަން ސައިޓަކަށްވެސް ފެންވަދެގެން ރިޕޯޓު ކުރި އެވެ.
އެންޑީއެމްއޭއިން ބުނީ އެތަންތަނަށް އެހީވުމުގެ މަސައްކަތް އެ އިދާރާއިން ކުރަމުންދާ ކަމަށެވެ.
މާލެ ސަރަހައްދަށް އިއްޔެ ހަވީރު 5:30 ހާއިރު ބޯކޮށް ވާރޭ ވެހެން ފެށި ގޮތަށް ގާތްގަނޑަކަށް 10:30 ހާއިރު ވަންދެން ހުއްޓުމެއް ނެތި ވާރޭ ވެހިފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް