ސީރިއަސް ދެ މައްސަލައަކާއި ގުޅިގެން ސަރުކާރުގެ ޑިޖިޓަލް ހިދުމަތްތަކުގެ ރައްކާތެރިކަމަށް ފިޔަވަޅުއަޅަމުންދާ ކަމަށް ބުނޭ --
ވެބްސައިޓްތައް ހެދުމަށް ބޭނުންކުރާ ޕީއެޗްޕީ ޓެކްނޮލޮޖީގައި ސީރިއަސް ދެ މައްސަލައެއް ފާހަގަވެފައިވާތީ، ސަރުކާރުގެ ޑިޖިޓަލް ޚިދުމަތްތައް ރައްކާތެރިކުރުމުގެ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް މޯލްޑިވްސް ޑިޖިޓަލް ސަރވިސް (އެމްޑީއެސް) އިން ފަށައިފިއެވެ.
އެމްޑީއެސްއިން ބުނެފައިވާ ގޮތުގައި، މި މަސައްކަތް ކުރަމުންދަނީ ނޭޝަނަލް ސައިބާ ސެކިއުރިޓީ އެޖެންސީ (އެންސީއެސްއޭ) އާ ގުޅިގެން ކަމަށެވެ. ފާހަގަވެފައިވާ ދެ މައްސަލައަކީ ސީވީއީ 2026 109618 އާއި ސީވީއީ 2026 109619 ކަމަށް އެ އިދާރާއިން ބުނެއެވެ.
އެ މައްސަލައިން ސަރުކާރުގެ ނެޓްވޯކް ރައްކާތެރި ކުރުމަށް ސެކިއުރިޓީ ޕެޗްތައް އެޅުމާއި، މައްސަލައިގެ ސަބަބުން އުފެދިދާނެ ނުރައްކާ ކުޑަކުރުމުގެ މަސައްކަތް ހިމެނެ އެވެ. އެކަމަށް ސިސްޓަމްތައް ވަރުގަދަކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް ވެސް އެމްޑީއެސްއިން ބުނެފައިވެއެވެ.
އެ ފިޔަވަޅުތައް އަޅަނީ ހުއްދައެއް ނެތި ސިސްޓަމްތަކަށް ވަނުން ހުއްޓުވުމާއި، ސަރުކާރުގެ ޑިޖިޓަލް އިންފްރާސްޓްރަކްޗަރު ރައްކާތެރިކޮށް ވަރުގަދަކުރުމަށް ކަމަށް އެ އިދާރާއިން ބުނެއެވެ.
މި މައްސަލަތައް ހައްލުކުރުމަށް ޕީއެޗްޕީ ތަރައްޤީކުރާ ޓީމުން 8.2.35، 8.3.36، 8.4.27 އަދި 8.5.12 ވާޝަންތައް ނެރެފައިވާ ކަމަށް އެމްޑީއެސްއިން ފާހަގަކޮށްފައިވެއެވެ. އަދި އަސަރު ކުރާ ސިސްޓަމްތައް ވަގުތުން އަޕްޑޭޓްކުރުމަށް ވެސް އެ އިދާރާއިން އިލްތިމާސްކޮށްފައިވެ އެވެ.
މި މަސައްކަތްތައް ކުރިއަށްދާއިރު، ސަރުކާރުގެ ބައެއް ޑިޖިޓަލް ޚިދުމަތްތައް ވަގުތީ ގޮތުން މެދުކެނޑިދާނެ ކަމަށް އެމްޑީއެސްއިން ބުނެއެވެ. އޭގެ އަސަރު ވީހާވެސް ކުޑަކޮށް، މެދުކެނޑޭ ޚިދުމަތްތައް އެންމެ އަވަހަކަށް އަލުން ފެށުމަށް މަސައްކަތްކުރާނެ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.
ޤައުމީ ސައިބާ ސެކިއުރިޓީގެ ތައްޔާރީ ހަރުދަނާކޮށް، ސަރުކާރުގެ ޑިޖިޓަލް ޚިދުމަތްތައް ރައްކާތެރި އަދި ބަރޯސާވާ ފަދަ ގޮތެއްގައި ކުރިއަށް ގެންދިއުމަށް އެންސީއެސްއޭއާ ގުޅިގެން މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް އެމްޑީއެސްއިން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް