މާލެއަށް މިރޭ ބޯކޮށް ވާރޭ ވެހި ފެންބޮޑުވެފައި -- ދުވަސް ފޮޓޯ: އަޒްމީ އަލީ
މެދުކެނޑުމެއް ނެތި މާލެއަށް ބޯކޮށް ވާރޭވެހި ބޮޑު ސަރަހައްދެއްގައި ފެން ބޮޑުވެއްޖެ އެވެ.
މާލެ ސަރަހައްދަށް ބޯކޮށް ވާރޭވެހެން ފެށި 5:30 ހާއިރު އެވެ. އެހާއިރުން ފެށިގެން ބޯކޮށް ވާރޭ ވެހެމުންދާއިރު އާންމުކޮށް މާލޭގައި ފެންބޮޑުވާ ހުރިހާ ސަރަހައްދުތަކެއްގައި ކަކުލުން މައްޗަށް ފެންބޮޑުވެފައިވެ އެވެ.
ބައެއް ގޭގެ އާއި ފިހާރަތަކަށް ވެސް ފެން ވަދެފައިވާތީ، އެމްއެންޑީއެފުން އަންނަނީ ފެން ހިންދުމުގެ މަސައްކަތް ކުރަމުންނެވެ. ފެން ބޮޑުވެފައިވާ ސަރަހައްދުތަކުގެ ގެތަކާއި ފިހާރަތަކަށް ފެން ވަނުން ހުއްޓުވުމަށް ވެލިބާސްތާ ޖެހުމުގެ މަސައްކަތުގައި އިދާރާތަކުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.
ނޭޝަނަލް ޑިޒާސްޓާ މެނޭޖުމެންޓް އޮތޯރިޓީން ބުނި ގޮތުގައި ސިފައިންނާއި ފުލުހުންނާއި މާލޭ ސިޓީ ކައުންސިލާއި އެމްޓީސީސީ އާއި އެޗްޑީސީ އަދި ރެޑް ކްރެސެންޓާ ގުޅިގެން ހާއްސަ އޮޕަރޭޝަނެއް މިހާރު ވަނީ ފަށައިފަ އެވެ.







ފުލުހުން ބުނީ މޫސުން ގޯސްވެ މާލެއަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން، މަގުތަކުގައި ފެންބޮޑުވެ ގެދޮރަށާއި މުދަލަށް ގެއްލުންވަމުންދާތީ ހުރިހާ ރައްޔިތުންވެސް މިކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އެދޭ ކަމަށެވެ. އަދި މި ހާލަތާ ގުޅިގެން ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފުލުހުން ދަނީ މާލޭގެ އެކި ސަރަޙައްދުތަކުގައި ހަރަކާތްތެރިވަމުން ކަމަށް ފުލުހުން ބުންޏެވެ.
ރާއްޖޭގެ ހުޅަނގުން އުފެދެމުންދާ ބޯވިއްސާރަ ވިލާތައް އަތޮޅުތަކުގެ މައްޗަށް އަރަމުންދާތީ، ކުރިއަށް އޮތް 24 ގަޑިއިރުވެސް ބޯކޮށް ވާރޭވެހި ކަނޑުތައް ގަދަވާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވެ އެވެ. މިހާރު ކުރަމުންދަނީ ހުޅަނގު މޫސުމުގެ ބާރުގަދަވެ، އަރަބި ކަނޑާއި ބޭ އޮފް ބެންގާލްގައި ކޮޅިގަނޑެއް އުފެދިފައިވާތީ ކުރަމުންދާ ވިއްސާރައެއް ކަމަށް ބުނެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް