"އާނ..... ޤާދިރުބޭ ގެއްލުނީދޯ.... " ނާޝިދު ބުނެލިއެވެ.
"އާނ.... ކިހިނެތް ނާޝިދަށް އެނގުނީ...... " ހުމޭދާ ސުވާލުކޮށްލިއެވެ.
"އެނގޭނެއެއްނު.... މުޅިރަށުގައި އެދައްކަނީ އެވާހަކައެއްނު.... ހޯދާހޯދާ ނުފެނުނޯ.... ފެނުނީ ހަމައެކަނި އޭނަ ގެންގުޅުނު ފޯނޭ ކިޔާއަޑު އިވެނީ.... ފުލުހުންވެސް މިހާރު އެކަމުގައި އެބައުޅެޔޯ .... " ނާޝިދު ވާހަކަ ދެއްކިއެވެ.
"އާނ... ކިހާދެރަ...." ހުމޭދާ ދެރަވެލާފައި ބުނެލިއެވެ.
"ކޮންމެކަމެއްވެސް ވާނީ ރަނގަޅަށޭ ބުނެއެއްނު.... ފަހަރެއްގެ ތި ޤާދިރުބޭ ރުޤުޔާކޮށްފާނެ ހުމޭ އާއި ނާޝިދު ވަކިކުރަންވެސް.... " ނާޝިދު ޖޯލީގައި ހަމަޖެހިލަމުން ބުނެލިއެވެ.
"ތިކަހަލަ ވާހަކަ ނުދައްކަބަލަ.... އެފަދަ ދުވަހެއް އިރާދާކުރެއްވިއްޔާ ނާންނާނެޔޭ..... " ހުމޭދާ ސީރިޔަސް ވެފައި ބުނެލިއެވެ.
"ތިއީ ނާޝިދުވެސް އުއްމީދު ކުރާގޮތަކީ.... އެފަދަ ގޮތެއް މެދުވެރިވިޔަ ނުދޭން ނާޝިދު މި މަސައްކަތް ކުރަނީ... " ނާޝިދުވެސް ސީރިޔަސްވިޔެވެ.
"ނާޝިދު.... މަންމަމެން ބޭނުންވަނީ އިންޑިޔާއަށް ދާން.... ޤާދިރުބޭ ގެއްލުމާ ގުޅިގެން ކުއްލިއަކަށް ހުރިހާކަމެއް މި މެދުވެރިވީ.... ކިހިނެތްހަދާނީ.... ޢާއިޝާ ގޮވައިގެން މިގޭ ބޭބެމެން އިންޑިޔާއަށް ފުރާއިރު ދާގޮތަށް ހުރިހާ ކަމެއް ހަމަޖައްސަމުން އެދަނީ... މާދަން ފުރާގޮތަށް މިހާރުއޮތީ..... " ހުމޭދާ މަޑުމަޑުން ބުނެލިއެވެ.
"ދާންވީނު... ތީގަ ގޯހެއް ނެތެއްނު.... އެކޮޅަށް ދިޔައިމަ ފަހަރެއްގައި ހުމޭ ރަނގަޅުވެސް ވެދާނެ... އަނެއްކާ މަޖާވެސް ވާނެ.... " ނާޝިދު ހިތްހަމަޖެހުމުގެ ރާގެއްގައި ބުނެލިއެވެ.
"ތިހެން ބުނެލަން ނާޝިދަށް ހާދަފަސޭހައޭދޯ.... އެކަމަކު ބުނީމެއްނު މިރަށަށް ތިއައީވެސް ހުމޭ މިސްވާވަރުން ނުހުރެވިގެންނޭ.... ހުމޭ އިންޑިޔާއަށް ދިޔައިމަ ހުމޭ މަތިން މިސްއެއް ނުވޭނެދޯ.... އަދިނޭގެ ދާންމިއުޅެނީ ކިހާ ދުވަހަކަށް ކަމެއްވެސް.... ނާޝިދު ހުމޭއާ ނުލާ ދިރިއުޅެން ދަސްކުރިއަސް ހުމޭއަށް ނާޝިދާއި ނުލާ ދިރިއުޅޭކަށް ދުވަހަކުވެސް ދަހެއް ނުވާނެ...." ހުމޭދާ ވަރަށް އަސަރާއެކު ބުނެލިއެވެ.
"ހުމޭ.... ހުމޭ... ނާޝިދު ނުބުނަމެއްނު އަދި ހުމޭއާ ނުލާ ނާޝިދަށް ދިރިއުޅެން ދަސްވެއްޖެއެކޭ.... ހުމޭއާއި ނުލާ ނާޝިދަށްވެސް ނޫޅެވޭނެތީއެއްނު މިހުރިހާ ކަމެއް މިކުރަނީ..... ދެރަނުވެބަލަ..... އަބަދުވެސް ހުމޭ ކައިރީ މި ނާޝިދު ހުންނާނަމޭ... " ނާޝިދުގެ މޭގައި އަތްޖައްސާލަމުން ނާޝިދު ބުނެލިއެވެ.
"ވަރަށް ގިނަ ދުވަސްވާނެއޭ އެކޮޅުގައި.... " ހުމޭދާ ނާޝިދާ ދިމާއަށް ބަލާލަމުން ބުނެލިއެވެ.
"ނާޝިދަށް ރަނގަޅީވެސް އިންޑިޔާއަށް ގޮއްސަ ވިހާވެސް ގިނަ ދުވަހެއް ވިއްޔާ... ނާޝިދުވެސް ހުމޭ އާއެކު އިންޑިޔާއަށް ދާނަމޭ... އޭރުން ކިހާ މިނިވަންކޮށް އަހަރުމެން ދެމީހުންނަށް އުޅެވޭނެ... މިކަހަލަ ކުޑަކުޑަ ތަނެއް ނޫނެއްނު އެއީ.... ބޮޑު ޤައުމެއް.... ދާނެ ބައިވަރު ތަންތަން ހުންނާނެ... " ނާޝިދު މަޖާވެލާފައި ބުނެލިއެވެ.
"ސާބަސް... ސީރިޔަސްވެބަލަ.... މިއީ ވަރަށް ސީރިޔަސް ވާހަކައެކޭ...." ނާޝިދު މަޖާވެފައި އިންތަން ފެނުމުން ހުމޭދާ ބުނެލިއެވެ.
"ހަމަރަނގަޅަށް މިބުނީ.... ހުމޭ އިންޑިޔާއަށް ދަންޏާ ނާޝިވެސް ދާނަމޭ.... ބަލަން ހުންނާތި.... މާދަމާ ހުމޭ އިންޑިޔާއަށް ފުރާފިއްޔާ ނާޝިދު ހުމޭއާ ދެން ބައްދަލުކުރާނީ އިންޑިޔާއިން... ކޮންތާކު ގޮސްތިބެނީ.... " ސަމާސާ ރާގަކަށް އަނެއްކާވެސް ނާޝިދު ބުނެލިއެވެ.
"ސާމާސަކުރާކަށް ވަކި ވަގުތެއްވެސް ނޯންނާނެ.... ހުމޭއަކަށް ނޭގެ ދަނީ ކޮންތާކަށް ކަމެއް..... " ހިތްހަމަ ނުޖެހިފައި އިނދެ ހުމޭދާ ބުނެލިއެވެ.
"އައްދެ... އަދި ހިތްހަމަ ނުޖެހިގެން އުޅޭ ވަރެއް ނުވެއެއްނު.... ނާޝިދު މިބުނީ ހަމަ ރަނގަޅަށޭ.... ނާޝިދު ދާނަމޭ.... ހުމޭމެން ދާތަނެއް ނޭގެންޏާ އެތަނެއް ހޯދައިގެންވެސް ނާޝިދު ދާނަން.... " އެއީ ނާޝިދަކަށް މާއުނދަގޫ ކަމަކަށް ނުވާނެ.... " އަނެއްކާވެސް ނާޝިދު ހީލާފައި ބުނެލިއެވެ.
"ދެން ވަރިހަމަ.... ހީވާގޮތުން މާދަން ފުރަންޖެހޭނެ.... ނާޝިދު މަތިން ހުމޭ ވަރަށް މިސްވާނެ.... ގޮއްސަ އެކޮޅުން ރަނގަޅު މީހަކަށް ދައްކައިގެން، އިރާދަކުރެއްވިޔާ ހުމޭ ރަނގަޅު ވެގެން އަންނަންދެން ހުމޭ އަށް އިންތިޒާރު ކުރާނެ ކަމަށް އުއްމީދު ކުރަން... ހުމޭ ދާން އެއްބަސްވީ ދާހިތަކުން ނޫން..... އެކަމަކު ހުމޭވެސް ބޭނުން މިކަމުން ރަނގަޅުވެގެން އުފާވެރިކަމާއެކު ރަނގަޅު ދިރިއުޅުމެއް އުޅެން.... އެހެންވެ... އިރާދަކުރެއްވިއްޔާ ރަނގަޅު ވެގެން ވަރަށް އަވަހަށް އަންނާނަން... " ހުމޭދާ އަސަރާއެކު ބުނެލިއެވެ.
"ނާޝިދަށް އިތުބާރުކޮށްބަލަ.... އަބަދުވެސް ނާޝިދު ހުމޭ އާއެކު ހުންނާނަން.... ހުމޭ ދާކޮންމެތާކު ހުމޭއާއެކު ހުންނާނަން... ނާޝިދަށް ނުދެވޭނެ ތާކަށް ހުމޭއަކަށް ނުދެވޭނެ.... އެއްވެސްތާކު ހުމޭ އެކަންޏެއްވެސް ނުވާނެ.... އިންޑިޔާއަށްވެސް ދާނަން.... ހުމޭއަށް ނޭގުނަސް ހުމޭގެ ހުރިހާ ކަމެއް އަބަދުވެސް ހުމޭގެ ފަހަތުގަހުރެގެން ނާޝިދު ބަލަމޭ.... ހުމޭއަކަށް އެކައްޗެއްވެސް ނޭގެއެއްނު.... ޔަޤީންކޮށްބަލަ...." ނާޝިދު ހުމޭދާގެ އަތުގައި ހިފާލުމަށްފަހު ހުމޭދާގެ އަތް ނާޝިދުގެ އަތުތެރެއަށް ލަމުން ބުނެލިއެވެ.
"އެންމެ ރަނގަޅު.... ހުމޭ ޤަބޫލުކޮށްފީމޭ... ދެންދޭ މިރޭ.... " މަންމަމެން މިހާރު އަންނަން އުޅޭނެ ކަންނޭނެ...." ނާޝިދު ފޮނުވާލަން ބޭނުންނުވިނަމަވެސް ހިތާ ދެކޮޅަށް ހުމޭދާ ބުނެލިއެވެ.
"އާނ.... ދެންދަނީ.... ހަނދާންކުރާތި އިނގޭ.... ނާޝިދު ހުމޭ އާއެކު ދާނަން..... " ޖޯލިން ތެދުވަމުން ހީލާފައި ނާޝިދު ބުނެލިއެވެ.
ނާޝިދާއެކު ހުމޭދާ ދޮރާށްޓާއި ހަމައަށް ދިއުމަށްފަހު އެނބުރި އައިސް ޖޯލީގައި އިށީނުމަށްފަހު ނާޝިދާ ދޭތެރޭގައި ވިސްނާލިއެވެ. ހުމޭދާ މިހާރު ބޭނުންވަނީ ވީހާވެސް އަވަހަކަށް ނާޝިދާއި ކައިވެނިކޮށްގެން ރަނގަޅު ދިރިއުޅުމެއް ފަށާށެވެ. އިންޑިޔާއަށް ދިއުމަށްފަހު މިކަމާބެހޭ ގޮތުން މަންމަމެންނާ ވާހަކަ ދެއްކުމަށް ހުމޭދާ އަޒުމް ކަނޑައެޅިއެވެ. މާގިނައިރު ތަކެއްނުވެ ހަސީނާމެން ގެއަށް އަތުވެއްޖެއެވެ.
"ދަރިފުޅު އަދިވެސް މިތާ.... ހިނގާ ކާންދަމާ.... " ހަސީނާ އެތެރެއަށް ވަންއިރު ހުމޭދާ ޖޯލީގައި އޮތްތަން ފެނިފައި ބުނެލިއެވެ.
"މާދަން ފުރާގޮތަށް ހުރިހާ ކަމެއް ހަމަޖެހިއްޖެ.... ދެން އަވަހަށް މިރޭ ތައްޔާރުވާންވީ.... " ޚާލިދުވެސް އެތެރެއަށް ވަންނަމުން ހުމޭދާއާއި ވާހަކަ ދެއްކިއެވެ.
"ކިހާއިރަކު ފުރުންއޮތީ..... " ހުމޭދާ ޖޯލިން ތެދުވަމުން ސުވާލުކޮށްލިއެވެ.
"މިކޮޅުން ފުރާ ފްލައިޓްއޮތީ މެންދުރު 11:15 ގައި.... އެކޮޅަށްގޮއްސަ އެއަރޕޯޓްގައި ދެ ގަޑިއިރު މަޑުކޮށްފައި އިންޑިޔާއަށް ފުރާގޮތަށް.... މާލެ ނުގޮސް ފުރާގޮތަށް ނަސީބަކުން ޓިކެޓް ލިބުނީ.... ޢައިޝާ ގޮވައިގެން ދާއިރު ފަސޭހަވާނީވެސް އެގޮތެއްނު.... " ދަތުރު ހަމަޖެހިފައިވާގޮތް ޚާލިދު ކިޔައިދިނެވެ.
ހެނދުނު ހޭލިގޮތަށް ސައިބޮއިގެން އެންމެންވެސް ފުރުމަށް ތައްޔާރުވަމުންދިޔައެވެ. އަޒާންއާއި ނާޞިރުވީ ހޮސްޕިޓަލުގައެވެ. ހޮސްޕިޓަލުން ޢާއިޝާ ނެރުމުގެ ކުރިން ހަމަޖައްސަންޖެހޭ ކަންކަން ހަމަޖެއްސުމަށެވެ. ގެންދަންޖެހޭ އެއްޗެހި ފޮށިތަކަށް އަޅާ ބަންދުކުރުމުގެ މަސައްކަތުގައި ޚާލިދާއި ހަސީނާ އާއި ޒާހިރާ އުޅެމުން ގެންދިޔައެވެ. ގެންދަންޖެހޭ ހުރިހާ އެއްޗެއް ފޮށިތަކަށްއަޅާ ބަންދުކުރެވުނުއިރު ޗެކިންގަޑި ފެށިއްޖެއެވެ. ޚާލިދު އަވަސް އަވަހަށް ޕިކަޕަކަށާއި، ކާރަކަށް ގުޅާލިއެވެ. ޕިކަޕާއި ކާރު އައުމާއެކު ގެންދަންޖެހޭ ފޮށިތައް ޕިކަޕަށް އެރުވުމަށްފަހު އެޕިކަޕަށް އެރީ ޚާލިދެވެ. ހަސީނާ އާއި ޒާހިރާ އާއި ހުމޭދާ އެރީ ކާރަށެވެ. އެއަރޕޯޓަށް ދެވުނުއިރު ނާޞިރުމެން ޢައިޝާ ގޮވައިގެން އެއަރޕޯޓަށް އަތުވެއްޖެއެވެ. އެއަރޕޯޓުން ނިންމަން ޖެހޭ ކަންކަން ނިމުނުތާ މާގިނައިރެއްނުވެ ފްލައިޓްގެ ބޯޑިން ފެށިކަމަށް އިޢުލާންކޮށްފިއެވެ. ހުމޭދާ އިނީ ޚިޔާލެއްގެ ތެރެއަށް ގެއްލިފައެވެ.
"ފްލައިޓަށް އަރަންވީއޭ.... " ޚާލިދު ތެދުވަމުން ހުމޭދާ ގައިގައި ކޮއްޓާލަމުން ބުނެލިއެވެ.
ހުމޭދާ މަޑުމަޑުން ތެދުވެގެން ހިނގައިގަތެވެ. ބޯޓާދިމާއަށް ހިނގަމުންދިޔައިރު ހުމޭދާހުރީ އިސްދަށަށް ޖަހައިގެންނެވެ. ހުމޭދާ އޭރުވެސް ވިސްނަމުން ގެންދިޔައީ ނާޝިދާ ދޭތެރޭގައެވެ. ބޯޓަށްގޮސް އަރާ ގޮނޑީގައި ހަމަޖެހިލުމަށްފަހު ބެލްޓްއަޅާ ބާރުކޮށްލިއެވެ. ފްލައިޓުން ސީޓް ލިބިފައިވާ ވިންޑޯއާއި ކައިރިން ކަމުގައިވާތީ ހުމޭދާ ބޭރުބަލާލިއެވެ. އެވަގުތު ހުމޭދާ ދިޔައީ ސިހިގެންނެވެ.
ނުނިމޭ... ވާހަކައިގެ އާ ބައެއް، 24 އޮކްޓޯބަރު، އަންގާރަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ....
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް