ވާހަކަ: އަބަދުވެސް އިންތިޒާރު ކުރާނަން – ވިހިވަނަ ބައި

ކުރީގެ އަދަދާއި ގުޅޭ... "ހަމަ ޔަޤީން.. އެކަމަކު ދެން ތިކަހަލަ ވާހަކަ ނުދައްކާތި... ނާޝިދު ހިތަށްއަރާ އެބަ މީރޭވެސްގޮސް ހުމޭގެ މަންމައާއި ބޭބެއާއި ވާހަކަ ދައްކަންވިއްޔޭ.... އެއްވެސް މީހަކަށް އަހަރުމެން...

19 Oct 2023 | 03:41

ކުރީގެ އަދަދާއި ގުޅޭ...

"ހަމަ ޔަޤީން.. އެކަމަކު ދެން ތިކަހަލަ ވާހަކަ ނުދައްކާތި... ނާޝިދު ހިތަށްއަރާ އެބަ މީރޭވެސްގޮސް ހުމޭގެ މަންމައާއި ބޭބެއާއި ވާހަކަ ދައްކަންވިއްޔޭ.... އެއްވެސް މީހަކަށް އަހަރުމެންގެ މި ލޯތްބަކަށް ހުރަހެއް ނޭޅޭނޭ..." ހުމޭދާގެ ދަތްދޮޅީގައި ހިފާލަމުން ނާޝިދު ބުނެލިއެވެ.

"ނާޝިދުގެ ތިޔަ ޖުމްލަ އަބަދުވެސް އަހަރެންގެ ހިތުގެ އަޑީގައި ފޮރުވާފައި ބާއްވާނަން... " ހިނިތުންވެލަމުން ހުމޭދާ ބުނެލިއެވެ.

"އަބަދުވެސް ތިހެން ހިނިތުންވެލައިގެން ހުންނަނަމަ އަހަރެންވެސް ކިހާއުފާވާނެ.... " ހުމޭދާގެ ކޮލުގައި ޖަހާލަމުން ނާޝިދު ހީނލާފައި ބުނެލިއެވެ.

"މިހާރު މާލަސްވެއްޖެ... ނޭގެ މިހާރު ބޭބެވެސް ގެއަށް ނާންނާނެ ކަމެއް... ހުމޭ ގޭގެ ނެތްކަން އެނގިއްޖިއްޔާ ވަރަށް ގޯސްވާނެ... ހިނގާދާން... "

"ބޭބެ އަދި ނާންނާނެޔޭ.... ހުމޭ ލަސްވެގެން އެކަކުވެސް ނޫޅޭނެ... އަދި އެހާ ލަހެއްނުވެޔޭ.... އެކަމަކު ހުމޭ ދާން ބޭނުންވެފައި ހުރިއްޔާ ހިނގާދާން ދެން... " ނާޝިދު ހުމޭދާގެ އަތުގައި ހިފައިގެން ތެދުވިއެވެ.

ވައިބާރު ރެޔެއް ނޫންނަމަވެސް އެވަގުތު އެދިމާލުން ގަސްތައް އާދަޔާޚިލާފަން ހެލެމުންދިޔަކަން ނާޝިދަށް އެނގުނެވެ. އެހެން ނަމަވެސް އެކަމެއް ހުމޭދާއަށް އިޙްސާސެއް ނުވިއެވެ. އަދި އެއީ ކިހިނެތް ވެގެން ވީ ގޮތެއްކަންވެސް ނާޝިދަށް އެނގުނެވެ.

ދެމީހުން އެކިއެކި ވާހަކަ ދައްކަމުން ހުމޭދާ އުޅޭ ގެޔާކައިރިއަށް ދެވިއްޖެއެވެ. ނާޝިދު މަޑުކުރީ ތަންކޮޅެއް ދުރުގައެވެ. ހުމޭދާ މަޑުމަޑުން ހިނގާފައިގޮސް ގެއާ އަރާހަމަވެފައި ފަހަތަށް ބަލާލިއެވެ. ދުރުގައި މަޑުކޮށްލި ނާޝިދު އަނދިރި ކަމުން ފެންނާކަށް ނެތެވެ. ހުމޭދާ ދިޔަގޮތަށްދިޔައީ ކޮޓަރިއަށެވެ. ގޭގެ އެއްވެސް ތާކުން މީހަކު ފެންނާކަށްނެތެވެ. ކޮޓަރިއަށްގޮސް މޫނު ދޮވެލައިގެން ނުކުމެ ތުވާލިން ފެންހިއްކަން ހުއްޓާ ކޮޓަރީގައި ޓަކި ޖަހާލުމަށްފަހު ހުމޭދާގެ މަންމަ ގޮވާލިއެވެ. ހުމޭދާ ކޮޓަރީގެ ދޮރު ހުޅުވާލިއެވެ.

"ހިނގާ ކާންދާން... ބޭބެވެސް އެނިކުތީ ކާން... ތައްޔާރުވެލައިގެން ތިރިޔަށް އާދޭ.... " ކާންދާން ބުނުމަށްފަހު ހަސީނާ ހިނގައިގަތެވެ.

ހުމޭދާ އަތުގައިއޮތް ތުވާލި ރެކްގައި އަޅުވާލުމަށްފަހު ލޯގަނޑު ކައިރިއަށް ހުއްޓި މޫނު ރީތިކޮށްލައިގެން ތިރިއަށް ދިޔައިރު މަންމަ ހަސީނާ އާއި ބޭބެ ޚާލިދާއި ޒާހިރާ އާއި އަދި އަޒާން ކާމޭޒު ދޮށުގައި ތިއްބެވެ.

"ޤާދިރުބޭގެ ޚަބަރެއް ނުވިތަ....؟ " ހުމޭދާ އިށީންނަމުން އޭނާގެ ބޭބެ ޚާލިދު ކައިރީ އަހާލިއެވެ.

"އާނ... އަދިވެސް ޚަބަރެއް ނުވެ..... އެގެޔަށްވެސް ދިޔައިން...... މިހާރު ޤާދިރުބޭގެ ޚަބަރެއް ނުވެގެން ސިޓީ ކައުންސިލް އިދާރާއަށްވެސް އަންގައިފީމޯ ޤާދިރުބޭގެ އަންހެނުން ބުނި..... އެމީހުން ވަރަށް ހާސްވެގެން އެބައުޅޭ..... ޤާދިރުބެއަކީ ބޭރަށްގޮސް އެހާގިނައިރުވާ މީހެއްވެސް ނޫނޯ..... " ބަތް ސަމްސަލެއް އަޅަމުން ޚާލިދު ވާހަކަ ދެއްކިއެވެ.

"ކޮންތާކަށްބާ އެދިޔައީ... ކޮންމެސް ބޮޑުކަމެއްވީ ކަންނޭގެ... ކިހިނެތް ހަދާނީ ރުޤުޔާ ކަންތައް... " ޒާހިރާ ވާހަކަ ދެއްކިއެވެ.

"މާދަމައަށް ބަލާފަ ގޮތެއް ނިންމަމާ.... މާހައުލު ބަދަލުކޮށްލީމަވެސް ރަނގަޅުވެދާނެކަންނޭގެ... އަހަރުމެންނާއެކު އިންޑިޔާއަށް ދަމާ..... އިންޑިޔާއަށްގޮސް އެކޮޅުން ރަނގަޅު މީހަކަށް ދައްކާލާނީ..... އިންޑިއާގައިވެސް ތިޔަކަހަލަ ކަންކަމަށް ފަރުވާކުރާ މީހުން އުޅެޔޭ.... ކިހިނެތްވާނެ އެގޮތް.... ؟" އަޒާން ޚިޔާލެއް ދިނެވެ.

"ތިޔަކަމުގައި ޢަޒާންގެ ބައްޕަގެ ޚިޔާލެއްވެސް ހޯދާލަން ޖެހޭނެ.... ޤާދިރުބެއަކީ ވަރަށް މޮޅު މީހެއް ކަމަށް ބައްޕަ ބުނެފައޮތީ..... ޤާދިރުބެއަށް މިކަން ނުވަންޏާ ދެން އެހެން ގޮތެއް ހަދަންޖެހޭނީ..... މާދަމާ އަޒާންގެ ބައްޕައާ ވާހަކަ ދައްކާނީ ދެން... " ޚާލިދު ވާހަކަ ދެއްކިއެވެ.

އަނެއް ދުވަހުގެ ހެނދުނެވެ. ޤާދިރު ގެއްލިގެން ސިޓީ ކައުންސިލުންނާއި، ރަށުގެ ރައްޔިތުން ނުކުމެ މުޅި ރަށުތެރެ ހޯދަމުންދަނިކޮށް ގަސްތަކުގެ ތެރޭން ޤާދިރު ގެންގުޅޭ ފޯނު ފެނުމާގުޅިގެން ކޮންމެވެސް ކަމެއް ވެއްޖެކަމަށް އެންމެންނަށްވެސް ޔަޤީން ކުރެވުނެވެ. ނަމަވެސް ފޯނު ފެނުނު ސަރަޙައްދު ހޯދާހޯދާ އެއްގޮތަކަށްވެސް ޤާދިރެއް ނުފެނުނެވެ. ސިޓީ ކައުންސިލުން އެމައްސަލަ ޕޮލިސް ސްޓޭޝަނަށް ހުށަހެޅުމާއި ގުޅިގެން ފުލުހުން އެމައްސަލަ ބަލަމުން ގެންދަން ފަށައިފިއެވެ. މުޅިރަށަށް މި ޚަބަރު ލިބުމާގުޅިގެން ރަށުގައިވަނީ ވަރަށްބޮޑު ބިރުވެރިކަމެއް ފެތުރިފައެވެ. ޚާލިދުމެންނަށްވެސް މިކަމުގެ ސަބަބުން ވަރަށް ފުން އަސަރެއް ކުރިއެވެ. ޚާލިދުމެން ފުވައްމުލަކަށް އައީ ވަރަށް ފުން އުއްމީދުތަކާއެކު ހުމޭދާއަށް ފަރުވާއެއް ކުރެވޭތޯއެވެ. ނަމަވެސް ޤާދިރު ގެއްލުމާގުޅިގެން އެނބުރި ދާން ޖެހުމުން ޚާލިދުމެންވަނީ ވަރަށް ކަންބޮޑުވެފައެވެ.

"އަހަންނަށްވެސް ފެންނަނީ ނާޞިރުމެން އިންޑިޔާއަށް ދާއިރު ވާގޮތެއް ބަލާލަން އިންޑިޔާއަށްދާން.... ދުވަސްކޮޅަކަށް މާހައުލު ބަދަލުކޮށްލީމަވެސް ރަނގަޅުވެދާނެ ކަންނޭގެ... " ހަސީނާ، ޚާލިދަށް ޚިޔާލެއް ދިނެވެ.

"ހިނގާ ތިކަމާ ވާހަކަ ދައްކަމާ... އަހަރުމެން ގޮއްސިއްޔާ ނާޞިރުމެންނަށްވެސް ފަސޭހަވާނެ.... އަހަރެން ނާޞިރާ ވާހަކަ ދައްކާލާނަން.... " ޚާލިދުވެސް ބޭނުންވީ ހުމޭދާ ރަނގަޅުވާނެ ގޮތެއް އޮތިއްޔާ އެގޮތަކަށް ކަންކަން ކުރާށެވެ.

ހުމޭދާއިނީ ސިޓިންގ ރޫމުގައި ޓީވީ ބަލާށެވެ. ޓީވީ ބަލަން އިންއިރުވެސް ހުމޭދާ ޚިޔާލު ކުރަމުން ގެންދިޔައީ ނާޝިދު އާއި ދޭތެރޭގައެވެ. ހުމޭދާ ފުރައިގެން ދިޔުމުން ނާޝިދަށްވާނީ ކިހިނެތް ހެއްޔެވެ. ހުމޭދާ ފުރާކަން ނާޝިދަށް އަންގާނީ ކިހިނެތް ހެއްޔެވެ. ފުރުމަށްޓަކައި ކުރަންޖެހޭ ހުރިހާ ކަމެއް ކުއްލިގޮތަކަށް އެހާ އަވަހަށް ހަމަޖެހުނީ ކީއްވެހެއްޔެވެ. އެއީ ހުމޭދާ އެދޭގޮތެއް ނޫނެވެ. ނަމަވެސް ހުމޭދާއަކީ މަންމައާއި ބޭބެގެ ބަސް ގަބޫލުކުރާ ކުއްޖަކަށްވާތީ އެކަމަށް އިންކާރު ކުރާކަށް ހުމޭދާއަކަށް ނުކެރުނެވެ. ކުއްލިއަކަށް ކަންތައް މިދިމާވިގޮތް ނާޝިދަކަށް ނުވެސް އެނގޭނެއެވެ. ވީހާ އަވަހަކަށް ނާޝިދާ ބައްދަލުކުރަން ހުމޭދާ ބޭނުންވެއެވެ. ނާޝިދު މިރޭ އަންނާނެ ނަމައެވެ. ހުމޭދާގެ ހިތަށް އަރަމުންދިޔައެވެ. ކިތަންމެ ފަހަރަކު ގޮސް މަންމަގެ ފޯނުން ނާޝިދަށް ގުޅާލާފައި ކަންކަން ވެގެންދިޔަގޮތް ކިޔާދޭން ބޭނުންވިއެވެ. ނަމަވެސް މިދުވަސްކޮޅު ފޯނު ގެންގުޅުން ރަނގަޅު ނޫންކަމަށް ޤާދިރުބޭ ބުނެފައިވާތީ، ފޯނުގައި އަތްލާކަށް ހުމޭދާ ބޭނުމެއްނުވެއެވެ. ހުމޭދާއަށް އިންތިޒާރު ކުރެވެމުންދަނީ ނާޝިދަށެވެ. އެންމެ ފަހުން ޓީވީ ނިއްވާލުމަށްފަހު ހުމޭދާ ނިކުތީ ބޭރަށެވެ. މިރޭ ހުމޭދާ އިންތިޒާރު ކުރަމުން އެގެންދަނީ ނާޝިދަށެވެ. އިރުއިރުކޮޅާ ބޭރު ދޮރާދިމާއަށް ބަލާލައެވެ. އެންމެ ފަހުން ހުމޭދާގެ އިންތިޒާރު ނިމުމަކަށް އަތުވެއްޖެއެވެ. އާދައިގެމަތިން ދޮރޯށި ހުޅުވާލުމަށްފަހު ބޯދިއްކޮލީ ނާޝިދެވެ. އެވަގުތަކީ ހުމޭދާ ފިޔަވައި އިތުރު އެއްވެސް މީހަކު ގޭގައި ނެތް ވަގުތެކެވެ. ގޭގެ ހުރިހާ މީހުންވީ ހޮސްޕިޓަލުގައެވެ. ބޭރު ދޮރު ހުޅުވާލުމަށްފަހު ނާޝިދު ވަދެގެން އައިސް ހުމޭދާ ކައިރީ ޖޯލީގައި އިށީނެވެ.

"އައްދެ.... ހާދަހިތްވަރެއް.... ގޭގެ މީހަކަށް ފެނިދާނެތީ ބިރެއްވެސް ނުގަނޭތަ... ހަމަ އައިސް މިތާ ތި އިށީނީ.... " ހުމޭދާ ހީނލާފައި ބުނެލިއެވެ.

"ގެޔަކު އެކަކުވެސް ނެތެއްނު .... މީހަކު ނެތީމައޭ މިވަނީ...." ނާޝިދުވެސް ހީލާފައި ބުނެލިއެވެ.

"ކިހިނެތް މީހަކު ނެތްކަމަށް އެނގެނީ..... " ހުމޭދާ އަހާލިއެވެ.

"ކުރިންވެސް ބުނީމެއްނު... މިރަށަށް އައިންސުރެ އަބަދުވެސް މިހުންނަނީ މިގޭކައިރީގައި މުގޯލިއަޅައަޅައޭ.... އެއްވެސް ޗާންސެއް ލިބޭތޯ.... އެންމެން ބޭރަށް ދިޔަތަން ފެނުނީމަ އަވަހަށް މިއައީ.... " ޖޯލީގައި ހަމަޖެހިލަމުން ނާޝިދު ބުނެލިއެވެ.

"ހިނގާބަލަ ބޭރަށްދާން....." ހުމޭދާ ތެދުވަމުން ބުނެލިއެވެ.

"އިށީނދެބަލަ... ކީއްކުރަންތަ ބޭރަށްދާން ތިއުޅެނީ... އެހެންނޫނީ ބޭރަށް ދާން ބުނާއިރަށް ބުނާނެ މަންމައަށް އެނގިދާނެޔޭ..... ބޭބެ އަންނާނެއޭ... މިރޭ ކިހިނެތްވީ... ؟" ނާޝިދު ހީލާފައިބުނެލިއެވެ.

"އާނ... ވަރަށް ގިނަވާހަކަތައް ދައްކަން އެބަހުއްޓޭ.... އެހެންވެ... " ނާޝިދުގެ އަތުގައި ހިފާލަމުން ހުމޭދާ ބުނެލިއެވެ.

"މިރޭ މިތާ ޖޯލީގައި ތިބޭނޭ.... އެކަކުވެސް ނާންނާނެޔޭ... ހުރިހާ މީހުން ހޮސްޕިޓަލުގައެއްނުވީ... " ނާޝިދު ޔަޤީން ކަމާއެކު ބުނެލިއެވެ.

"ނާޝިދަށް އިނގޭތަ... ޤާދިރުބޭ..... " ހުމޭދާ ބުނަން އުޅުނު ޖުމްލަ ނާޝިދު މެދުކަނޑާލިއެވެ.


ނުނިމޭ... ވާހަކައިގެ އާ ބައެއް، 22 އޮކްޓޯބަރ، އާދީއްތަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ....

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް