ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހާއްސަކޮށްގެން ކޮންމެ އަހަރަކުވެސް ބާއްވާ ދިރާގުގެ ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލް މިއަހަރު ބާއްވަނީ 29 އޮކްޓޯބަރ 2018 ވާ ހޯމަ ދުވަހު ހެންވޭރު ދަނޑުގައި ބާއްވަން ދިރާގުން ނިންމައިފިއެވެ.
ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލަކީ ނުކުޅެދުންތެރިކަން ހުންނަ އެންމެ ގިނަ ކުދިން ބައިވެރިވާ އަދި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހާއްސަކޮށްގެން ބާއްވާ ހަމައެކަނި ކުޅިވަރު ފެސްޓިވަލް އެވެ.
މި ފެސްޓިވަލަކީ 2011 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ފެސްޓިވަލެކެވެ. މިއީ މިގޮތަށް ބޭއްވޭ 8 ވަނަ ފެސްޓިވަލްއެވެ.
މިއަހަރުގެ ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލްގައި 390 ކުދިން ބައިވެރިވި އެވެ.
ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލް އަކީ ދިރާގުގެ އިޖްތިމާއީ ޒިންމާގެ ތެރެއިން ތަފާތު ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ޚާއްޞަކޮށްގެން ހިންގާ ވަރަށް މުހިންމު ހަރަކާތެކެވެ.
މި ފެސްޓިވަލްގެ އެންމެ ބޮޑު ބޭނުމަކީ މުޖުތަމައުގައި ދިރިއުޅޭ އެއްވެސް ކުއްޖަކު އެކަހެރި ނުކުރުމާއި ހުރިހާ ކުދިންނަށްވެސް ފުރުސަތުތަކެއް ހޯދައިދިނުން ކަމަށާއި އަދި ނުކުޅެދުންތެރިކަން ހުންނަކުދިންނަށް އަމިއްލަ ނަޕްސަށް އިތުބާރުކުރުމާއި ކުޅިވަރުގެ ރޫހު އެކުދިންގެ ކިބައިގައި އަށަގެންނެވުމަކީވެސް މި ފެސްޓިވަލްގެ މަޤްސަދެއް ކަމުގައި ދިރާގުން ބުނެއެވެ.
ދިރާގުން ބުނެފައިވާގޮތުގައި މި ފެސްޓިވަލްގައި ބޯލް ރޯލިން، އޮބްސްޓަކަލް ރިލޭ، ޓަނަލް ރޭސް އަދި ބެޓަން ރިލޭ ފަދަ ފޯރިގަދަ ކުޅިވަރުތައް ކުރިއަށްދާނެއެވެ. އަދި މީގެ އިތުރުން މިއަހަރުގެ ފެސްޓިވަލް އެންމެ ހާއްސަ ވެގެންދާ އެއްކަމަކީ މިއަހަރުގެ ފެސްޓިވަލްގައި ޕެރަލިމްޕިކްސް ގައި ކުޅޭ ކުޅިވަރެއް ކަމަށްވާ "ބޮޗިއާ" ނަމަކަށް ކިޔޭ ސީޕީ ކުދިންނަށް ހާއްސަ ކުޅިވަރެއްވެސް ތަޢާރަފް ވެގެން ދާނެކަމަށާއި އަދި މި ކަމުގެ ބޭނުމަކީ މުޖުތަމައުގައި ދިރިއުޅޭ އެއްވެސް ކުއްޖަކު ބާކީ ނުކުރުމާއި ހުރިހާ ކުދިންނަށްވެސް ހަމަ ހަމަ ފުރުސަތުތަކެއް ހޯދައިދިނުން ކަމުގައިވެސް ދިރާގުން ބުނެއެވެ.
ދިރާގުން މައުލޫމާތު ދެއްވާގޮތުގައި މިއަހަރު ވެސް ވާދަވެރި ދުވުމުގެ މުބާރާތްވެސް ވަނީ ބާއްވަން ގަސްތުކޮށްފައިއެވެ. އެގޮތުން މިއަހަރުވެސް ހަތަރު ކެޓަގަރީ އަކުން ދަރިވަރުން ވާދަ ކުރާނެއެވެ. އެއީ 5 އަހަރާއި 8 އަހަރުގެ 40 މީޓަރު ގެ ކެޓަގަރީ، 8 އަހަރާއި 12 އަހަރުގެ 60 މީޓަރުގެ ކެޓަގަރީ، 12 އަހަރާއި 16 އަހަރުގެ 100 މީޓަރުގެ ކެޓަގަރީ އަދި 16 އަހަރުން މަތީގެ 100 މީޓަރުގެ ކެޓަގަރީ އަދި 100 މީޓަރުގެ ވީލްޗެއަރ ކެޓަގަރީއެވެ. މި ކޮމްޕެޓޭޓިވް ސްޕޯޓްސްގެ ސަބަބުން ކުދިންގެ އަމިއްލަ ނަފްސަށް ކުރެވޭ އިތުބާރާއި، އަދި އެހެން ކުދިންނެކޭ އެއްގޮތަށް ނުކުޅެދޭ ކުދިންނަށްވެސް މިފަދަ ސްޕޯޓްސްތަކުގައި ބައިވެރިވެވޭކަން ކުދިންނަށްވެސް ހާމަވެގެންދާކަމުގައިވެސް ދިރާގުން ބުނެއެވެ.
ސްކޫލްތަކާއި އެންޖީއޯ ތަކަށް ހުޅުވާލައިގެން ބާއްވާ މި ފެސްޓިވަލުގައި މިއަހަރުގެ ފެސްޓިވަލްގައި ހަތަރު އެންޖީއޯ އަދި 11 ސްކޫލުން ބައިވެރިވިއެވެ. އެއީ މޯލްޑިވްސް އެސޯސިއޭޝަން ފޯ ޕިޒިކަލް ޑިސްއޭބަލްސް، ބިއުޓިފުލް އައިސް ޑައުން ސިންޑްރޯމް އެސޯސިއޭޝަން، ކެއާ ސޮސައިޓީއާއި، މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަންއެވެ. ސްކޫލް ތަކުގެ ތެރޭގައި ހިމެނެނީ، އަމީރު އަހުމަދު ސްކޫލް، އިމާދުއްދީން ސްކޫލް، ރެހެންދި ސްކޫލް ،މުހިޔުއްދީން ސްކޫލް، ގާޒީ ސްކޫލް، ހިރިޔާ ސްކޫލް، ބިލަބޮންގް ހައި އިންޓަނޭޝަނަލް، ކެންގަރޫ ކިޑްސް، ތާޖުއްދީން ސްކޫލް އަދި އިސްކަންދަރު ސްކޫލް ގެ އިތުރުން އަމީނިއްޔާ ސްކޫލެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް