ﷲގެ އިރާދަފުޅާއެކު ވޯޓުން ބަލިކޮށް އަދި ކޯޓުންވެސް ބަލި ކޮށްފިން ކަމަށާއި އަދި އިރާދަކުރެއްވިއްޔާ ފުލުހުންވެސް ބަލި ކުރާނެ ކަމުގައި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.
މަހްލޫފް މިހެން ވިދާޅުވީ ރާއްޖެ އެމްވީ ނޫހުގައި "ބަލި ގަބޫލު ނުކޮށް، ޕީޕީއެމްއިން ޕޮލިހަށް މައްސަލަ ހުށަހަޅަނީ" މި ސުރުހީގެ ދަށުން ލިޔެފައިވާ ހަބަރެއް ރީޓްވީޓް ކުރައްވަމުންނެވެ.
މަހްލޫފް ވިދާޅުވެފައިވަނީ ފުލުހަށް ހުށަހަޅާ މައްސަލައަކީ އަމިއްލަ ކަރަށް މަހާލާ މަޅިއެއްކަން މިފަހަރު އެނގިގެންދާނެކަމަށެވެ.
ރިޔާސީ އިންތިހާބުގައި ބޮޑު ތަފާތަކުން ރައީސް ޔާމީން ބަލި ވުމުން ދެ ފަހަރެއްގެ މަތިން ބަލި ގަބޫލުފުޅު ކުރައްވައި އެކަން އިއުލާނު ކުރައްވާފައިވެއެވެ. އަދި ސުޕްރީމް ކޯޓު މެދުވެރިކޮށށް އިންތިހާބު ބާތިލު ކުރުމަށްވެސް މަސައްކަތް ކުރައްވާފައިވެއެވެ. ނަމަވެސް ސުޕްރީމް ކޯޓުން ނިންމާފައިވަނީ އިންތިހާބު ބާތިލުކުރަން ޖެހޭ ތަނެއް ނެތްކަމަށެވެ.
ސުޕްރީމް ކޯޓުގެ ނިންމުން ބަލައިގަންނަކަމަށްބުނެ ރޭ ޕީޕީއެމްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުކުމުގައި، ޖިނާއީ ތަހުގީގަކަށް ހުރަހެއް ނެތްކަމަށާއި އެހެންކަމުން ރިޔާސީ އިންތިހާބުގެ މައްސަލަތައް ޕޮލިހަށް ހުށަހެޅުމަށް އެ ޕާޓީން ތައްޔާރުވަމުން އަންނަ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް