ތުރުކީގެ އިސްތާންބުލްގައި ހުންނަ ސައުދީ ކޮންސިއުލޭޓް ތެރޭގައި މި މަހުގެ ދެވަނަ ދުވަހު މަރާލާފައިވާ ސައުދީ ނޫސްވެރިޔާ ހަޝޫގްޖީ މަރާލާފައިވަނީ ސައުދީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާނަށް އެނގިގެން ނޫންކަމުގައި އެގައުމުގެ ހާރިޖީ ވަޒީރު އާދިލް އަލް ޖުބައިރު ވިދާޅުވެއްޖެއެވެ.
ސައުދީ ހާރިޖީ ވަޒީރު މިހެން ވިދާޅުވެފައިވަނީ ފޮކްސް ނިއުސް އަށް ދެއްވި އިންޓަވިއުއެއްގައެވެ.
ހަޝޫގްޖީގެ މަރުގެ މައްސަލައިގާ ވަލީ އަހުދުގެ އެންމެ އަރިސް އެއް ބޭފުޅަކު ހައްޔަރުކޮށްފައިވާއިރު ޖުބައިރު ވިދާޅުވީ ހަޝޫގްޖީ މަރާލުމުގައި ބައިވެރިވި ގިނަ މީހުންނަކީ ވަލީ އަހުދާއި ގާތް މީހުން ނޫންކަމަށެވެ. އަދި އެމީހުން އެކަން ކުރީ އެމީހުންގެ މެންޑޭޓްގެ ބޭރުން ކަމަށެވެ.
ޖުބައިރު މިހެން ވިދާޅުފައިވާއިރު ބައިނަލްއަގްވާމީ މަސްރަހުގައި މިކަމުގައި ގިނަ ބަޔަކު އަންނަނީ ތުހުމަތުގެ އިނގިލި ހަޝޫގްޖީއަށް ދިއްކުރަމުންނެވެ.
ހަޝޫގްޖީ މަރާލާފައިވާކަމަށް ސައުދީން އެއްބަސްވީ މިދިޔަ ހުކުރު ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އޭގެ ކުރިން ސައުދީން މުޅިންވެސް ބުނަމުންދިޔައީ ސައުދީ ކޮންސިއުލޭޓުން ހޯދަން ދިޔަ ހިދުމަތް ހޯދުމަށްފަހު ހަޝޫގްޖީ ސައުދީ ކޮންސިއުލޭޓް ދޫކޮށް ދިޔަ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް