ވާހަކަ: ޑައިރީ – ފަންސާސް ދެވަނަބައި

ކުރީގެ އަދަދާއި ގުޅޭ... އެހެންވުމާއެކު އަނެއްކާވެސް އައިލީން މިފްޒާލްގެ މަޅީގައި ޖެއްސުމަށްޓަކައި ވިސްނުންތަކެއް ވިސްނުމަށްފަހު މިފްޒާލް ގަސްދުކުރީ އައިލީން އާ ގުޅޭ ހުރިހާ މަޢުލޫމާތެއް އޮފީހުން މިފްޒާ...

22 Sep 2024 | 07:23

ކުރީގެ އަދަދާއި ގުޅޭ...

އެހެންވުމާއެކު އަނެއްކާވެސް އައިލީން މިފްޒާލްގެ މަޅީގައި ޖެއްސުމަށްޓަކައި ވިސްނުންތަކެއް ވިސްނުމަށްފަހު މިފްޒާލް ގަސްދުކުރީ އައިލީން އާ ގުޅޭ ހުރިހާ މަޢުލޫމާތެއް އޮފީހުން މިފްޒާލްއަށް ގެނެސްދޭ އެކުވެރިޔާ އާ ބައްދަލު ކުރުމަށެވެ.

ހެނދުނުގެ ވަގުތެވެ. ހޭލައިގެން އައިލީން ދިޔައީ ބަދިގެއަށެވެ. އެހެން ދުވަސްދުވަހު ބަދިގެއަށްދާއިރު ނާޒިމާވެސް ހޭލައިގެން ބަދިގޭގައި އުޅޭނެއެވެ. އެހެން ނަމަވެސް މިއަދު އައިލީން ބަދިގެއަށްދިޔައިރު ނާޒިމާ އަދި ބަދިގެއަކަށް ނާދެއެވެ. އައިލީން ފުށްމޮޑެގެން ރޮށިފިހަން އުޅުމަށްފަހުވެސް ދެފަހަރަކަށް ނާޒިމާގެ ކޮޓަރިއާ ދިމާއަށް ބަލާލިއެވެ. އެހެން ނަމަވެސް ނާޒިމާގެ އެއްވެސް ޚަބަރެއް ނުވެއެވެ. އައިލީން ކަންބޮޑުވާން ފެށިއެވެ. ނާޒިމާއަކީ ކޮންމެ ދުވަހަކުވެސް ފަތިހު ތެދުވާ ކުއްޖެކެވެ. ރޮށިފިހެ ނިމިގެން އައިލީން ގޮސް ނާޒިމާގެ ކޮޓަރީގެ ދޮރުގައި ޓަކިޖަހަން ފެށިއެވެ. ނާޒިމާއަށް އޮތީ ނިދިފައެވެ. ޓަކި ޖަހާ އަޑަށް ހޭލެވިގެން ނާޒިމާ އައިސް ކޮޓަރީގެ ދޮރު ހުޅުވިއެވެ.

"ކިހިނެތްވީ...؟ ބަލިވީތަ...؟" ހާސްވެފައިހުރެ އައިލީން ސުވާލުކޮށްލިއެވެ.

"ވަރަށް ބޮޑަށް ލަސްވެއްޖެދޯ...! ޓަކިޖަހާ އަޑަށް މިހޭލެވުނީ...! ފާޑަކަށް ބަނޑުގައި ރިއްސާތީ ރޭ ހަތަރުދަމު އުޅުނީ...! އެހެންވެ ތަންކޮޅެއް ލަހުން ނިދުނީމަ ނުހޭލެވުނީ...! ކުޑަކޮށް ރެޑީ ވެލައިގެން ވަރަށް އަވަހަށް އެބަދަން..." އައިލީންގެ ސުވާލަށް ޖަވާބު ދެމުން ނާޒިމާ ބުންޏެވެ.

"ކޮންމެހެން އެހާ އަވަސް ކުރާނެ ކަމެއްނެތް...! ބަނޑުގައި ރިއްސުން މިހާރު ރަނގަޅުތަ...؟ ތައްޔާރު ވެލައިގެން ސައިބޯން އާދޭ...! ސައިބޮއިގެން ބޭސްގުޅައެއް ކާލީމަ ރަނގަޅު ވެދާނެ...! ބޭސްކައިގެން ރެސްޓް ކޮށްލާނީ...! މިއަދު މީ އަހަރެންގެ އޮފް ދުވަސް...! އެހެންވީމާ މެންދުރަށް ކައްކާލާފައި އަހަރެންވެސް މިއުޅޭ ރާއިފު މަންމަމެން ގެއަށް ގޮސްލަން ވެގެން... ރެޑީވެލައިގެން ސައިބޯން އާދޭ...!" ނާޒިމާ އާ ދިމާއަށް ބަލާލުމަށްފަހު އައިލީން ބުންޏެވެ.

އައިލީންގެ އެ އޯގާތެރިކަން ނާޒިމާ ޝުކުރުވެރިކަމާއެކު ފާހަގަ ކުރިއެވެ.

ނާޒިމާގެ ބަނޑުގައި ރިއްސުމަކީ ފަހަކަށް އައިސް ޢާންމުކޮށް އޭނައަށް ދިމާވަމުންދާ މައްސަލައެއް ކަމަށްވާތީ އެކަމަށްޓަކައި އަބަދުވެސް ކާ ބޭސް ކައިގެން ކުޑަކޮށް ތައްޔާރު ވެލައިގެން ނާޒިމާ ކޮޓަރިން ބޭރަށް ނުކުތެވެ. އޭރު އައިލީން އާ ރާއިފު ތިބީ ސައިބޯށެވެ.

"އަދިވެސް ވަރަށްބޮޑަށް ބަނޑަށް ތަދުވޭތަ...؟ އާދޭ ތައްޓެއް ހިފައިގެން ސައިބޯން...! ސައިބޮއިގެން ގޮސް އޮށޯވެލާ...! އިރުކޮޅަކުން އަހަރުމެން މިދަނީ ރާއިފު މަންމަމެންގެއަށް ގޮސްލަންވެގެން...!" ނާޒިމާ ފެނުމުން އައިލީން ބުންޏެވެ.

ރާއިފު އާއި އައިލީން ނުކުމެގެން ދިޔުމުން ނާޒިމާ އައިސް އިށީނީ ސިޓިން ރޫމުގައެވެ. އެވަގުތު ކޮންމެވެސް މީހަކު ގޭގެ ބެލް އަޅާލުމާއެކު ނާޒިމާގޮސް ދޮރުހުޅުވިއެވެ. ނާޒިމާ ދޮރު ހުޅުވާލިއިރު ދޮރުމަތީގައިހުރީ މިފްޒާލް އެވެ.

"ތިއީ...! ތިއީ..." ނާޒިމާ އަޅައަޅައިގަންނަމުން ވާހަކަ ދެއްކިއެވެ.

"އާނ... މިފްޒާލް...! ރާއިފުގެ ކޮއްކޮ..! ގޭތެރޭގެ ކަންތައްތައް ކިހިނެތް ދަނީ...؟" އެތެރެއަށް ވަންނަމުން މިފްޒާލް ސުވާލު ކުރިއެވެ.

އެވަގުތު ނާޒިމާއަށް ހަނދާންވީ ކުރީ ދުވަހު މިފްޒާލް ގެއަށް އައިމަ ރާއިފު އާއި އައިލީން އެކަމާ ހިތްހަމަ ނުޖެހިގެން ދެއްކި ވާހަކަތަކެވެ. އެއީ ރާއިފުގެ ތިމާގެ މީހެއް ނޫނޭވެސް ބުނި ބުނުމެވެ.

"ގޭގައި އެއްވެސް މީހަކު މިވަގުތަކު ނެތް..." މިފްޒާލް އެތެރެއަށް ވަނަނުދިނުމަށްޓަކައި ނާޒިމާ ބުންޏެވެ.

"އާނ ތިކަން އެނގޭ...! މީހަކު ނެތްކަން އެނގޭތީއޭ ވާހަކަ ދައްކާލަންވެގެން މިއައިވެސް...! ކުރީ ދުވަހުވެސް ބުނީމެއްނު އަހަރެން މިގެއަށް އަންނާކަށް ރާއިފު ގަބޫލެއް ނުވާނެއޭ...! އެހެން ރާއިފު ބޭރަށް ދިޔަތަން ފެނުނީމަ މިގެއަށް މިވަނީ...! އާދެބަލަ އެތެރެއަށް ވާހަކަ ދައްކާލަން...!" ނާޒިމާއާ ދިމާއަށް ބަލާލުމަށްފަހުގޮސް ސޯފާގައި އިށީންނަމުން މިފްޒާލް ބުންޏެވެ.

"މިގަޑީގައި ވާހަކަ ދައްކަން މަޑުކުރެވޭކަށް ނެތް...! ބޮޑު މަސައްކަތެއްގައި މިއުޅެނީ...!" ނާޒިމާ ހިތްހަމަ ނުޖެހިފައިހުރެ ބުންޏެވެ.

ނަސީބަކުން އެވަގުތު ނާޒިމާގެ ފޯނު ރިންގވާން ފެށިއެވެ. ނާޒިމާ ފޯނަށް ބަލާލިއެވެ. ގުޅަނީ ނާޒިމާގެ މަންމަ އެވެ.

"ރާއްޖޭން ބޭރުން މަންމަގެ ކޯލެއް އެއަންނަނީ...! މިވަގުތު ވާހަކަ ދައްކާކަށް ހުރެވޭކަށްނެތް...!" ނާޒިމާ، މިފްޒާލް އާ ދިމާއަށް ބަލާލަމުން ބުންޏެވެ.

އެވަގުތު ނާޒިމާގެ ކިބައިން އެއްވެސް މައުލޫމާތެއް ލިބޭނެ ކަމަށް ނުފެންނާތީ، މިފްޒާލް ތެދުވެގެން ގޮސް ބޭރަށް ނުކުތުމުން ނާޒިމާ އޭނާގެ މަންމައާ ވާހަކަ ދައްކަމުން ދިޔައީ ކޮޓަރިއަށެވެ.

ޖެހިގެން އައި ހަފުތާގައި އައިލީން އާއި ރާއިފު އިންޑިއާ އަށް ފުރިއެވެ. އައިލީންގެ ޚަބަރެއް ނުވާތީ އާއި މަގުމަތިންވެސް އައިލީން އާ ދިމާނުވާތީ އާއި އައިލީން ފޯނަށްވެސް ނުގުޅޭތީ މިފްޒާލް ހުރީ ހަދާނެގޮތް ނޭނގިފައެވެ. މޮޔައެއް ފަދައިން ކޮންމެ ދުވަހަކު އައިލީންގެ އޮފީސް ދޮށަށްވެސް މިފްޒާލް ދިޔައެވެ. އެހެން ނަމަވެސް އައިލީން އޮފީހަށް ދާތަނެއްވެސް ނުފެނެއެވެ. އެންމެ ފަހުން މިފްޒާލް ގަސްދުކުރީ އޮފީސް ތެރެއަށް ވަނުމަށެވެ. އޮފީސް ތެރެއަށްވަދެ ކައުންޓަރުގައި އިން ސްޓާފު ކައިރީގައި އައިލީން އުޅޭތޯ އެހުމުން މިފްޒާލް އަށް އެނގުނީ އައިލީން ޗުއްޓީ ނެގިކަމެވެ. ދެން މިފްޒާލް ގަސްދުކުރީ އެ އޮފިހުގައި މަސައްކަތްކުރާ މިފްޒާލްގެ ރަޙްމަތްތެރިޔާ އާ ބައްދަލު ކުރުމަށެވެ. އެގޮތުން އޭނައާ ބައްދަލު ކުރުމުން މިފްޒާލް އަށް އެނގުނީ އައިލީން ރަށުގައި ނެތްކަމާއި، ޗުއްޓީގައި އިންޑިޔާއަށް ދިޔަކަމެވެ. އައިލީން އިންޑިޔާއާގައި ހުންނަ އެޑްރެސް މިފްޒާލް އަށް ދިނީ މިފްޒާލްގެ އެ އެކުވެރިޔާ އެވެ. ދެން މިފްޒާލް ގަސްދުކުރީ އިންޑިޔާ އަށް ދިޔުމަށެވެ. އައިލީން ނުފެނި ހުރުމަކީ މިފްޒާލް އަށް ފަސޭހަ ކަމަކަށް ނުވާތީ އެވެ.

"އަހަރެން މި އުޅެނީ މާދަމާ އިންޑިއާ އަށް ފުރަން..." މިފްޒާލް އެވާހަކަ ބުނީ އޭނާގެ މަންމަ ގާތުގައެވެ.

"އެ ކީއްކުރަން އިންޑިޔާއަށް ދާން ތިއުޅެނީ...! އަންޖަލް ގާތުގައި ތިވާހަކަ ދައްކައިފިންތަ...؟" މިފްޒާލް އިންޑިޔާ އަށް ދާ ވާހަކަ ބުނުމުން މިފްޒާލްގެ މަންމަ ސުވާލުކުރިއެވެ.

"ކީއްކުރަން އޭނާ ކައިރީގައި ބުނަންވީ...! މަންމަ ކައިރީގައި މިބުނީނު...! ދެން އެނގޭނެއެއްނު އަހަރެން ފުރާކަން...!" ފަރުވާކުޑަގޮތަކަށް މިފްޒާލް ބުނެލިއެވެ.

"އޭނަ ކައިރީގައި ބުނަންވީ އެއީ މިފްޒާލް އަންހެނުން ކަމުގައިވާތީ...! ތިހެން އުޅެގެން ދުވަހަކުވެސް ދިރިއުޅުމެއް ފެންނާނެތަ..؟ ތިހެން ކަންތައް ކުރީމަ ހަމައެކަނި ހަލާކުވާނީ ދަރިފުޅުގެ ދިރިއުޅުމެއް ނޫނޭ...! އަންޖަލްގެ ދިރިއުޅުންވެސް ހަލާކުވެގެންދާނީ...!" ތިއީކީ މަންމަ ދަސްކޮށްދިން ގޮތެއް ނޫން...! އަންހެނުންނަށް އޯގާތެރި ރަނގަޅު ފިރިއަކަށްވާން ދަސްކޮށްބަލަ...!" ހިތްހަމަ ނުޖެހިފައި އިނދެ މިފްޒާލްގެ މަންމަ ވާހަކަ ދެއްކިއެވެ.

"އަހަރެން މިއުޅެނީ އަހަރެންގެ ދިރިއުޅުން ހަލާކުކުރާކަށް ނޫނޭ...! އަހަރެން މިއުޅެނީ އަހަރެންނަށް ރަނގަޅު ދިރިއުޅުމެއް ލިބޭނެ ގޮތެއް ހޯދަން..." މިފްޒާލް ދޫކުރާކަށް ގަސްދެއް ނުކުރިއެވެ.

"މަންމައަކަށް ނޭނގެ ތިހެން އުޅެގެން ދަރިފުޅަށް ރަނގަޅު ދިރިއުޅުމެއް ލިބޭނެގޮތެއް...! ތި އުޅުން ދޫކޮށްލަބަލަ...! މަންމަ އާދޭސްކޮށްފަ މިބުނަނީ...! މަންމަ ދުނިޔޭގައި ހުއްޓާ ދަރިފުޅުމެން މަންމަގެ އުނގު ފަޅުފިލުވާލަދޭނެ ކުއްޖަކު ހޯދައިގެން އުފާވެރި ދިރިއުޅުމެއް އުޅެވޭތޯ ބަލާބަލަ...! އޭރުން މަންމަ ކިހާ އުފާވާނެ...! ދަރިފުޅު އެކަނި ދަންޏާ އިންޑިއާ ދާކަށް މަންމަ ގަބޫލެއް ނޫން... ދަންޏާ އަންޖަލް ގޮވައިގެންދޭ...! އެހެންނޫނީ މަންމަ ބުނާނީ ގޮސްގެން ނުވާނެއޭ...!" މިފްޒާލްގެ މަންމަ ތެދުވެގެން ހިނގައިގަންނަމުން ބުންޏެވެ.

"އަހަރެން މަންމަ ކައިރިއަކު ނާހަމެއްނު އަހަރެން ދާން ހުއްދަދޭކަށް..! ކޮންމެ ގޮތެއް ވިޔަސް އަހަރެން ދާނަށް...! އެކަކަށްވެސް ނުހުއްޓުވޭނެ...! އަންޖަލް އިނދެބަލަ ގޭގަ މަސައްކަތް ކުރަން...! އަހަރެން ނޫޅެން އަހަރެން ދާހާތާކަށް އޭނަ ފަހަތުލައިގެން ދާކަށް...! މަންމަބުނޭ އޭނަ ގާތުގައި އަހަރެން ފުރަން އުޅޭވާހަކަ...! އަހަރެން ނޫޅެން އެވާހަކަ ދައްކާކަށްވެސް...!" މިފްޒާލްވެސް ހިތްހަމަ ނުޖެހުނެވެ.

"މަންމަގެ ކުރިމަތީގައި މިހާރު ޒުވާބުވެސް ކުރަން ފެށީތަ...؟ ކިހިނެތް ވެގެންތަ ތިއުޅެނީ..؟ ތީކީ ކުރިން އުޅޭގޮތެއް ނޫނެއްނު...! މަށަށް މަންމަ ކިޔަންޏާ އަހަރެން ދައްކާވާހަކަ ވެސް ޖެހޭނީ އަޑު އަހަން...! އެހެން ނޫނީ މަންމަ ނުކިޔާނީ...!" މިފްޒާލްގެ މަންމަ ވެސް ރުޅިގަދަވާން ފެށިއެވެ.

އެހެން ބުނުމަށްފަހު މިފްޒާލްގެ މަންމަ ރުޅިއައިސްގެން ދިޔައީ ކޮޓަރިއަށެވެ. މިފްޒާލް ސިޓިން ރޫމުގައި އިރުކޮޅަކު އިނުމަށްފަހު ކޮޓަރިއަށްވެސް ވަދެނުލާ އަދި އަންޖަލް ކޮބައިތޯވެސް ބަލާނުލާ ނުކުމެގެން ދިޔައީ ބޭރަށެވެ.

އިންޑިއާއަށް ގޮސް އައިލީން ޑޮކްޓަރަށް ދެއްކިއެވެ. އަދި ވަރަށް ގިނަ ޓެސްޓްތައް ހެދިއެވެ. އެހެން ނަމަވެސް އައިލީންގެ ހަށިގަނޑަށް ލިބިފައިހުރި އަނިޔާތަކުގެ ސަބަބުން ކުއްޖަކު ލިބުމުގެ އުއްމީދު ވަރަށް ކުޑަކަމަށް ޑޮކްޓަރު ބުންޏެވެ.

"ކިހިނެތް ދެން ހަދާނީ...؟ އަހަންނަށް އެނގޭ ނުބުންޏަސް ރާއިފުވެސް ކުއްޖެއް ބޭނުންވާނެ ކަން...!" ހޮސްޕިޓަލުން ނުކުންނަމުން ދެރަވެފައި ހުރެ އައިލީން ވާހަކަ ދެއްކިއެވެ.

"ތި ވާހަކަ ދެން މިވަގުތު ދައްކާނެ ކަމެއް ނެތް...! އިދާރާކުރެއްވިޔާ ދެރަގޮތެއް ނުވާނެ...! އެހެން ޑޮކްޓަރުންވެސް އަދި މި ކޮޅުގަ ތިބޭނެ...! އެހެންވީމާ ބުނާއެއްޗެއް ބަލާލަން އެހެން ޑޮކްޓަރަކަށްވެސް އަދި ދައްކާލާނީ...!" އައިލީންގެ އަތުގައި ހިފައިގެން ހިނގައި ގަންނަމުން ރާއިފު ބުންޏެވެ.

"ހިނގާބަލަ ފެންފުޅިއެއް ގަންނަން މިތާ ކެންޓީނަށް...! ވަރަށް ފެންބޮވާ އެބަ...!" ރާއިފު އާ ދިމާއަށް ބަލާލުމަށްފަހު އައިލީން ބުންޏެވެ.

"އައިލީން އެތާ ގޮނޑީގައި މަޑުކޮށްލާ...! އަހަރެން އެބައަންނަން ފެންފުޅިއެއް ގަނެގެން...!" ބަގީޗާ ތެރޭގައި ސިމެންތިން ހަދާފައިހުރި ގޮނޑިއެއް ދައްކާލަމުން ރާއިފު ބުންޏެވެ.

އައިލީން ގޮސް އިށީނީ އެގޮނޑީގައެވެ. ރާއިފު ދިޔައީ ފެންފުޅި ގަންނަން ހޮސްޕިޓަލުގެ ކެންޓީނާ ދިމާއަށެވެ. އައިލީން ގޮސް ގޮނޑީގައި އިށީނދެ ބަގީޗާގައި މާތައް އަޅާ ފަރިވެ ފޮޅިފައިވާ މާގަސްތަކާ ދިމާއަށް ބަލާލިއެވެ. ތަފާތު ކުލަތަކުގެ މާތަކެވެ. ރާއްޖެއިން ނުފެންނަ ތަފާތު އެކިކުލަކުލައިގެ އެތައް ވައްތަރެއްގެ މާތައް އެބަގީޗާ ފަރިވެ ފޮޅިފައި ހުއްޓެވެ. އައިލީން ގޮނޑިން ތެދުވެގެން ގަސްތަކުގެ ތެރޭގައި މަޑުމަޑުން ހިނގަމުން ދިޔައެވެ. އެކިމާތަކުން ވަސް ބަލަމުން ބައެއް މާތަކުގައި އަތް ޖައްސާލަމުން އައިލީން ދިޔައީ ކުރިއަށެވެ. ކުއްލިއަކަށް އައިލީންގެ ކަންފަތުގައި ޖެހުނީ މީހަކު ތުމުން ފުމެލިއަޑެވެ. އައިލީން ފަހަތަށް އެނބުރި ބަލާލިއެވެ. އެހެން ނަމަވެސް ފަހަތުގައި އެއްވެސް މީހަކު ފެންނަން ނެތުމާއެކު އެއީ އައިލީން އަށް ހީވި ހީވުމެއް ކަމުގައި ޔަޤީން ކޮށްލުމަށްފަހު އަނެއްކާވެސް ގަސްތަކުގެ ތެރެއިން ކުރިއަށް ހިނގައިގަތެވެ. އިރުކޮޅަކުން އަނެއްކާވެސް ވައިއަޑުން މަޑުމަޑުން ކޮންމެސް މީހަކު އައިލީންގެ ނަމުން ގޮވާލިހެން އައިލީން އަށް ހީވެގެން ފަހަތަށް އެނބުރި ބަލާލިއެވެ.


ނުނިމޭ... ވާހަކައިގެ އާ ބައެއް،24 ސެޕްޓެމްބަރ 2024، އަންގާރަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް