"ކައިފިންތަ...؟" އައިލީން، ރާއިފު އާ ސުވާލުކޮށްލިއެވެ.
"ނޫނޭ...! އައިލީން އަންނަންދެން ނުކައި މަޑުކޮށްލައިގެން މީނީ...! ވަރަށް ބަނޑުހައިވެއްޖެ...! ވަރަށް ދުވަސް ވެއްޖެއެއްނު ބޭރަށް އެއްޗެއް ކާލަން ނުދާތާ...!" ހިނގާ އެއްޗެއްކާން މިރޭ ބޭރަށް ދަމާ...!" ޓީވީ ނިއްވާލަމުން ރާއިފު ބުންޏެވެ.
"އޭރުން ކައްކާފަހުރި ހުރިހާ އެއްޗެއް އުކާލަން ޖެހޭނީ...! އެހެން ރެއަކުން ދާނީ ދެން... މިރޭ ހިނގާ ގެއިންކާން...!" ރާއިފު އާ ދިމާއަށް ބަލާލުމަށްފަހު އައިލީން ބުންޏެވެ.
"އެންމެ ރަނގަޅު...! އެކަމަކު އަހަރެން މިރޭ މިއިނީ ބޭރުން ކައިގެން އައިލީން ގޮވައިގެން ދުއްވާލަން ދާހިތުން...! އެހެންވިމާ މާދަންރޭ ދެން ދާނީ...! މާދަންރޭ އެހާގިއިން ނުކައްކާތި...!" ސޯފާއިން ތެދުވަމުން ރާއިފު ބުނެލިއެވެ.
އައިލީން ބަދިގެއަށް ވަދެ ކާންހެދިއިރު އަތްގާތްކޮށްދޭން ރާއިފު ހުއްޓެވެ. ރާއިފު ގެ އެބަދަލާ ގުޅިގެން އައިލީންހުރީ ވަރަށް ހިތްހަމަޖެހި އުފާވެފައެވެ.
"ނާޒިމާ ކޮބާ...؟ އޭނަ ކައިފިތަ...؟" ގޭތެރޭގައި ނާޒިމާ ފެންނަން ނެތުމާއެކު އައިލީން ސުވާލުކޮށްލީ ރާއިފު އާ އެވެ.
"އާނ..! އޭނަ ކައިގެން ކޮޓަރިއަށް ވަނީ...! އަހަރެން ބުނިން އަހަރެން ކާނީ އައިލީން ގެއަށް އައިމައޭ...! ނިމުނީމަ ބަލާދާން ގުޅާލިނަމަ...! އޭރުން ދުއްވާލާފައި ގެއަށް އާދެވުނީހެއްނު...!" ކާމޭޒު ދޮށުގައި އިށީންނަމުން ރާއިފު ބުންޏެވެ.
"މިރޭ މިއައީ އޮފީހުގައި އުޅޭ ފާތުން ނާ އެކީ...! އޭނަ ސައިކަލުގައި...! އެހެންވެ ނުގުޅީ..!" ކާމޭޒު ދޮށުގައި އިށީންނަމުން އައިލީން ބުނެލިއެވެ.
"މަންމަ މިއަދު އަންނަ ވާހަކަ ބުނީމެއްނު...! އައިތަ މިއަދު...؟" ރާއިފު ސުވާލުކޮށްލިއެވެ.
"އާން...! ތިނެއް ޖަހަން އުޅެނިކޮށް އައީ...! ރާއިފުއަށް ނިދިފަ އޮތީމަ މަންމަ ބުނި ގޮވާނެ ކަމެއް ނެތޭ..! އެހެންވެ ނުގޮވީ...! އަހަރެން އޮފީހަށް ދާންވަންދެން މަންމަ މިގޭގައި އިނދެފަ ގެއަށް ދިޔައީ...! މަންމަ ބުނި އެގޭ ދައްތަ ރަށަށް ބަދަލުވާން އުޅޭވާހަކަ...! އެހެންވީމާ ރާއިފު ގާތުގައި ބުނޭށޯ މަންމަ ކޮންމެސް އެހެން ތާކަށް ގެންދާށޭ.." ރާއިފު އާ ދިމާއަށް ބަލާލަމުން އައިލީން ބުންޏެވެ.
"އެކީއްވެބާ ދައްތަމެން ރަށަށް ބަދަލުވާގޮތަށް ނިންމީ..! އެކަހަލަ ވާހަކައެއް ނުވެސް ދައްކާ...! އެހެން ނޫނަސް މަންމަ އެކަނި ތަނެއްގައި ބަހައްޓާނީވެސް ކިހިނެތް...؟" ރާއިފު، ކަމުން ވާހަކަ ދައްކަމުން ދިޔައެވެ.
"އެހެންވީމަ އަނެއްކާވެސް މަންމަ އަހަރުމެން ގާތަށް މިގެއަށް ގެންނަންވީނު...!" ރާއިފުގެ ސުވާލަށް އައިލީން ޖަވާބު ދިނެވެ.
"މިގެއަށް ކިހިނެތް...؟ މިގޭގައި ނެތެއްނު މަންމަ ބަހައްޓާނެ ތަނެއްވެސް...! އެންމެ ދެކޮޓަރި މިގޭގައި މިހިރީ...! މެއިޑް ރޫމުގައި އެ އުޅެނީ ނާޒިމާ...! ދެން އޮތްގޮތަކީ ނާޒިމާ ފޮނުވާލުން...! އޭރުން އޮފީހަށް ދަމުން އައިލީން އަށް ގޭގެ ހުރިހާ ކަމެއްވާނެތަ...؟ އެކަމަކު މަންމަ ހުރިއްޔާ މަންމަވެސް ގޭތެރޭގެ ކަންކަން ކުރާނެ...! އެހެންވީމަ ނާޒިމާ ފޮނުވާލާފަ މަންމަ ގެންނާނީދޯ...؟" އައިލީން އާ ދިމާއަށް ބަލާލަމުން ރާއިފު ވާހަކަ ދެއްކިއެވެ.
"ނޫނޭ، މަންމަ މިހާރު އެއުޅެނީ ނުލާހިކު ބަލިވެއެއްނު...! މަންމަ ލައްވާ މަސައްކަތް ކުރުވާކަށް އަހަރެން ހިތްހަމައެއް ނުޖެހޭ...! އަދި ނާޒިމާވެސް މިގެއިން ފޮނުވާލާނެ ކަމެއްނެތް...! އޭނަ ވަކިދާނީ ކޮންތާކަށް..! ތަންކޮޅެއް ޖާގަބޮޑު ތިން ކޮޓަރީގެ އެޕާޓްމަންޓެއް ލިބޭތޯ ބަލާނީ...! އޭރުން ތަންކޮޅެއް ހަމަޖެހިލައިގެން އަހަރުމެންނަށް އުޅެލެވޭނެ...!" އައިލީން ހިޔާލެއް ދިނެވެ.
"އައިލީން ބޭނުން ގޮތެއް...! އެކަމަކު މަންމަ އާއި އައިލީން އާ ހުރިއްޔާ ދެން ނާޒިމާ ކޮންމެހެން ބެހެއްޓުމުގެ ބޭނުމެއް ނެތެއްނު.." ރާއިފުއަށް ނާޒިމާ މާމުހިންމު ނުވާތީ އަނެއްކާވެސް ބުނެލިއެވެ.
"އެކީއްވެ...؟ ނާޒިމާއަކީވެސް މިހާރު މިގެއަށް ހަމަ ވަރަށް މުހިންމު މީހެކޭ...! ކިހިނެތް އިނގެނީ މިގޭގެ އުފާވެރިކަން އޮތީ ނާޒިމާގެ ކިބައިން ނޫން ކަމެއްވެސް.." އައިލީން ހީނލާފައި ސަމާސާ ރާގަކަށް ވާހަކަ ދެއްކިއެވެ.
"އޭނ...! ކީކޭ ތިބުނީ...! ކޮން އުފާވެރިކަމެއް...! ތިބުނި އެއްޗެއް ނޭނގުނު...!" ޙައިރާން ވެފައިއިނދެ ރާއިފު ސުވާލުކޮށްލިއެވެ.
"މި ބުނީ އަހަރުމެން އުފާކޮށްދޭން ނާޒިމާއަށްވެސް ވަރަށް ގިނަ ކަންތައްތައް ކުރެވިދާނެއޭ...! މިކަމުގައި ނާޒިމާގެ އެހީތެރި ކަމަކަށް އެދެން ފެންނަނީ..." އަނެއްކާވެސް އައިލީން ކުޑަކޮށް ހީނލާފައި ވާހަކަ ދެއްކިއެވެ.
"އެއްގޮތަކަށްވެސް އައިލީން ތިދައްކާ ވާހަކައެއް އަހަންނަކަށް ނޭނގެ...! ކީކޭ ތިކިޔަނީ....! ތަންކޮޅެއް ސާފުކޮށް ބުނެބަލަ...!" އައިލީން ދައްކަމުންދިޔަ ވާހަކަ އޮޅުން ފިލުވުމުގެ ގޮތުން އަނެއްކާވެސް ރާއިފު ސުވާލު ކުރިއެވެ.
"ސާބަސް، ދެން އެވާހަކަ ހުއްޓާލަމާ...! ފަހުން އެކަމާ ޑިސްކަސް ކުރާނީ...! ރަނގަޅު ޑޮކްޓަރުން ތިބި ހޮސްޕިޓަލެއް ބަލާލެވުންތަ...؟" އައިލީން ދައްކަމުން ގެންދިޔަ ވާހަކަ ބަދަލުކޮށްލިއެވެ.
"އާނ...! ތިފެށި ވާހަކައަކުން އެކަން ހަނދާން ނެތިފަ މިހިރީ...! އިންޑިޔާގެ ނަވަލޯކާ ހޮސްޕިޓަލުގައި އެކަމަށް ވަރަށް ރަނގަޅު ޑޮކްޓަރެއް ހުރިކަމަށްވަނީ...! މިދުވަސްކޮޅު އައިލީން އަށް އޮފީހުން ޗުއްޓީ ލިބޭނެހެން ހީވޭތަ...؟ ޗުއްޓީ ހަމަޖެހެންޏާ ޑޮކްޓަރގެ އެޕޮއިންޓްމަންޓަށް މެއިލް ކުރެވިދާނެ...! ބަލާބަލަ..!" އައިލީން އާ ދިމާއަށް ބަލާލަމުން ރާއިފު ވާހަކަ ދެއްކިއެވެ.
"މާދަމާ މީ އަހަރެންގެ އޮފް ދުވަސް...! އެހެންވީމަ އަނެއްދުވަހު ޑިއުޓީއަށްގޮސް ބޮސް އާ ވާހަކަ ދައްކާލާނަން...! ހީވަނީ ލިބޭނެހެން...! ސެކްޝަންގެ އެންމެ ކުއްޖަކު މިވަގުތު ޗުއްޓީގައި ހުރީވެސް، އޭނަވެސް މި ވީކްގައި ޗުއްޓީ ނިންމާފަ އޮފީހަށް ނުކުންނާނެ..! އެހެންވީ އަހަރެން ޗުއްޓީ ނެގިޔަސް މާބޮޑު އުނދަގުލެއް ނުވާނެ...!" ތަށިތައް ނަގަމުން އައިލީން ވާހަކަ ދެއްކިއެވެ.
"ޗުއްޓީ ލިބެންޏާ ފަނަރަ ވަރަކަށް ދުވަހަށް އެޕްލައިކޮށްލާފަ އާދޭ...! ޗުއްޓީ ލިބޭނެ ދުވަހެއް އެނގުނީމަ ޓިކެޓްވެސް ބުކް ކުރެވޭނީ، ޑޮކްޓަރުގެ އެޕޮއިންޓްމަންޓްވެސް ހެދޭނީ..." ރާއިފު ތެދުވަމުން ބުންޏެވެ.
"ދާއިރު ނާޒިމާވެސް ގޮވައިގެންދޯ ދާނީ...! އޭނަ އެކަނި މިކޮޅުގައި ހުންނަންވީމަ ވަރަށް ފޫހިވާނެ...! އެހެން ނޫނަސް ނާޒިމާގެ މަންމަވެސް ދިރިއުޅެނީ އެކޮޅުގައެއްނު...! އޭރުން ނާޒިމާއަށް އޭނަގެ މަންމަމެންނާވެސް ދިމާވެވޭނެއެއްނު...! ވަރަށް ދާހިތުން އޭނަ ހުންނާނީ..." ތަށިތައް އަލިމާރިއަށް ލުމަށްފަހު ރާއިފު އާ އެކު ބަދިގޭން ބޭރަށް ނުކުންނަމުން އައިލީން ބުނެލިއެވެ.
"ނާޒިމާގެ މަންމަމެން ދިރިއުޅެނީ އިންޑިއާގަތަ...؟ ތިއީ އަދި އަހަންނަށް ނޭނގޭ ކަމެއް...! އައިލީން އަށް ކިހިނެތް އެނގުނީ..!" ރާއިފު އައިލީން އާ ދިމާއަށް ބަލާލުމަށްފަހު ސުވާލު ކޮށްލިއެވެ.
"އާނ...! އެމީހުން ދިރިއުޅެނީ އިންޑިޔާގަ...! ރާއްޖެއިން އިންޑިއާއަށް ބޭސްފަރުވާއަށްދާ މީހުން އެގޭގައި ބައިތިއްބައިގެން ބޭސްފަރުވާގެ ކަންކަމުގައިވެސް އެމީހުން އެހީތެރިވެދޭކަމަށްވަނީ... ބޭނުމިއްޔާ އަހަރުމެންނަށް އެމީހުންގެ އެހީތެރިކަން ހޯދިދާނެ...!" ރާއިފުގެ ސުވާލަށް އައިލީން ޖަވާބު ދިނެވެ.
"އައްދޭ...! ކިހިނެތް ތިހުރިހާ ކަމެއް އައިލީން އަށް އެނގެނީ...؟" އަނެއްކާވެސް ރާއިފު އިތުރު ސުވާލެއް ކޮށްލިއެވެ.
"ނާޒިމާ މިގެއަށް އައި ދުވަހު ނާޒިމާ އޭނަގެ ވަރަށް ގިނަ ވާހަކަތައް ކިޔައިދިނޭ...! ނާޒިމާ ރަށުގައި ހުއްޓަ ވަރަށް ބޮޑަށް ބަލިވެގެން އޭނަ މަންމަމެން އޭނަ އިންޑިޔާއަށް ގެންގޮސްގެން ވަރަށް ގިނަ ދުވަހު ބޭސްފަރުވާ ކޮށްގެނޯ ރަނގަޅުވީ...! ރަނގަޅުވީމަ މާލެއައިސް ރަށަށް ނުދާން ވެގެން އޭނަގެ ރައްޓެއްސެއްގެ ގޭގައި މާލޭގައި ހުއްޓަޔޯ މިގެއަށް ގެނައީ...! ނަސީބެކޯ މިގެއަށް ގެނައިކަން..! އޭނަ އެއްގޮތަކަށްވެސް ރަށަކަށް ދާކަށް ބޭނުމެއް ނޫނޯ...!" ނާޒިމާ އެގެއަށް އައި ފުރަތަމަ ދުވަހު ދެއްކި ބައެއް ވާހަކަތައް އައިލީން، ރާއިފުއަށް ކިޔައިދިނެވެ.
"އެހެންތަ...؟ އެހެން ވިއްޔާ އޭނަ މިގެއިން ފޮނުވާލައިގެން ނުވާނެ...! އެކަމަކު އަހަރުމެން އިންޑިއާ އަށް ދާނީ އެކަނި...! އެކަނިގޮސް ކަންކަން ކޮށްލީމަ މާ ފަސޭހަވާނެ...! މިނިވަންކަންވެސް އޮންނާނެތާ...! އެހެންނޫނަސް މަންމަ އަންނައިރު މިގޭގައިވެސް މީހަކު ހުންނަންވާނެތާ...! އެކޮޅަށްގޮއްސަ ނޭނގެ ކިހާ ދުވަހެއްކަމެއްވެސް ވާނީ...! މިކޮޅަށް އައިސް ދެން އެހެން ތާކަށް ބަދަލުވާނީ...! އަހަރުމެން ނެތިއްޔާ މަންމަ މިގެއަށް އައިސް އަހަރުމެން ކޮޓަރީގައިވެސް ހުރެވިދާނެތާ..!" ރާއިފު، އޭނާ ބޭނުންވާ ގޮތް އައިލީން އަށް ކިޔައިދިނެވެ.
"އެންމެ ރަނގަޅު...! ރާއިފު ބޭނުންގޮތެއް ތީގައި އޮންނާނީ..!" ކޮޓަރިއަށް ވަންނަމުން އައިލީން ބުންޏެވެ.
ރާއިފު ކޮޓަރިއަށް ވަނުމަށްފަހު ފާހާނާއަށް ވަދެ ކުޑަކޮށް ފެންވަރާލައިގެން އެއްޗިހި ބަދަލުކޮށްލައިގެން ނިދަން އޮށޯތެވެ. ރާއިފު ފާހާނާއިން ނުކުތުމުން އައިލީންވެސް ގޮސް ނިދަން ތައްޔާރު ވެލައިގެން އައިސް އެނދުގައި އޮށޯތެވެ.
"ނާޒިމާ ކިހިނެތް ވެގެންނޭ އިންޑިއާ އަށް ގެންދިޔައީ...؟" ނާޒިމާ ބަލިވެގެން އޭނާގެ މަންމަމެން އޭނަ އިންޑިޔާއަށް ގެންދިޔަ ވާހަކަ ބުނީމަ އޮޅުން ފިލުވުމުގެ ގޮތުން ރާއިފު ސުވާލުކޮށްލިއެވެ.
"ނޭނގެ އެދުވަސްކޮޅު ވަރަށް ބޮޑަށް ބަލިވެގެންނޯ އުޅުނީ...! އިންޑިޔާ އަށް ގޮސްގެންނޯ ކިރިހާވެސް ރަނގަޅުވީ...! ކިހިނެތްވީހޭ އަހާލީމާ އޭނަ އިތުރަކަށް އެކަމާ ބެހޭ ގޮތުން އެއްޗެއް ނުބުނި...! އެހެންވެ އަހަރެންވެސް އިތުރަކަށް ސުވާލެއް ނުކުރަން...! ހުންނާނެތާ ނުދެއްކޭ ކަހަލަ ވާހަކަވެސް...! ދެން ހިނގާ ނިދަންއުޅެމާ...!" އައިލީން ކުޑަކޮށް ހީނލާފައި ބުންޏެވެ.
"ކީއްކުރަން އެހާ އަވަހަށް ނިދަން ތިއުޅެނީ...! އަދި ނިދަން އުޅޭނެކަމެއްނެތް...! މިއަދު ޑިއުޓީއަށް ގޮއްސަވެސް މާގިނައިރުތަކެއް ވީކީ ނޫނެއްނު...! އެހެންވީމަ ގައިމު ވަރުބައްޔެއްވެސް ނުވާނެ..! މިތާ ކައިރިއަށް އާދެބަލަ...!" ރާއިފު އައިލީން އަތުގާ ހިފާލުމަށްފަހު ރާއިފު އާ ގަތްކޮށްލަމުން މަޑުމަޑުން ބުނެލިއެވެ.
"ދޭން..! ރާއިފު...!" އައިލީން ވައިއަޑުން ބުންޏެވެ.
އެނދުކައިރީގައި ދިއްލާފައިހުރި ލޭންޕްގެ އަލި ރާއިފު މަޑުމަޑުން ފަނޑުކޮށްލުމަށްފަހު އައިލީން ގައިގައި ބައްދާލިއެވެ.
ހެނދުނުގެ ވަގުތެވެ. މިފްޒާލް އެނދުން ތެދުވެގެން ފާހާނާއަށް ވަނުމަށްފަހު ނިކުމެ އެނދުމަތީގައި ކުޑައިރުކޮޅަކު ވިސްނާލުމަށްޓަކައި އިނުމަށްފަހު ގޮސް ހުއްޓުނީ އައިލީންގެ ކޮޓަރިއާ ދިމާއަށް އަމާޒުކޮށްފައިހުރި ކެމެރާ ކައިރިއަށެވެ. އެތަނުގައި އައިލީންގެ ކޮޓަރީގެ ކުޑަދޮރާއި ދިމާއަށް ބަހައްޓައިގެން ކުޑައިރުކޮޅަކު މިފްޒާލް ހުއްޓެވެ. އެކޮޓަރީގެ ދޮރު މިހާރު ހުޅުވާފައި ހުންނަނީ ވަރަށް މަދުންނެވެ. އިރުކޮޅަކު ކުޑަދޮރާދިމާއަށް ބަލަން ހުރުމަށްފަހު މިފްޒާލް ކެމެރާ ނަގައިގެން އައިސް އެދުގައި އިށީނދެ އިނދެ ކެމެރާގައި ރެކޯޑުގައި ވެފައިހުރި ވީޑިއޯތައް ބަލަން ފެށިއެވެ. ވީޑިއޯގައި ގިނައިން ހުރީ ކުޑަދޮރު ލައްޕާފައިހުރުމުގެ ސަބަބުން ދޮރުގެ ބޭރު ފެންނަންހުރި ވީޑިއޯ ތަކެވެ. އެހެން ނަމަވެސް އެެތެރޭގައި ދެތިން ވީޑިއޯއެއް ކެމެރާއަށް ރެކޯޑްވެފައި ހުއްޓެވެ. ރެކޯޑްވެފައިވާ މަދު ވީޑިއޯތަކުން އެފެންނަ މަންޒަރުތަކުން މިފްޒާލްގެ ހިތަށް ވަރަށް ބޮޑަށް ތަދުވެގެން ދިޔައެވެ. އެވީޑިއޯތަކުން އައިލީން އާއި ރާއިފުގެ މިހާރުގެ ގުޅުން ވަރަށް ރަނގަޅަށް ފެނިގެން ދެއެވެ. މިފްޒާލް ނޫން މީހަކާއެކު އައިލީން އެގޮތަށް އުފާވެރިކަމާއެކު ހަމަޖެހިގެން އުޅުމަކީ މިފްޒާލް ބޭނުންވާ ކަމެއް ނޫނެވެ. އެހެންވުމާއެކު އަނެއްކާވެސް އައިލީން މިފްޒާލްގެ މަޅީގައި ޖެއްސުމަށްޓަކައި ވިސްނުންތަކެއް ވިސްނުމަށްފަހު މިފްޒާލް ގަސްދުކުރީ އައިލީން އާ ގުޅޭ ހުރިހާ މަޢުލޫމާތެއް އޮފީހުން މިފްޒާލްއަށް ގެނެސްދޭ އެކުވެރިޔާ އާ ބައްދަލު ކުރުމަށެވެ.
ނުނިމޭ... ވާހަކައިގެ އާ ބައެއް، 19 ސެޕްޓެމްބަރ، ބުރާސްފަތި ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް