N/A
ސިނަމާލެ ބްރިޖު ހައިވޭގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ސޯލާ ޕެނަލް ހޮޅިދަނޑިތަކުގައި ޖެހި ފުރޮޅާލި ނުރައްކާތެރި ހާދިސާއާ ގުޅިގެން އެ ކާރު ދުއްވި މީހާގެ ލައިސަންސް ހިފަހައްޓައިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
މި ހާދިސާ ހިނގައިފައިވަނީ މި މަހުގެ 21 ވީ ހުކުރު ދުވަހުގެ ހެނދުނު 8:42 ހާއިރުއެވެ. ކާރު ދުއްވަމުން ދިޔައީ ބ. ކަމަދޫ މިޔްނިކް ހަސަން ރިފާއު (40 އަހަރު) ކަމަށާއި އެ ވަގުތު ކާރުގައި 13 އަހަރުގެ ކުޑަ ކުއްޖެއްވެސް އިން ކަމަށް ފުލުހުން ބުނެފައިވެއެވެ.
ޖެހުނު ބާރުމިނުގައި ހޮޅިދަނޑިތަކުގައި ޖެހި ކާރު ފުރޮޅާލައިފައިވީ ނަމަވެސް ދެ މީހުންނަށްވެސް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު ދެ މީހުންވެސް މިހާރު ވަނީ ދޫކޮށްލައިފައެވެ. އެކްސިޑެންޓުގައި ކާރަށް ބޮޑެތި ގެއްލުންތައް ލިބި ބޭނުންނުކުރެވޭ މިންވަރަށް ހަލާކުވެފައިވެއެވެ.
ފުލުހުން ބުނީ ތަހުގީގަށް ބޭނުންވާ މައުލޫމާތު އެއްކޮށް ނިމުމުން ކާރުގެ ބައިތައް ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި ހަސަން ރިފާއުގެ ޑްރައިވިންގ ލައިސަންސް ހިފަހައްޓައިފައިވާ ކަމަށެވެ.
މި މައްސަލައިގެ ތަހުގީގު ފުލުހުން އިތުރަށް ކުރިއަށް ގެންދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް