N/A
މި ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" މަޝްރޫއުގެ ދަށުން ހުށަހެޅި ފޯމުތައް ވެރިފައި ކުރަމުންދާއިރު މައުލޫމާތުގައި ފުށޫއެރުމެއް ފާހަގަވެއްޖެނަމަ ލިޔެކިޔުންތައް އިސްލާހުކޮށް ހުށަހެޅުމަށް ހަތް ދުވަހުގެ ފުރުސަތެއް ދޭނެ ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފިއެވެ.
ގޯއްޗާއި ފްލެޓަށް އެދި ބޯހިޔާވަހިކަން ޕޯޓަލް މެދުވެރިކޮށް ޖުމްލަ 58505 ފޯމު ހުށަހަޅާފައިވެއެވެ. އޭގެ ތެރެއިން 35930 ފޯމަކީ ފްލެޓަށް އެދި ހުށަހެޅި ފޯމެވެ. ބާކީ 22575 ފޯމު ހުށަހެޅީ ގޯއްޗަށް އެދިގެންނެވެ. ފޯމު ހުށަހެޅުމުގެ ސުންގަޑި ހަމަވެފައިވަނީ މިދިޔަ ޖޫން މަހުގެ 15 ވަނަ ދުވަހުއެވެ.
އެ ވުޒާރާއިން ބުނީ ވެރިފިކޭޝަން މަރުހަލާގައި ސަރުކާރުގެ އިދާރާތަކާއި ކައުންސިލުތަކުން ލިބިފައިވާ މައުލޫމާތާއި ފޯމުގައި ހިމަނާފައިވާ މައުލޫމާތާ ދެމެދު ތަފާތެއް ފެނިއްޖެނަމަ ޕޯޓަލް މެދުވެރިކޮށް އެ ފަރާތަކަށް އެކަން އަންގާނެ ކަމަށެވެ. ޕޯޓަލް އިން ފޮނުވާ ނޯޓިސްގައި ފާހަގަކޮށްފައިވާ ކަންކަން ރަނގަޅު ނޫންނަމަ ތަފްސީލާ އެކު ލިޔެކިޔުން ހުށަހެޅުމަށް ހަތް ދުވަސް ލިބޭނެ ކަމަށް ވެސް ހައުސިން މިނިސްޓްރީން ބުނެފައިވެއެވެ. ފޯމާ ގުޅިގެން އަންނަ ބަދަލުތައް ފޯމު ފުރިއިރު ދީފައިވާ ފޯނު ނަންބަރަށް އެސްއެމްއެސް މެދުވެރިކޮށް ވެސް އަންގާނެ ކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ.
ދީފައިވާ މުއްދަތުގައި ޖަވާބެއް ހުށަނާޅައިފިނަމަ ޝަރުތު ފުރިހަމަނުވާ ނުވަތަ ލިޔެކިޔުން ފުރިހަމަނުވާ ފޯމެއް ކަމުގައި ބެލުމަށް ނިންމާފައިވާ ކަމަށް ވެސް ހައުސިން މިނިސްޓްރީން ބުނެފައިވެއެވެ. ޖަވާބު ހުށަހެޅެނީ ހަމައެކަނި ބޯހިޔާވަހިކަން ޕޯޓަލް މެދުވެރިކޮށެވެ. އީމެއިލް ސިޓީ ނުވަތަ އެ ނޫން ވެސް ވަސީލަތެއް ބޭނުންކޮށްގެން ހުށަހަޅާ ޖަވާބެއް ބަލައިނުގަންނާނެ ކަމަށް ވެސް ހައުސިން މިނިސްޓްރީން ބުނެފައިވެއެވެ.
މިއީ ދިވެހި ސަރުކާރަކުން ހިންގި ބޯހިޔާވަހިކަމުގެ ސްކީމަކަށް އެންމެ ގިނައިން ފޯމު ހުށަހެޅި ފަހަރެވެ. ފްލެޓް ދޫކުރުމަށް ހަމަޖައްސާފައިވަނީ މާލޭ ރަށްވެހިންނަށް 4000 ފްލެޓާއި މާލޭގައި ރަށްވެހިނުވެ ދިރިއުޅޭ ފަރާތްތަކަށް 1500 ފްލެޓާއި ހާއްސަ ކެޓަގަރީތަކަށް 2400 ފްލެޓެވެ. ފްލެޓު އިމާރާތްކުރުމުގެ ބައެއް މަޝްރޫއުތައް އެކި ކުންފުނިތަކާ ހަވާލުކޮށް ފަށާފައިވާއިރު މި ދައުރުގެ ބާކީ އޮތް ދެ އަހަރު ތެރޭ އެ މަސައްކަތް ނިންމައި ހަވާލުކުރާނެ ކަމަށް ސަރުކާރުން ބުނެފައިވެއެވެ. އޭގެ އިތުރުން ރަސްމާލެ ހިއްކައި ފުރަތަމަ ބުރުގައި 15000 ގޯތި ދޫކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާއިރު ޖުމްލަ 25000 ގޯތި އެ ރަށުން ދޫކުރައްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް