ނޫހަކާއި ދެކޮޅަށް ހެރީ ކުރި ދައުވާ ނާކާމިޔާބުވެ، ގާނޫނީ ހަރަދަށްވާ 34 މިލިއަން ޕައުންޑު ދޭން ޖެހިއްޖެ

ޑެއިލީ މެއިލް ނޫހުގެ ޕަބްލިޝަރާ ދެކޮޅަށް ޕްރިންސް ހެރީ އާއި ސާ އެލްޓަން ޖޯން އާއި ލިޒް ހާލީ ހިމެނޭ ގޮތަށް ހަތް ފަރާތަކުން ހުށަހެޅި ޕްރައިވެސީ މައްސަލަ ނާކާމިޔާބުވެ 34.5 މިލިއަން ޕައުންޑާ ހަމައަށް ޤާނޫ...

22 Aug 2026 | 07:10
ޕްރިންސް ހެރީ --

ޕްރިންސް ހެރީ --

ޑެއިލީ މެއިލް ނޫހުގެ ޕަބްލިޝަރާ ދެކޮޅަށް ޕްރިންސް ހެރީ އާއި ސާ އެލްޓަން ޖޯން އާއި ލިޒް ހާލީ ހިމެނޭ ގޮތަށް ހަތް ފަރާތަކުން ހުށަހެޅި ޕްރައިވެސީ މައްސަލަ ނާކާމިޔާބުވެ 34.5 މިލިއަން ޕައުންޑާ ހަމައަށް ޤާނޫނީ ޚަރަދު ދައްކަންޖެހިދާނެ ކަމަށް ހައި ކޯޓުގެ ފަނޑިޔާރު ނިންމައިފިއެވެ.

އެ ހަތް ފަރާތުން ދައުވާކުރީ އެސޯސިއޭޓެޑް ނިއުސްޕޭޕާޒް ލިމިޓެޑް (އޭއެންއެލް) އިން ޣައިރު ޤާނޫނީ ގޮތެއްގައި މަޢުލޫމާތު ހޯދި ކަމަށް ބުނެއެވެ. ނަމަވެސް ޖުލައި ހަތެއްގައި ފަނޑިޔާރު ޖަސްޓިސް ނިކްލިން އެ ދައުވާތައް ބާތިލުކުރީ ދައުވާ ހުށަހެޅި ފަރާތްތަކުން ތުހުމަތުތައް ކުރިއަށް ގެންދިޔައީ "ނުހަނު މަތީ ދަރަޖައަކަށް ޒިންމާދާރުކަން ކުޑަ ގޮތެއްގައި" ކަމަށް ފާހަގަކޮށެވެ. އޭއެންއެލް އިން ދައުވާތައް ދޮގުކޮށްފައިވެއެވެ.

ދައުވާ ހުށަހެޅި ހަތް ފަރާތުގެ ތެރޭގައި ޑިއުކް އޮފް ސަސެކްސް ޕްރިންސް ހެރީގެ އިތުރުން ސާ އެލްޓަން ޖޯން އާއި އޭނާގެ ފިރިމީހާ ޑޭވިޑް ފާނިޝް އާއި ލިބެރަލް ޑިމޮކްރެޓްސްގެ ކުރީގެ ޑެޕިއުޓީ ލީޑަރު ސާ ސައިމަން ހިއުޒް އާއި ނަސްލީ ހަމަހަމަކަމަށް މަސައްކަތްކުރާ ބެރޮނެސް ލޯރެންސް އާއި ބަތަލާއިން ކަމަށްވާ ސެއިޑީ ފްރޮސްޓް އާއި ލިޒް ހާލީ ހިމެނެއެވެ.

ފަނޑިޔާރު ވަނީ އެ ފަރާތްތަކުން އަންނަ ހުކުރު ދުވަހުގެ ކުރިން 9.54 މިލިއަން ޕައުންޑުގެ ފުރަތަމަ ފައިސާ ދެއްކުމަށް އަންގައިފައެވެ. ދައުވާ ބާތިލުވުމާ ގުޅިގެން އިސްތިއުނާފު ކުރުމުގެ ފުރުޞަތު ދޭއް އޮކްޓޫބަރުގެ ނިޔަލަށް އެ ފަރާތްތަކަށް ލިބެއެވެ.

މައްސަލަ ބެއްލެވި ފަނޑިޔާރު ފާހަގަކުރީ ސީރިއަސް ޖިނާއީ ތުހުމަތު އެއްވެސް ފަރާތެއްގެ މައްޗަށް އެޅުވުމަށް ފަހު އެ ތުހުމަތުތައް ދޫކޮށް ނުލައި ބެހެއްޓުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. ނަމަވެސް 34 މިލިއަން ޕައުންޑަށް ވުރެ ބޮޑު ޚަރަދެއް ދައުވާ ކުރީ ފަރާތަށް ހޯދަން ހުށަހެޅުމަކީ "މާ ބޮޑު" އަދި "ކަންބޮޑުވުން އުފެދޭ" ކަމެއް ކަމަށް ވެސް ފަނޑިޔާރު ބުންޏެވެ. އެހެންނަމަވެސް އޭއެންއެލް އަށް ހޯދޭނެ ޚަރަދުގެ މިންވަރަށް ހައްދެއް ކަނޑައެޅުމުން ދުރުހެލިވީ އެކަމުގެ ސަބަބުން ބޭއިންސާފެއް ވެދާނެ ކަމަށް ބެލެވޭތީ ކަމަށް ފަނޑިޔާރު ފާހަގަކުރިއެވެ.

ދައުވާ ހުށަހެޅި ފަރާތްތަކުގެ އިންޝުއަރެންސުން ފޫބެއްދެނީ 16.2 މިލިއަން ޕައުންޑާ ހަމައަށް ކަމުން ބާކީ ގާތްގަނޑަކަށް 18 މިލިއަން ޕައުންޑު އަމިއްލައަށް ހަމަޖައްސަންޖެހުމުގެ ފުރުޞަތު އެ ފަރާތްތަކަށް ކުރިމަތިވެއެވެ. އޭއެންއެލް އިން ބުނީ އެ ނޫސް ގުރޫޕުން ދިފާޢުވުމަށް ޖުމްލަ 34.5 މިލިއަން ޕައުންޑު ހޭދަކުރަން ޖެހުނު ކަމަށެވެ.

ސާ ސައިމަން ހިއުޒް ބީބީސީ އަށް ބުނީ މި ނިންމުމާ މެދު "މާޔޫސް" ވެފައިވާ ކަމަށެވެ. "އަޅުގަނޑު މިހާރު ވަގުތު ނަގަމުން ދަނީ ދައުވާ އާއި ޚަރަދާ ގުޅޭ ނިންމުންތައް ދިރާސާކޮށް އިސްތިއުނާފު ހުށަހެޅުމާ މެދު ގޮތެއް ކަނޑައެޅުމަށެވެ" ހިއުޒް ބުންޏެވެ. ޖުލައި މަހުގެ ޙުކުމާ ގުޅިގެން ޕްރިންސް ހެރީ އާއި ބެރޮނެސް ލޯރެންސް ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ: "އަޅުގަނޑުމެން ކޯޓަށް ހާޒިރުވީ އިންސާފާއި ޖަވާބުދާރީކުރުވުން ހޯދުމަށެވެ. ނަމަވެސް އެއިން އެއްވެސް ކަމެއް ނުލިބުނެވެ."

ކޮސްޓް ޤާނޫނީ މާހިރެއް ކަމަށްވާ ކޮލިން ކެމްބެލް ބުނީ މި ނިންމުމަކީ އޭއެންއެލް އަށް ބޮޑު ކާމިޔާބީއެއް ކަމަށް ވިޔަސް ފަނޑިޔާރު 34.5 މިލިއަން ޕައުންޑުގެ ޚަރަދު ބިލާ މެދު "މާ ބޮޑު" އަދި "ކަންބޮޑުވާ" ކަމެއްގެ ގޮތުގައި ސިފަކޮށްފައިވާތީ ޚަރަދު ފައިނަލްކޮށް ހޯދާ މަރުހަލާގައި އެ ބަސްތަކުގެ ބޮޑު އަސަރެއް ފެނިދާނެ ކަމަށެވެ. މި ޤާނޫނީ ހަނގުރާމައިގެ ދެން އޮތް މުހިންމު މައިލް ސްޓޯނަކީ ދެ އޮކްޓޫބަރުގެ ކުރިން ދައުވާ ހުށަހެޅި ފަރާތްތަކުން އިސްތިއުނާފާ މެދު ގޮތެއް ނިންމުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް