އިންޑިއާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ރަންދީރު ޖައިޝްވާލް -
ސައުތު އޭޝިއަން އެސޯސިއޭޝަން ފޯ ރީޖަނަލް ކޯޕަރޭޝަން (ސާކް) ގެ މަސައްކަތްތައް ކުރިއަށް ނުގޮސް ހުއްޓިފައި އޮތީ ވަކި އެއް ގައުމެއްގެ ސަބަބުން ކަމަށް އިންޑިއާގެ ހާރިޖީ ވުޒާރާއިން ތަކުރާރުކޮށް ބުނެފިއެވެ.
ހަފުތާގެ ނޫސް ބައްދަލުވުމުގައި އެ ވުޒާރާގެ ތަރުޖަމާނު ރަންދީރު ޖައިޝްވާލް މިހެން ބުނީ ސާކްގެ 16 ވަނަ ސެކްރެޓަރީ ޖެނެރަލް ކަމަށް ބޫޓާނުން ހުށަހެޅި ކެންޑިޑޭޓާ ގުޅޭ ގޮތުން ކުރެވުނު ސުވާލުތަކަށް ޖަވާބު ދެމުންނެވެ. ޖައިޝްވާލް ބުނީ ސެކްރެޓަރީ ޖެނެރަލް ކެންޑިޑެސީގެ މިހާރުގެ ހާލަތު ބަލާނެ ކަމަށެވެ.
"ސާކާ ބެހޭ ގޮތުން އަޅުގަނޑުމެންގެ ސްޓޭންޑް ވަރަށް ސާފު. ކުރިއަށް ނުދާ ސަބަބު އަޅުގަނޑުމެންނަށް އެނގޭ އެކަމުގެ ޒިންމާ އުފުލަން ޖެހެނީ ވަކި އެއް ގައުމެއް" ކަމަށް ޖައިޝްވާލް ބުންޏެވެ.
ދަ ކަތަމަންޑޫ ޕޯސްޓުން ރިޕޯޓުކޮށްފައިވާ ގޮތުގައި ބޫޓާނުން ވަނީ ދާޝޯ ސޮނަމް ޓޮޕްގެ ސާކްގެ 16 ވަނަ ސެކްރެޓަރީ ޖެނެރަލް ކަމަށް ނޮމިނޭޓް ކޮށްފައެވެ. މިހާރު އެ މަގާމުގައި ހުރި ބަންގްލަދޭޝްގެ ގޮލާމް ސަރްވަރުގެ ތިން އަހަރުގެ ދައުރު އޮކްޓޫބަރު މަހުގެ ފަހުކޮޅު ހަމަވާނެއެވެ. ސާކްގެ މެމްބަރު ގައުމުތަކުގެ އަކުރު ތަރުތީބުން ބަލާއިރު ދެން އެ މަގާމު ހައްގުވަނީ ބޫޓާނަށް ކަމަށާއި ބާކީ ތިބި ހަތް މެމްބަރު ގައުމުން އެ ނޮމިނޭޝަން ފާސްކޮށްފި ނަމަ އޮކްޓޫބަރު ފަހުކޮޅު ޓޮޕްގޭ މަގާމާ ހަވާލުވާނެ ކަމަށް ވެސް އެ ނޫހުން ރިޕޯޓު ކޮށްފައިވެއެވެ.
މީގެ ކުރިން ޖުލައި މަހު ވެސް ޖައިޝްވާލް ވަނީ ސާކް ހުއްޓުވާ ގައުމާއި އެ ގައުމުގެ ހަރަކާތްތައް ސައުތު އޭޝިއާގެ ހުރިހާ ފަރާތްތަކަށް އެނގޭ ކަމަށް ބުނެފައެވެ. "ސަރަހައްދީ އެއްބާރުލުމާ ގުޅޭ ގޮތުން އިންޑިއާއިން ވަރުގަދަ ސަރަހައްދީ އެއްބާރުލުމަށް ތާއީދުކޮށް އެތައް އަހަރެއް ވަންދެން އެ މަގަށް މަސައްކަތް ކުރަމުން ދަނީ. ކޮން ގައުމެއްކަން އަދި ކޮން ހަރަކާތްތަކެއްކަން ސާކް ހުއްޓުވަނީ ސައުތު އޭޝިއާގެ އެންމެނަށް އެނގޭ... އެއްބާރުލުމަށް ބޭނުންވަނީ ހެޔޮ ނިޔަތް" ކަމަށް ޖައިޝްވާލް ބުންޏެވެ.
ރައީސް މުހައްމަދު މުއިއްޒު ވަނީ ސާކް އަލުން ދިރުވުމަށް ގޮވައިލައި ހިޔާލު ތަފާތުވުންތައް މަޝްވަރާގެ ތެރެއިން ހައްލުކުރުމަށް މެމްބަރު ގައުމުތަކަށް އިލްތިމާސް ކުރައްވައިފައެވެ. އެ މަނިކުފާނު ވިދާޅުވީ ދެ ފަރާތުގެ ދެމެދުގައި ހުރި ހިޔާލު ތަފާތުވުންތައް ހައްލުކުރެވެން ޖެހޭ ކަމަށާއި ރާއްޖެ އޮތީ އެ ހުއްޓުން ނިމުމަކަށް ގެނައުމުގައި މެދުވެރިއެއްގެ ދައުރު އަދާކުރުމަށް ތައްޔާރަށް ކަމަށެވެ. 43 ގައުމާއި ބައިނަލްއަގުވާމީ ޖަމިއްޔާތައް ތަމްސީލުކުރާ 113 ޑިޕްލޮމެޓުންގެ ކުރިމަތީގައި ރައީސް މުއިއްޒު ވަނީ ރާއްޖޭގެ ހާރިޖީ ސިޔާސަތާ ބެހޭ ގޮތުން ވެސް ވާހަކަފުޅު ދައްކަވައިފައެވެ.
ޕާކިސްތާނުގެ ސަރަހައްދު ހުރަސްކޮށް ޓެރަރިޒަމަށް ދޭ ތާއީދުގެ ސަބަބުން އިންޑިއާއާ އެކު އެއްވެސް މަޝްވަރާއެއް ކުރިއަށް ނުދާ ކަމަށާއި ޕާކިސްތާނުން އަފްގާނިސްތާނާ ދެކޮޅަށް ވެސް ހަރަކާތްތައް ހިންގާ ކަމަށް ރިޕޯޓުތައް ބުނެއެވެ. ސާކް ޖަމިއްޔާގައި ހިމެނެނީ އަފްގާނިސްތާން, ބަންގްލަދޭޝް, ބޫޓާން, އިންޑިއާ, ރާއްޖެ, ނޭޕާލް, ޕާކިސްތާން އަދި ސްރީ ލަންކާއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް